Roadha Mihaaru
މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ކަންކަން

މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ބައެއް ކަންކަން

07 ޖުލައި 2016

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަނެއްކޮޅުން އެކި ފަރާތްތަކުން ދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ.

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަނެއްކޮޅުން އެކި ފަރާތްތަކުން ދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ.

މިހާރު އޮތް ސުވާލަކީ ސަރުކާރުން ބޭނުންވިޔަސް އެކަން ކުރެވިދާނެ ހެއްޔެވެ؟ މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ދުނިޔޭގެ ޕްރެޝަރު ކިތައްމެ ބޮޑަށް އަޔަސް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އަދި އެކަން ކުރެވޭނެކަމުގެ ޔަގީންކަމެއް ނޫނެވެ. އެންމެ ފަހު ވަގުތު ވެސް އެކަން ހުއްޓުވުމުގެ ބާރު އޮތީ މަރުވި މީހާގެ ވާރިސުންނަށެވެ. އެންމެ ވާރިސަކު އެކަމާ، އެންމެ ފަހު ވަގުތު ދެކޮޅުހެދިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ހުމާމަށް މަރުގެ އަދަބު ދޭނެ އެވެ. އެކަމަކު އަދަބު ތަންފީޒުކުރުމުގެ މަރުހަލާގެ މަސައްކަތްތަކެއް ސަރުކާރަކުން އަދި ނުފަށަ އެވެ. ގަވާއިދުގައި ބުނާ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ވެސް އަދި ނޭނގެ އެވެ.

އުފައްދަން ޖެހޭ ކޮމެޓީ އަދިވެސް އެކުލަވައެއް ނުލާ

މަރުގެ އަދަބު ދިނުމުގެ ގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދަމަހައްޓައިފި ނަމަ، ގާނޫނީ ހުރިހާ އިޖްރާއަތުތަކެއް ފުރިހަމަވެފައިވާ ކަން ރައީސަށް އަންގާ ލިޔުން ތައްޔާރުކުރަން ހާއްސަ ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮޮމެޓީގައި ތިއްބަވާނީ ޕްރޮސެކިއުޓާ ޖެނެރަލާއި އުއްތަމަ ފަނޑިޔާރު ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާ ފަރާތަކާއި ކޮމިޝަނާ އޮފް ޕްރިޒަންސެވެ. މި ކޮމިޓީ އުފައްދާނީ ކޮން ފަރާތަކުން ކަމެއް ގަވާއިދުގައި ބުނެފައެއް ނުވެ އެވެ. އެ ގަވާއިދު ގެޒެޓްކުރީ ހޯމް މިނިސްޓްރީން ކަމަށް ވިޔަސް ކޮމިޓީ އެކުލަވާނީ އެ މިނިސްޓްރީންކަމެއް ކަނޑައަޅާފައެއް ނުވެ އެވެ.

ތިން މެމްބަރުންގެ ކޮމިޓީން ރައީސަށް އަންގާ ލިއުން ތައްޔާރުކުރާނެ ފޯމެޓް ހެދުމުގެ ބާރު އޮތީ ކޮމިޓީއަށެވެ. އެ ލިއުމުގައި ބުނަން ޖެހޭ މައިގަނޑު ވާހަކަ އަކީ، މަރުގެ އަދަބު ދިނުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ނިމިފައިވާ ކަމެވެ. މި ލިއުން ރައީސަށް ފޮނުވަން ޖެހެނީ މަރުގެ އަދަބު ސުޕްރީމް ކޯޓުން ދަމަހައްޓާތާ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

އެންމެ ފަހު ވަގުތު ވެސް ކުށްވެރިޔާ އަށް މައާފު ލިބުމުގެ ފުރުސަތު ގަވާއިދުގައި ބަންދެއް ނުކުރެ އެވެ. އަދި ވާރިސުންގެ ވިސްނުން ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެތީ މީޑިއޭޝަންގެ ބައި ކުރިއަށް ގެންދަން ޖެހޭނެ ކަމާއި އެ މަސްއޫލިއްޔަތު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ މަސައްކަތް ކުރަން ފަށާނީ ރައީސަށް ލަފާ ދޭ ކޮމެޓީގެ ލިއުން ރައީސަށް ފޮނުވުމުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ގަވާއިދަކު ނެތެވެ.

