Roadha Mihaaru
މުޒާހަރާ ލައިވް ކުރުމަށް ހުރަހެއް ނޭޅޭނެ

މުޒާހަރާ ލައިވް ކުރުމަށް ހުރަހެއް ނޭޅޭނެ، އެއީ އަސާސީ ހައްގެއް: އިދިކޮޅު ފަރާތްތައް

23 ޖުލައި 2017

ހަމަޖެހިފައިވާ ގޮތަށް އިދިކޮޅު ފަރާތްތަކުގެ އެއްވުން މާދަމާ ބާއްވާނެ ކަމަށާއި އެއީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ކަށަވަރުވެފައި އޮތް މިނިވަން ކަމެއް ކަމަށް ބުނެ، އެކަމަށް ސަރުކާރުން ކުރާ ދުއްތުރާތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

ހަމަޖެހިފައިވާ ގޮތަށް އިދިކޮޅު ފަރާތްތަކުގެ އެއްވުން މާދަމާ ބާއްވާނެ ކަމަށާއި އެއީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ކަށަވަރުވެފައި އޮތް މިނިވަން ކަމެއް ކަމަށް ބުނެ، އެކަމަށް ސަރުކާރުން ކުރާ ދުއްތުރާތައް ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި އެވެ.

މ. ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ފަރާތްތަކުން ބުނީ މާދަމާގެ އެއްވުމާ ދެކޮޅަށް ކުރާ އެއް ޖެއްސުމަކީ އެ އިވެންޓް ލައިވް ނުކުރެވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި އެންގުން ކަމަށެވެ.

"ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެއް،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވި އެވެ. "ބްރޯޑްކާސްޓަރުން ވެސް ގާނޫނީ އިމުގެ ތެރެއިން އެކަން ކުރާ ކަމަށް ވަންޏާ އެކަމަކަށް ހުރަހެއް ނޭޅޭނެ. އެކަހަލަ އެއްވުމެއް ހުއްޓުވުމަށް އެއްވެސް ގާނޫނަކުން ވެސް ހުރަހެއް ނޭޅޭނެ، ބަޔަކަށް ލިބިފައި އޮތް ހައްގެއް ބޭނުންކުރާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ."

ބްރޯޑްކޮމްގެ ބައްދަލުވުމެއްގައި މިއަދު ނިންމާފައި ވަނީ ފުލުހުންގެ ހުއްދަ ނެތި، ގާނޫނާ ޚިލާފަށް ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ޕްރޮމޯޓް ކުރުމާއި ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އެއްވެސް ގާނޫނަކާ ޚިލާފުވާ ނަމަ، އޭގެ ފުރިހަމަ ޒިންމާ އެ ބްރޯޑްކާސްޓަރަކު ނަގަންޖެހޭނެ ކަމަށެވެ.

ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވީ މިއީ ބިރުދެއްކުމެއް ކަމަށާއި "އެގޮތަކަށް ބިރެއް ނުދެއްކޭނެ" ކަމަށެވެ.

"އެ ބޭފުޅުންނަށް [ބްރޯޑްކޮމް އަށް] އޮންނަނީ ކަމެއް ހިނގައިފިއްޔާ އެކަމަކަށް ފިޔަވަޅު އެޅުން،" ވައްޑެ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެފަދަ އަމަލުތަކަށް "އެބޭފުޅުން އަދި ޖަވާބުދާރީވާން ޖެހޭނެ" ކަމަށެވެ.

"އެބޭފުޅުން ވެސް ގާނޫނުގެ ކުރިމައްޗަށް ގެންނާނަން."

ގާނޫނު އަސާސީގެ 63 ވަނަ މާއްދާއާ ހަވާލާދެއްވައި، މަކުނުދޫ ދާއިރާގެ އަނާރާ ނައީމް ވިދާޅުވީ ކުރިއަށް މި ނެރެވެނީ ހައްގެއް ކަމަށާއި ހިޔާލު ފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ސަގާފަތަކަށް ވެފައި މިއޮންނަނީ ވެރިކަމަށް އެއްޗެއް ވެސް ބުނުމަކީ ގޯހެކޭ. އެކަމަކު މިނިވަން ކަމާއެކު ހިޔާލުފާޅުކުރުމުގެ އިހުތިޔާރާއި ހުރިހާ ބާރެއް އެބަ އޮވޭ ރައްޔިތުންނަށް ލިބިފައި. މި ހައްގުތައް ކަށަވަރު ކުރުން އެއީ މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

މާދަމާ ބާއްވާ އެއްވުމަށް އެކި ރަށްރަށުން މާލެ އަށް މީހުން އަރަން އިދިކޮޅު ފަރާތްތަކުން ގޮވާލައިފައިވާއިރު، އެ އިވެންޓް ލައިވް ނުކުރާ ގޮތަކަށް އެއްވެސް މީޑިއާއަކުން އަދި ނުނިންމަ އެވެ. ބައެއް ޓީވީ ޗެނަލްތަކުގެ މުވައްޒަފުން އަމިއްލަ ގޮތުން ބުނެފައި ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަކީ އަސާސީ ހައްގެއް ކަމަށާއި ލައިވް ކުރުމަށް ހުރަސް ނޭޅޭނެ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް އެފަދަ އިންޒާރެއް ނުވެސް ދެވޭނެ ކަމަށް އެ މީހުން ދެކެ އެވެ.