Roadha Mihaaru
ޝަރުތުތަކާ އެކު ފާރިސް މިނިވަންކޮށްފި

ޝަރުތުތަކާ އެކު ފާރިސް މިނިވަންކޮށްފި

25 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރާ ގުޅިގެން ހަ މަސް ވަންދެން ޖަލު ބަންދުގައި ހުންނެވި ފާރިސް ކޯޓުން މިއަދު މިނިވަންކުރީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ އަމަލެއް ނުކުރުމާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ފާރިސް ދޫކޮށްލަން ނިންމެވީ އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ފާރިސް ބަންދުގައި ހޭދަކޮށްފައިވުމާއި މިހާތަނަށް އައިއިރު އެ މައްސަލައަށް އަސަރު ފޯރާނެ ފަދަ ކަމެއް ހިނގާފައިވާ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި އެގޮތަށް ނިންމެވުމުގައި، އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި އެކަމުގައި ވަށައިގެންވާ ކަންކަމަށް ވެސް ރިއާޔަތް ކުރައްވާފައިވާ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ވެސް ގާނޫނު އަސާސީން ހައްގުތަކެއް ލިބިދޭކަން ފާހަގަ ކުރައްވަމުން ގާޒީ އާދަމް ވިދާޅުވީ ފާރިސް ބަންދުގައި ހުންނައިރު ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުލިބޭކަމުގެ ޝަކުވާ ފާރިސްގެ ފަރާތުން ތަކުރާރުކޮށް ހުށަހަޅާފައިވާ ކަމަށެވެ. ފާރިސް ދޫކޮށްލަން ނިންމެވުމުގައި، އެ މައްސަލާގައި މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިިިކޮށް ފޮރެންސިކް ތަހުލީލެއް ކުރަން ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ވެސް ގާޒީ ރިއާޔަތް ކުރެއްވި އެވެ.

ފާރިސް ބަންދުން ސަލާމަތްވުމުން، އޭނާގެ ޅިޔަނު ނަދީމް ކްރިމިނަލް ކޯޓުގެ ބޭރުގައި މިއަދު ފާރިސްއާ ބައްދާލައްވައި އުފާކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފާރިސް ބަންދުން ސަލާމަތްވުމުން، އޭނާގެ ޅިޔަނު ނަދީމް ކްރިމިނަލް ކޯޓުގެ ބޭރުގައި މިއަދު ފާރިސްއާ ބައްދާލައްވައި އުފާކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގާޒީ ވިދާޅުވީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލެއް ކުރަން ފާރިސް ހުށަހެޅި ހުށަހެޅުމަށް ދައުލަތުން ދެކޮޅު ނަހަދާތީ އެ ފުރުސަތު ޝަރީއަތުން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ވަގުތުތަކެއް ދޭން ޖެހޭއިރު އެ ތަހުލީލުތައް ކުރަން ދިގު މުއްދަތެއް ހޭދަވެގެން ހިނގައިދާނެ ކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ފާރިސް ދޫކޮށްލަން ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް އޭނާ އެއްބަސްވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ފާރިސް ވަނީ އެ ޝަރުތުތަކަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ފާރިސް ދޫކޮށްލަން ނިންމުމާ އެކު، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ބާތިލްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސް ދޫކޮށްލަން ނިންމެވިކަން ގާޒީ އާދަމް އިއުލާން ކުރެއްވުމާ އެކު، އެވަގުތު ކޯޓު ރޫމު ތެރޭގައި ތިބި ފާރިސްގެ އާއިލާގެ ބައެއް މެމްބަރުންގެ ރުއިމުގެ އަޑު ގަދަވެގެން ދިޔަ އެވެ. ފާރިސްގެ އެއްބަނޑު އެއްބަފާ ދައްތަ ޔުމްނާ މައުމޫން ވެސް އެވަގުތު ކޯޓު ރޫމުގައި އިންނެވި އެވެ.

ފާރިސް ދޫކޮށްލަން ނިންމެވުމުގެ ކުރިން، އަޑުއެހުން ފެއްޓެވުމަށް ފަހު ގާޒީ އާދަމް ވަނީ ފާރިސްގެ ފަރާތުން މީގެކުރިން ފާހަގަކުރި ޝަކުވާތަކާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވައިފަ އެވެ. އެ ފުރުސަތުގައި ފާރިސް އާއި އޭނާގެ ވަކީލުން ވެސް އެންމެ ބޮޑަށް ފާހަގަކުރީ ބަންދުގައި ހުންނަން ޖެހުމުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ އެވެ. ފާރިސްގެ ވަކީލް މައުމޫން ވިދާޅުވި ގޮތުގައި އެންމެ ބޮޑު ޝަކުވާއަކީ އޭނާ ބަންދުގައި ހުންނަން ޖެހުމެވެ.

ބަންދުން މިއަދު ދޫކޮށްލުމާއެކު، ކޯޓުން ނުކުމެވަޑައިގެން ފާރިސް އޭނާގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބަންދުން މިއަދު ދޫކޮށްލުމާއެކު، ކޯޓުން ނުކުމެވަޑައިގެން ފާރިސް އޭނާގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ފާރިސް ބަންދުން މިނިވަންވެއްޖެ ނަމަ އަޅުގަނޑުމެންގެ ހުރި ޝަކުވާތަކުގެ 90 ޕަސެންޓް ހައްލުވީ،" ފާރިސް ބަންދުގައި ހުންނަ ހުރުމާ ގުޅޭގޮތުން ކުރިން ވެސް ކަންބޮޑުވުން ފާޅު ކުރެއްވި ވަކީލް މައުމޫން މައުމޫން ހަމީދު މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާއިރު އެ އަޑުއެހުމުގައި އޮންނާނީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ކުރަން ފާރިސްގެ ފަރާތުން އެދުނު އެދުމާ ގުޅިގެން، އެ ތަހުލީލުތައް ކުރެވޭނެ ގޮތުގެ މައުލޫމާތު ފާރިސްގެ ފަރާތުން ކޯޓަށް ހުށަހެޅުމެވެ.

ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ފާރިސްގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލާފައި އޮތަސް، އެ މައްސަލައިގެ ހުކުމެއް ހައި ކޯޓުން އަދި ނީއްވަ އެވެ. ފާރިސް ބަންދުގައި ހުންނެވި މުއްދަތުގައި އޭނާއަށް މަޖިލީހަށް ހާޒިރެއް ނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުން ވަކީލުން ކުރިން ވަނީ ކޮށްފަ އެވެ.