ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒު ކުރިމަތީގައި ލަކުޑިން ހަދާފައިވާ ބޮޑު އުސް "ފާރަކާއެކު" މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
08 އޮކްޓޯބަރ 2017
ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒު ކުރިމަތީގައި ލަކުޑިން ހަދާފައިވާ ބޮޑު އުސް "ފާރަކާއެކު" މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.
ޗެމްބަރަށް މިހާ ބޮޑު ބަދަލެއް މި ގެނައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖްކޮށް، ޖަލްސާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވަނިކޮށެވެ. އިދިކޮޅު މެމްބަރުން ޖަލްސާތަކަށް ހުރަސް އަޅުއްވާތީ ދެވަނަ ދައުރުގައި އެންމެަ ފަހުން ބޭއްވި ހަތަރު ޖަލްސާ ވެސް ކުރިއަށް ދިޔައީ އިދިކޮޅު މެމްބަރުންގެ ހަޅޭކާއެކު، ސިފައިން "ފާރައަށް" ތިބެގެންނެވެ.
ސިފައިންގެ އެހީތެރިކަމާއެކު ޗެމްބަރަށް ބަދަލު ގެނައިއިރު، ރިއާސަތުގެ މޭޒާއި އިދާރީ މޭޒު ވަނީ ވަރަށް ބޮޑަށް އުސްކޮށްފަ އެވެ. އެ ދެ ތަނުގެ ކުރިމަތީގައި ފާރެއްހެން ވަނީ ފެންސު ޖަހައިފަ އެވެ. އަދި ރިއާސަތާއި އިދާރީ މޭޒުގައި ތިއްބަވާ ބޭފުޅުން ވަދެ ނިކުމެ ހެދުމަށް ދެ ފަރާތުގައި ދެ ސިޑި ހުރެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި ރިއާސަތުގެ މޭޒު ގާތްގަނޑަކަށް އަށް ފޫޓަށް އުސް ކުރިއިރު، އިދާރީ މޭޒު ފަސް ފޫޓު އުހަށް އަރާނެ އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި މަސީހު ދެން އިންނަވާނީ "ރައްޔިތުންނަށްވުރެ އުހުގަ" އެވެ.
މިއީ ޕާކިސްތާނުގެ ސަރުކާރުގެ އެހީގެ ދަށުން ރައްޔިތުންގެ މަޖިލިސް އިމާރާތް ކުރި ފަހުން، އެ އިދާރާގެ ޗެމްބަރަށް މިހާ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
ރިއާސަތުގެ މޭޒު އުސްކުރުމާ ގުޅޭ ގޮތުން މަޖިލިހުން ވާހަކައެއް ނުދައްކަ އެވެ.
މަހްލޫފް ވިދާޅުވީ މިއީ ގަދަ ބާރުން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި އިންނަވަން ސިފައިން ބޭނުންކޮށްގެން ކުރި ވަރަށް ހަޑި މުޑުދާރު އަމަލެއް ކަމަށެވެ. އެކަމަކު، ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް މަސީހަށް އަރައިވަޑައިނުގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ފިރުއައުނު މިގޮތަށް ޓަވަރެއް ހެދީ. ޗެމްބަރުގެ ދެބައި ކުޅަ އެއްބައި އުސް ކުރިޔަސް، ރައްޔިތުންނަކަށް ނުފިލޭނެ. ވަގުތު ޖެހުނީމަ، ރައްޔިތުންގެ އަތް ފޯރާނެ،" މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ އަތުނުޖެހޭ ހިސާބު މައްޗަށް އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ ކަމަށެވެ.
މަޖިލީހުގައި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދައަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހުށަހަޅުއްވާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. އިތުރު އެއްވެސް ކަމެއް އެޖެންޑާގައި ނެތެވެ. ގަވައިދުގައި ބުނާ މާއްދާއަކީ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ގައުމުތަކުގެ މަޖިލީސްތަކާ އެކުވެރިކަން ގާއިމް ކުރުމުގެ ވާހަކަ އެވެ.
ދެވަނަ ދައުރުގައި މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ބޭރުކޮށްލުމާ އެކު، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައި އޮތް ކޯޅުންތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ. އެހެންވެ ތިން ވަނަ ދައުރުގެ ޖަލްސާތައް ވެސް އަމާންކަމާ އެކު ކުރިއަށް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ.
މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އޭގައި ސޮއިކުރެއްވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ބުނަމުން އަންނަނީ މަޖިލީހަށް ފުރަތަމަ ވެސް އެޖެންޑާ ކުރަން ޖެހޭނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި އެ ނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދަން ޖާގަ ނުދޭނެ ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭގެ ފަހުން އޮތް ހަތަރު ޖަލްސާ ވެސް އިދިކޮޅު މެމްބަރުންގެ ހަޅޭކާއި ޒުވާބާއި ހަމަނުޖެހުމުގެ ތެރޭގައި ބާއްވަން ޖެހުމެވެ. އެ ހަތަރު ޖަލްސާ ވެސް ބޭއްވީ ސިފައިންގެ "ފައުޖެއް" ރިޔާސަތުގެ މޭޒުގެ ކުރިމަތީގަ އާއި ވަށައިގެން އަތުރާލައިގެންނެވެ.
ރައްޔިތުންގެ އަތުނުޖެހޭ ހިސާބަކަށް ނޭރޭނެ: މެމްބަރުން
މަޖިލީހުގެ ރިޔާސަތުގެ މޭޒު ބަހައްޓަން އުސް ސްޓޭޖެއް!
މަސީހާއެކު ކުރާނެ މަޝްވަރާއެއް ނެތް: އިދިކޮޅު ކޯލިޝަން
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
ތަޅެއް ނޭޅުވޭނެ، މެމްބަރުންނަށް ވަދެވެން ޖެހޭނެ
ތޯރިގް ވިދާޅުވަނީ 3 ވަޒީރަކު ވަކިކުރަން އުޅޭ ކަމަށް!
މަހްލޫފް ސަސްޕެންޑްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ރިޔާޒް
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