Roadha Mihaaru
ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ

ކެމަރަން ނެތި އީޔޫގެ ލީޑަރުން ބައްދަލު ކުރަނީ

29 ޖޫން 2016

ބްރަސަލްސް (ޖޫން 29) - ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުންގެ ސަމިޓުގެ ދެ ވަނަ ދުވަހުގެ ބައްދަލުވުންތައް ބްރަސެލްސްގައި މިއަދު ކުރިއަށްދާ އިރު އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބްރަސަލްސް (ޖޫން 29) - ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުންގެ ސަމިޓުގެ ދެ ވަނަ ދުވަހުގެ ބައްދަލުވުންތައް ބްރަސެލްސްގައި މިއަދު ކުރިއަށްދާ އިރު އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އީޔޫ އިން ވަކިވުމަށް އިނގިރޭސިން މިދިޔަ ހަފުތާގައި ދިން ވޯޓަށް ފަހު ބޮޑު ވަޒީރު ކެމެރަން އީޔޫގެ 27 ލީޑަރުންނަށް އިއްޔެ ވިދާޅުވެފައި ވަނީ ކުރިމަގުގެ ގުޅުންތައް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ވިޔަފާރި އާއި ސަލާމަތީ ދާއިރާގެ އެއްބާރުލުން މުހިންމުވާނެ ކަމަށެވެ.

އީޔު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އީޔު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ބްރަލްސަލްސްގައި އީޔޫގެ ލީޑަރުންނާ އެކު ކެމަރަން އިއްޔެ ބޭއްވި ބައްދަލުވުމަކީ އެމަނިކުފާނުގެ އީޔޫގެ ފަހު ސަމިޓެވެ. ވޯޓުގެ ނަތީޖާ އަށް ފަހު އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވާނެ ކަމަށް ކެމަރަން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އީޔޫގެ އަނެއް 27 ގައުމުން ބްރަސަލްސްގައި މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދަނީ އިނގިރޭސިވިލާތް ނުހިމަނާ އެ ޖަމާއަތުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

އީޔު ސަމިޓުގައި އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އެސްޓޯނިއާގެ ބޮޑު ވަޒީރާ އެކު. --ފޮޓޯ:އޭއެފްޕީ

އީޔު ސަމިޓުގައި އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އެސްޓޯނިއާގެ ބޮޑު ވަޒީރާ އެކު. --ފޮޓޯ:އޭއެފްޕީ

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ އިނގިރޭސި ރައްޔިތުންގެ ނިންމުމަށް އީޔޫ އިން އިހްތިރާމް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަނާ އާއި އީޔޫގެ އެހެން ލީޑަރުން ވެސް ވަނީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ކަންކަން އަވަސް ކުރުމަށް އެ ގައުމަށް ގޮވާލައިފަ އެވެ. އަދި އީޔޫ އިން ވަކިވުމަށް އިނގިރޭސިވިލާތުން އިސް ނެގުމުން ނޫނީ ރަސްމީ އަދި ނުރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އީޔޫގެ ލީޑަރުން ވަނީ ބުނެފަ އެވެ.