Roadha Mihaaru
މަޖިލިސް ހިސޯރެއް ނުކުރޭ، އެޅީ ހާއްސަ ފިޔަވަޅުތަކެއް

ސިފައިން މަޖިލިސް "ހިސޯރެއް" ނުކުރޭ، ހާއްސަ ފިޔަވަޅުތަކެއް އެޅީ ސަލާމަތީ ކަންކަން ކަށަވަރުކުރަން: ރައީސް އޮފީސް

25 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުވަދެވޭގޮތަށް މަޖިލީހުގެ އިދާރާގައި ތަޅުއަޅުވައި ބަންދުކުރުމަކީ މަޖިލިސް "ހިސޯރުކުރުން" ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ސަރުކާރުން ރޭ ބަޔާނެއް ނެރެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުވަދެވޭގޮތަށް މަޖިލީހުގެ އިދާރާގައި ތަޅުއަޅުވައި ބަންދުކުރުމަކީ މަޖިލިސް "ހިސޯރުކުރުން" ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ސަރުކާރުން ރޭ ބަޔާނެއް ނެރެފި އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ސަލާމަތީބާރުތަކުން މަޖިލިސް "ހިސޯރުކުރި" ކަމަށް މީޑިއާތަކުގައި ފަތުރާ ވާހަކަތަކަށް ސަރުކާރުން އިންކާރުކުރާ ކަމަށެވެ. މަޖިލީހުގެ އިދާރާގެ އެދުމަށް، ސިފައިންނާއި ފުލުހުން މަޖިލީހުގައި ހަރަކާތްތެރިވީ މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަޖިލީސް ކުރާ ގެ އާއި ގޯތިތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ބަޔާން ނެރެފައިވާ ކަމަށް ބުނެ، އެ ބަޔާނާ ހަވާލާދީ ރައީސް އޮފީހުން ބުނީ މަޖިލީހުގައި އިއްޔެ އެއްވެސް ވޯޓެއް ނަގަން އެޖެންޑާކޮށްފައި ނުވާ ކަމަށެވެ. މަޖިލީސް ވެސް އިއްޔެ ނޯންނާނެ ކަން މެމްބަރުންނަށް ކުރިން އަންގާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ މިނިވަން ދުވަހަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާތީވެ، މާލެ ތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ޖުލައި 23-31 އަށް އެއްވެސް ކޮމެޓީއެއް ވެސް ނޯންނާނެ ކަން މެމްބަރުންނަށް އަންގާފައިވާނެ ކަމަށް މަޖިލީހުގެ އިދާރާގެ ބަޔާނުގައި ބުނެފައިވާ ކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ.

ރައީސް އޮފީހުން ބުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ބައެއް ކަންކަން ހިންގަން، ބައެއް ފަރާތްތަކުން ގޮވާލައި އެކަމަށް މަސައްކަތްކޮށްފައިވާ ކަން ވެސް މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ކަށަވަރުކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އެމްއެންޑީއެފްގައި އެދުނީ މަޖިލީހުން ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

"ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން މިއަދު [އިއްޔެ] އެޅުއްވި ހާއްސަ ފިޔަވަޅުތަކަކީ 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަމަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ގާނޫނުއަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމް.އެން.ޑީ.އެފް. އިން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެކެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

މީޑިއާތަކުން ޚަބަރު ފެތުރުމުގައި އާއްމުންނަށް ހަގީގަތް އޮޅޭ ގޮތަށް ނުފެތުރުމަށް ވެސް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނާ ހަވާލާދީ، ކަން ހިނގި ގޮތް އޮޅުންފިލުވަން ރައީސް އޮފީހުން ބަޔާނެއް ނެރުނުއިރު، މަޖިލީހުން ބަޔާން ނެރުނީ އަމީން އާއްމަށް އެނގިވަޑައިނުގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ އިދާރާ އިން އާންމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު، އެތަނުން ބަޔާން ނެރެނީ އަމީން އާންމަށް އެނގިވަޑައިގެންނެވެ. ނަަމަވެސް އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް އިއްޔެ މެންދުރު ވަދެވަޑައިގަތުމުގެ ކުރިންނާއި ފަހުން ސިފައިން ހިންގި އެއްވެސް ކަމެއް އަމީން އާންމަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ.

މަޖިލިހުގެ ހުރިހާ ގޭޓެއްގައި ސިފައިން ތަޅު އަޅުވައި ބަންދުކުރަން އެންގި ފަރާތެއް ވެސް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމައެކަނި އަމީން އާންމަށް މިއަދު އެނގިވަޑައިގަތް ކަމަކަށް ވަނީ މަޖިލިހުގެ އިދާރާގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކަށް އެ ތަނަށް ނުވަދެވޭނެ ކަން އެމްއެންޑީއެފުން އަންގާފައި އޮތް ކަމެވެ.