Roadha Mihaaru
ދައުވާ އަށް ޖަވާބުދާރީވާން ފާރިސަށް އިތުރު ފުރުސަތެއް

ބަންދުގައި ހުރުމުން، ދައުވާ އަށް ޖަވާބުދާރީވާން ފާރިސަށް އިތުރު ފުރުސަތެއް

23 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާއަށް ޖަވާބުދާރީވާން ތައްޔާރުނުވެވޭތީ އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާއަށް ޖަވާބުދާރީވާން ތައްޔާރުނުވެވޭތީ އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ފާރިސް އަށް އެ ފުރުސަތު ދިނީ މި ވަގުތު އެހެން ބަންދެއްގައި ހައްޔަރުކޮށްފައި ހުންނެވުމުން ތައްޔާރުނުވެވުނީ ކަމަށް ޝަރީއަތުގައި ވިދާޅުވުމުންނެވެ.

ޕީޕީއެމްގެ ލޯގޯ އާއި ދިދަ ގަވާއިދާ ޚިލާފަށް ބޭނުން ކުރެއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް ފަށާފައި ވަނިކޮށް އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކޮށް، އެ ތަހުގީގާއި އެކަމާ ގުޅޭ ޝަރީއަތް ނިމެންދެން ބަންދު ކުރިއިރު ޝަހްސު އޮޅުވާލުމުގެ ދައުވާ އަށް ޖަވާބުދާރީވާން ކޯޓުން އޮތީ ކުރިން ފުރުސަތު ދީފަ އެވެ.

މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މައްސަލައަށް ތައްޔާރުވާން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، ޝަކުވާ ކުރައްވައިފަ އެވެ.

މައުމޫން ވިދާޅުވީ މިދިޔަ ބުދަދުވަހު ފާރިސް ހައްޔަރު ކުރުމަށް ފަހު އޭނާއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ވަކީލުންނަށް ނުލިބޭ ކަމަށާއި މިދިޔަ ހަފުތާ ބަންދުގައި ވެސް ފާރިސާ ބައްދަލު ނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައ ޝަރީއަތަށް ގަސްދުގައި ހުރަސް އަޅަމުން ގެންދަނީ ފުލުހުންނެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ރިޝްވަތު ތުހުމަތުގައި ފާރިސާ މިއަދު ހެނދުނު ފުލުހުން ސުވާލުކުރުމެވެ.

ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދޭން މައުމޫން އެދިވަޑައިގަތުމުން ދައުލަތުން އެކަމަށް ދެކޮޅެއް ނެހެދި އެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ޖަވާބުދާރީވާން އިތުރު ފުރުސަތެއް ފާރިސަށް ދެއްވައިފަ އެވެ. އެކަމަކު މިއީ އެކަމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ޖަވާބުދާރީވާން ބާއްވާ އަޑުއެހުން އޮންނާނީ މި މަހުގެ 31 ގަ އެވެ.

ގާޒީ ވިދާޅުވީ ފާރިސާ ބައްދަލުކުރެވޭނެ އިންތިޒާމް ވަކީލުންނަށް ހަމަޖައްސައިދޭން ފުލުހުންނަށް ކޯޓުން އަންގާނެ ކަމަށެވެ.

ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހާޒިރުވެވަޑައިގެން އިންނެވި ޝަރީއަތުގައި ވަކީލް މައުމޫން ވަނީ ފާރިސް ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށް ވިދާޅުވެ، ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފާރިސް ބަންދުކޮށްފައި ހުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ކަމަށާއި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގީ ވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.

ފާރިސާއި މައުމޫން މިއަދު ކޯޓު ތެރޭގައި ބައްދާލައްވަނީ --ފޮޓޯ/ސޯޝަލް މީޑިއާ

ފާރިސާއި މައުމޫން މިއަދު ކޯޓު ތެރޭގައި ބައްދާލައްވަނީ --ފޮޓޯ/ސޯޝަލް މީޑިއާ

އެކަމަކު ގާޒީ އިބްރާހިމް ވިދާޅުވީ ފާރިސް ބަންދުގައި ހުންނެވީ މިއަދު ޝަރީއަތް ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށް ނުވާތީ އެކަމާ މެދު އެއްވެސް ނިންމުމެއް ނިންމެވެން ނެތް ކަމަށެވެ. ފާރިސް ބަންދު ކުރަން ނެރުނު އަމުރާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް ފާރިސް ކޯޓަށް ގެނައިއިރު ކޯޓު ތެރޭގައި އެވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން، ފާރިސާ ބައްދާލެއްވި ވަގުތު މައުމޫންގެ ލޯފުޅުން ކަރުނަ ފެނުނެވެ. މިއީ ޝަރީއަތުގެ އަޑުއެހުމަކަށް ފަހުގެ ތާރީޚެއްގައި މައުމޫން ވަޑައިގަތް ފުރަތަމަ ފަހަރެވެ.

ދަރިކަނބަލުން ޔުމްނާ މައުމޫނާއި އަރިސް ބައެއް ބޭފުޅުންނާ އެކު މައުމޫން އަޑުއެހުމުގައި އިންނެވީ އާންމުންނާ ތަފާތުކޮށް، ޚާއްސަ އިންތިޒާމްތަކެއްގެ ދަށުންނެވެ. އެމަނިކުފާނަށް ބޭނުންފުޅުވާ ބައެއް ތަކެތި ކޯޓުން ފޯރުކޮށްދިނެވެ. އެކަަމަކު ޝަރީއަތުގައި އޮންނަ އާންމު އުސޫލުގެ ދަށުން، ގާޒީ ވަދެވަޑައިގަންނަވާއިރު އަދި ނިކުމެވަޑައިގަންނަވާއިރު އެންމެން ވެސް ކޮޅަށް ތެދުވަން ޖެހޭ ބީދައިން މައުމޫން ވެސް ތެދުވެވަޑައިގަތެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އެންމެ ބޮޮޑު އަދަބަކަށް ވެސް ދެވޭނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމާ އެކު ފާރިސްގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި ފާރިސަށް މަޖިލީހަކަށް ހާޒިރެއް ނުވެވޭނެ އެވެ.