Roadha Mihaaru
ޚިޔާލު ހޯދުމުގެ އާ ވޯޓެއް ނަގަން 1.5 މިލިއަން ސޮއި

ޚިޔާލު ހޯދުމުގެ ދެ ވަނަ ވޯޓެއް ނަގަން 1.5 މިލިއަން މީހުން ސޮއިކޮށްފި

25 ޖޫން 2016

ލަންޑަން (ޖޫން 25) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ޚިޔާލު ހޯދުމުގެ ވޯޓުން ދެއްކި ނަމަވެސް އެ ނިންމުން އަނބުރާ ގެންގޮސް އާ ވޯޓެއް ނަގަން މިލިއަނަކަށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖޫން 25) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ޚިޔާލު ހޯދުމުގެ ވޯޓުން ދެއްކި ނަމަވެސް އެ ނިންމުން އަނބުރާ ގެންގޮސް އާ ވޯޓެއް ނަގަން މިލިއަނަކަށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.

މި ޕެޓިޝަނުގައި މިހާރު ވަނީ 1.5 މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފަ އެވެ. ޕެޓިޝަނެއްގައި ލައްކަ އަކަށް ވުރެ ގިނަ މީހުން ސޮއިކޮށް ޕާލަމެންޓަށް ހުށަހަޅައިފި ނަމަ އެ ހުށަހެޅުމަކާ ގުޅޭ ގޮތުން ޕެޓިޝަން ކޮމިޓީން އެ މައްސަލަ ހައުސް އޮފް ކޮމަންސް އަށް ގެންދާނެ އެވެ.

އީޔޫ އިން ވަކިވާން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ވަކިވުމަށް ވަނީ 52 ޕަސެންޓް މީހުން ތާއީދުކޮށްފަ އެވެ. އެކަމަކު ލަންޑަން، ސްކޮޓްލެންޑް އަދި ނޮދަން އައިލެންޑުން ވަނީ އީޔޫގައި އިނގިރޭސިވިލާތް އޮތުމަށް ތާއީދުކޮށްފަ އެވެ.

ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ރަސްމީ ގެކޮޅުގެ ބޭރުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:ބީބީސީ

ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ރަސްމީ ގެކޮޅުގެ ބޭރުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:ބީބީސީ

ވޯޓުގެ ނަތީޖާ އަށް ފަހު ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޚިޔާލު ހޯދުމުގެ ދެ ވަނަ ވޯޓެއް ނުނަންގަވާނެ ކަމަށް ކެމަރަން ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވެސް ވަނީ ޚިޔާލު ހޯދުމުގެ އިތުރު ވޯޓެއް ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ވޯޓު ނަގާ ނިމިއްޖެ. ރައްޔިތުން ގޮތެއް ނިންމައިފި. އެހެންވީމާ ދެން އޮތް ގޮތަކީ އެ ގޮތް ގަބޫލުކޮށް އީޔޫ އިން ވަކިވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން،" ކޯބީން ވިދާޅުވި އެވެ.

އަނެއްކޮޅުން އެހެން ޕެޓިޝަނެއްގައި އެއްލައްކަ އަށް ވުރެ ގިނަ މީހުން ސޮއިކޮށް ލަންޑަނުގެ މޭޔަރު ސިއްދީގު ޚާން އަށް ވަނީ ޔޫކޭ އިން ލަންޑަން ވަކިވެ އަލުން އީޔޫގައި ބައިވެރިވުމަށް ގޮވާލައިފަ އެވެ. ޚާން ވަނީ ލަންޑަނަކީ ކާމިޔާބު ސިޓީއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށާއި އަދި ޔޫކޭ އަކީ ސިންގަލް މާކެޓުގެ ބައެއްގެ ގޮތުގައި އޮތުމަށް ވަނީ ގޮވާލައްވައިފަ އެވެ.

އިނގިރޭސި ވިލާތުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓު އީޔޫ އިން ވަކިވުމަށް ތާއީދު ކުރި މީހުންގެ ކޮޅަށް ކާމިޔާބުވުމުން އުފާފާޅު ކުރަނީ.

އިނގިރޭސި ވިލާތުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓު އީޔޫ އިން ވަކިވުމަށް ތާއީދު ކުރި މީހުންގެ ކޮޅަށް ކާމިޔާބުވުމުން އުފާފާޅު ކުރަނީ.

ލަންޑަނުގެ ކުރީގެ މޭޔަރު ބޮރިސް ޖޯންސަން ވަނީ އީޔޫ އިން ވަކިވުމަށް ވަރަށް ބޮޑަށް ކެމްޕޭން ކުރައްވައިފަ އެވެ. ކެމަރަން އަށް ފަހު ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޖޯންސަން އެވެ.

ބުރާސްފަތި ދުވަހުގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 46.5 މިލިއަން މީހުންގެ ތެރޭން 72.2 ޕަސެންޓް މީހުން ވޯޓު ދީފަ އެވެ. މިދިޔަ އަހަރުގެ އާއްމު އިންތިޚާބުގައި ވޯޓު ދީފައި ވަނީ 66.1 ޕަސެންޓް މީހުންނެވެ. ސްކޮޓްލެންޑް މިނިވަންވާން 2014 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ވަނީ 84.6 ޕަސެންޓް މީހުން ވޯޓު ދީފަ އެވެ. ނަވާރަ ސަތޭކަ ނުވަ ދިހަ ދެ ވަނަ އަހަރުގެ ފަހުން އެއްވެސް އާއްމު އިންތިޚާބެއްގައި 75 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާން ނުކުމެފައެއް ނުވެ އެވެ.