"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާ ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ،"

ބައެއް ވަކީލުން ގަބޫލުކުރާ ގޮތުގައި މީހެއްގެ މަރު ހިމެނޭ ކަމަކަށް ވާތީ މީޑިއޭޝަންގެ ބައި، ސުޕްރީމް ކޯޓުން ހުކުމް ދެމެހެއްޓުމާ އެކު ފަށަން ޖެހެ އެވެ. މަރުގެ އަދަބު ތަންފީޒުކުރަން އޮންނަ ދުވަހު ވެސް، ވާރިސުން ނުވަތަ ވާރިސަކު، މަރުގެ ދިޔައާ އެކު ނުވަތަ މަރުގެ ދިޔަ ނުހިމެނޭ ގޮތަށް ނަމަވެސް ގާތިލަށް މައާފުކޮށްފި ނަމަ އޭނާ ސަލާމަތްވާނެ އެވެ. މަރުގެ އަދަބު ނޫން އެހެން އަދަބެއް ދެން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅު

ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވިޔަސް ރާއްޖޭގައި މަރުގެ އަދަބު އަލުން ތަންޒީފުކުރުމާ ދެކޮޅު ފަރާތްތަކުގެ އަޑު އަންނަނީ ގަދަވަމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ދުންޔާ މައުމޫން ނެރުއްވި ބަޔާނެވެ. އޭނާ ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭތީ އެކަމާ އުފެދުނު ހިޔާލު ތަފާތުވުމުގަ އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅޭ އިރު ރާއްޖޭގެ ޝަރުއީ ނިޒާމްގެ ހަރުދަނާކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ހާލަތުގައި މަރުގެ އަދަބު ދޭން ފެށުމުން ރާއްޖޭގެ ތަސަައްވުރަށް ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބުކަން އަންނާނެ ކަމާއި ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ވާސިލްވާން ވެސް ހުރަހަކަށް ވާނެ ކަމަށް ދުންޔާ ގަބޫލްކުރައްވަ އެވެ.

"މިހެންވެ ހާރިޖީ ވަޒީރުކަމުގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާދީފީމެވެ،" ދުންޔާގެ ބަޔާނުގައި ވިދާޅުވި އެވެ.

ހުމާމްގެ އިތުރުން ގާތިލް މުއްރަތުގެ މަރުގެ ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި

ހުމާމްގެ އިތުރުން ގާތިލް މުއްރަތުގެ މަރުގެ ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި

އޭނާގެ އިތުރުން ދުނިޔޭގެ ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ތޯރިގު ރަމަޟާން ވަނީ ހުމާމް މެރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވަން ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާ ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ،" ސަރުކާރުގެ ދައުވަތަކަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ ވަޑައިގެން ތަގުރީރު ވެސް ކުރެއްވި ތޯރިގު، ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ލިއުއްވާފައިވެ އެވެ.

ހުމާމްގެ ޝަރީއަތުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އޭނާގެ ނަފުސާނީ މައްސަލައެއް ހުރި ކަމަށް އާއިލާ އިން ބުނެފައި ވިޔަސް ޝަރުއީ މަރުހަލާގައި އެކަން ބަލާފައި ނުވުން ހިމެނެ އެވެ. އަދި ހުމާމް މެރުން ފަސްކުރަން ޑރ. އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް ކޯޓުން ގޮތެއް ނުނިންމުމުގެ އިތުރުން އަފްރާޝީމްގެ 18 އަހަރު ނުފުރޭ ދެ ކުދިންގެ ބަސް ނުހޯދާ މަރުގެ އަދަބު ތަންފީޒުކުރަން އުޅުން ވެސް، ރަމަޟާން ނެންގެވީ، ޝަރީއަތުގައި ފުރިހަމަ ނުވާ ކަންކަމުގެ ގޮތުގަ އެވެ.

"މިކަމުން އަނެއްކާވެސް އެނގިގެން ދަނީ [ހުމާމްގެ ޝަރީއަތުގައި] އިސްލާމީ އުސޫލުތައް އޮޅުވާލައިގެން ތަރުޖަމާކޮށްފައިވާ ކަމެވެ،" ދެ ވާރިސުންގެ ބަހެއް ނެތި ހުމާމަށް މަރުގެ އަދަބު ދޭން ނިންމި ނިންމުމަށް އިޝާރަތްކުރައްވާ ރަމަޟާން ވިދާޅުވި އެވެ.

ރައީސް ޔަމީންގެ ވާހަކަފުޅަށް ބަލާއިރު މަރުގެ އަދަބު ތަންފީޒުކުރާނެކަމުގެ ބިރު އެބަ އޮތެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ގެންދަނީ އެކަން ހުއްޓުވައިދޭން ރައީސްގެ އަރިއަހަށް ސިޓީ ފޮނުވުމާއި ޕެޓިޝަންތައް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އެކަމަކު ސަރުކާރުން އެކަން ހުއްޓުވާފާނެކަމުގެ ނިޝާންތަކެއް ރައީސްގެ ވާހަކަފުޅަކުން އަދި ނުލިބެ އެވެ.