Roadha Mihaaru
އީޔޫ އިން ވަކިވުމާ އެކު ސްކޮޓްލެންޑުން ގޮތެއް ނިންމަނީ

އިނގިރޭސިންގެ ނިންމުމާ ގުޅިގެން ސްކޮޓްލެންޑުގެ ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް

25 ޖޫން 2016

އެޑިންބަރާ (ޖޫން 25) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބުރާސްފަތި ދުވަހުގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ނިންމުމާ އެކު ސްކޮޓްލެންޑުގެ ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެޑިންބަރާ (ޖޫން 25) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބުރާސްފަތި ދުވަހުގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ނިންމުމާ އެކު ސްކޮޓްލެންޑުގެ ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ވޯޓުގައި ސްކޮޓްލެންޑާއި ނޮދަން އައިލެންޑުން ނިންމާފައި ވަނީ އީޔޫ އިން ވަކި ނުވެ އެ ޖަމާއަތުގެ މެންބަރު ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމި އޮތުމަށެވެ. ވޭލްސާއި އިންގްލެންޑުން ނިންމާފައި ވަނީ އީޔޫ އިން ވަކިވުމަށެވެ. އީޔޫގައި ދެމި އޮތުމަށް ސްކޮޓްލެންޑުގެ 62 ޕަސެންޓް މީހުން ވޯޓުދީފައިވެ އެވެ. އީޔޫ އިން ވަކިވުމަށް ފެނޭތޯ ނެގި ވޯޓުގައި ޔޫރަޕުގެ 28 ގައުމުގެ ޖަމާއަތުން ވަކިވުމަށް ޔޫކޭގެ 52 ޕަސެންޓް މީހުން ވޯޓުދީފައިވެ އެވެ.

ފަސްޓް މިނިސްޓަރު ނިކޮލާ ސްޓާޖަން ވިދާޅުވީ ސްކޮޓްލެންޑުގެ ރައްޔިތުންގެ ހިތާދެކޮޅަށް އެ މީހުން އީޔޫ އިން ބޭރުކޮށްލުމަކީ ޑިމޮކްރެޓިކް ގޮތުން ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޔުނައިޓެޑް ކިންގްޑަމުގެ ދަށުން ސްކޮޓްލެންޑް ވަކިވުމަށް ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އަދި ސްކޮޓިޝް ނޭޝަނަލް ޕާޓީގެ ލީޑަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވޯޓުގެ ނަތީޖާއާ އެކު ގްލާސްގޯ އާއި އެޑިންބަރާގައި އެތައް ހާސް ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސްޓާޖަން ވިދާޅުވީ ސްކޮޓްލެންޑާއި އިނގިރޭސިވިލާތުގެ އެހެން ހިސާބުތަކާ މިހާރު ވަރަށް ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ.

ސްކޮޓްލެންޑުގެ ކެބިނެޓުގެ ބައްދަލުވުމުގައި ވަނީ ދެން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. ސްޓާޖަން ވިދާޅުވީ މިނިވަންކަމަށް ރައްޔިތުން ބޭނުންވޭތޯ ބެލުމަށް ދެ ވަނަ ވޯޓަކަށް ދިއުމަށް ސްކޮޓްލެންޑް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. ޔޫކޭ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް ސްކޮޓްލެންޑުގައި 2014 ވަނަ އަހަރު ވެސް ވަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފަ އެވެ.

އީޔޫ އިން ވަކިވުމަށް އިނގިރޭސިން ނިންމުމާ އެކު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. --އޭއެފްޕީ