މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި އެ ވަގުތު ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
29 ނޮވެމްބަރ 2018
މިދިޔަ އަހަރުގެ ޖުލައި 24 ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އިން ގަދަކަމުން ނެރުނު މައްސަލައިގައި އެ ވަގުތު ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ފާސްކޮށްފި އެވެ.
މެމްބަރުންނަށް ހުރަސް އެޅި މައްސަލަ ބެލުމަށް އިމްތިޔާޒް ކޮމިޓީ އަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ.
ފުލުހުންނާއި ސިފައިންގެ ވެރިން ހާޒިރުކުރަން ކޮމިޓީން ނިންމީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު މެމްބަރުން ހުއްޓުވަން ސިފައިންނާއި ފުލުހުން ބޭނުންކުރަން ފެށީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ. އޭރު ޕީޕީއެމްގެ 12 މެމްބަރަކު، ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މަައްސަލާގައި ސޮއިކުރެއްވުމާ އެކު، ޔާމީންގެ ބާރުގެ ދަށުން މަޖިލިސް ގާތްގަނޑަކަށް އޮތީ ގޮހެވެ. އެކަމަކު މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރީ އެވެ. އިދިކޮޅު މެމްބަރުން ޖުލައި 24 ވަނަ ދުވަހު މަޖިލިހަށް ވަންނަން ދިޔައީ އެކަމާ ހިތްހަމަނުޖެހިގެނެވެ.
އެ މެމްބަރުންނަށް ސިފައިންނާއި ފުލުހުން ހުރަސްއެޅި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސެއިން އަރީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. ޑިފެންސް މިނިސްޓަރަކީ އާދަމް ޝަރީފެވެ.
ގިނަ ބަޔަކު އޭރު ތުހުމަތުކުރި ގޮތުގައި، ސިފައިންނާއި ފުލުހުން މަޖިލީހުގެ އިދާރާއަށް ވަދެ މެމްބަރުން ނެރުނީ ޝިޔާމްގެ އޯޑަރަށެވެ.
އިމްތިޔާޒް ކޮމިޓީގައި ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު މަރްޒޫގް ހުށަހެޅުއްވީ އެވަގުތު ހަވާލުވެ ތިއްބެވި ސިފައިންނާއި ފުލުހުންގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އަދި އޭރު މަޖިލީހުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކުރަން އޭނާ ހުށަހެޅުއްވި އެވެ.
މަރްޒޫގެ ހުށަހެޅުއްވުމުގައި ހާޒިރު ކުރަނީ ކޮން ބައެއް ކަން ބުނެފައެއް ނުވެ އެވެ. އެކަމަކު، ކޮމިޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އޭރު ސިފައިންނާއި ފުލުހުންގެ ވެރިންނަށް ތިއްބެވި ބޭފުޅުން ހާޒިރު ކުރުމަށް ލިޔުމުން ދަންނަވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގަތުމާއި ގުޅިގެން ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މަޖިލީހުގެ އިދާރާގެ ގޭޓް މަތިން މެމްބަރުން ނަގައި އެއްލައިލުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. މެމްބަރުންގެ ގައިގައި އަތްލުމުގެ ބާރު ސިފައިންނާއި ފުލުހުންނަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި، މި މައްސަލަ ބެލުމަށް ކުރީގެ މިނިސްޓަރު އާދަމް ޝަރީފާއި ޝިޔާމް ކޮމިޓީއަށް ހާޒިރުކޮށް، ސުވާލު ކުރެވެން ޖެހޭނެ އެވެ. ކުރިއަށް އޮތް ތަނުގައި މެމްބަރުންނަށް ކުރިމަތިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށް މައްސަލަ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވީ ޖުލައި 24 ވަނަ ދުވަހަކީ ވަރަށް އަނިޔާވެރި ދުވަހެއް ކަމަށެވެ. މަޖިލީހުގެ ރައީސްގެ ލިޔުމަކުން ނޫނީ ސިފައިންނަށް މެމްބަރުންގެ ގައިގައި އަތް ނުލެވޭނެ ކަމަށާއި އެ ދުވަހު ސަލާމަތީ ބާރުތަކުން މެމްބަރުން ނެރެ މަގުމައްޗަށް އެއްލާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުލަކު ދާއިރާގެ އިބްރާހިމް ނާސިރު ވިދާޅުވީ އެ ދުވަހު ހިންގީ ލާއިންސާނީ އަމަލުތަކެއް ކަމަށާއި އެކަން ދެ ފުށް ފެންނާނެ ގޮތަކަށް ބަލަން ޖެހޭނެ ކަމަށެވެ.
ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ އިމްތިޔާޒް ކޮމިޓީއަށް އިންތި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށް އެ މައްސަލައިގައިވެ އެވެ.
ލިޔުންތައް ނުލިބިގެން އާދަމް ޝަރީފާ ސުވާލެއް ނުކުރެވުނު
ހުރަސްއެޅި ސިފައިންނާއި ފުލުހުން ކޮމިޓީއަށް
މަޖިލީހުގެ ތަޅުން ހުހަށް، މަސައްކަތްތައް ހުއްޓިފައި!
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް
މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ: އެމްޑީޕީ
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ބޮންޑޭއަށް އަނިޔާކުރި ވީޑިއޯ މަޖިލީހުގައި ދައްކައިފި