ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
24 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓުތައް ތަޅުލައި، ސިފައިން ދަނީ ދެ ފަރާތު ގޭޓް ކައިރީގައި ފޯރިމަރަމުންނެވެ. އަދި މަޖިލީހުގެ އިދާރީ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު އެ ތަނަށް ވަނުން ވަނީ މަނާކޮށްފަ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ އިދާރާ އަށް ވަންނަ ގޭޓުތަކުގައި ތަޅު އެޅުވުމުގެ ބާރު ސިފައިންނަށް ނޯންނާނެ ކަމަށެވެ. އަދި މެމްބަރުންނަށް ކޮންމެ ގަޑިއެއްގައި ވެސް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިފައިންނަށް މަޖިލީހުގެ ގޭޓުތަކުގައި ތަޅެއް ނޭޅުވޭނެ. މިއީ ދައުލަތުގެ އެއް ބާރު ހުއްޓުވަން ސިފައިން ހިންގި އަމަލެއް ކަމަށް ދެކެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަންނަވާއިރު، ހުރަސް ނޭޅުމަށް ސިފައިންނަށް ގޮވާލައްވައިފަ އެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުންނެވެ.
މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ސަލާމަތީ ބާރުތަކުން މަޖިލީހުގެ އިދާރާގައި ތަޅު އެޅުވި މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.
ހޭޝް ޓެގަކާއެކު ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ ހުދުމުހުތާރު ވެރިކަމަކަށް ނޫނެކޭ ވިދާޅުވެފަ އެވެ.
Raajjeyge Rayyithunge Majlis ga @MNDF_Official thalhu alhuvaa membarunves Majlis ah nuvahdhan amurukoffi. QA aa khilaaf nuvumah govaalan pic.twitter.com/SD9sHgnBcA
— Ahmed Mahloof (@AhmedMahloof) July 24, 2017
މަހްލޫފް ކުރެއްވި ޓުވީޓު.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ސިފައިން ތަޅު އަޅުވައި މެމްބަރުން މަޖިލީހަށް ނުވައްދަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ސިފައިން ގާނޫނުއަސާސީއާ ހިލާފު ނުވުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.
"ސިފައިންގެ ޗީފްއާ ވާހަކަ ދެއްކިން. އަޅުގަނޑު އެދުނިން ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވެ، ނިންމުން އަނބުރާ ގެންދިއުމަށް. އެކަމަކު ޖަވާބުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް، ކޮމެޓިއެއް ވެސް ނެތެއް ނޫންތޯއޭ،" މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ނޯންނާނެ ކަމަށާއި އެންމެ އަވަހަށް ވެސް ދެން ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ ބުނެފަ އެވެ.
މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭގައި ސޮއި ކުރެއްވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ވަނީ ބާތިލު ކޮށްފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ މިއަދު މަޖިލީހުގެ ޖަލްސާ ބާއްވައި މަސީހް މަގާމުން ވަކި ކުރާނެ ކަމަށެވެ.
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ
މަސީހަށް އިންޒާރެއް: ވަކިކުރުމުގެ ކުރިން އިސްތިއުފާދީ!
ސެކިއުރިޓީންގެ އަމަލުތަކުން ރިޔާޒް ހިތްހަމަނުޖެހިއްޖެ
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
ރިއާސަތުގެ މޭޒު ކުރިމަތީގައި ބޮޑު ލަކުޑި "ފާރެއް"!
ރައްޔިތުންގެ އަތުނުޖެހޭ ހިސާބަކަށް ނޭރޭނެ: މެމްބަރުން
މަޖިލީހުގެ ރިޔާސަތުގެ މޭޒު ބަހައްޓަން އުސް ސްޓޭޖެއް!
އޯޑިއޯއާ ގުޅިގެން ކަނޑާލި މީހާގެ ނަން ހާމަކޮށްފި