Roadha Mihaaru
ގާސިމްގެ ޝަރީއަތް ކުރިން ނިންމާލި ހިސާބުން މިރޭ ފަށަނީ

ގާސިމްގެ މައްސަލަ ކުރިން ގޮސްފައި އޮތް ހިސާބުން ފެށިގެން ބަލަން ނިންމައިފި

25 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކުރާ މައްސަލަ ކުރިން ކޯޓުން ބޭރުކޮށްލިއިރު އެ ޝަރީއަތް ގޮސްފައިވާ ހިސާބުން ފެށިގެން މިރޭ އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކުރާ މައްސަލަ ކުރިން ކޯޓުން ބޭރުކޮށްލިއިރު އެ ޝަރީއަތް ގޮސްފައިވާ ހިސާބުން ފެށިގެން މިރޭ އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރިން ދައުވާކޮށްފައި ވަނިކޮށް އޭރު އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުންނެވެ.

އެ މައްސަލަ އަލުން ދައުލަތުން ހުށަހެޅުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މައްސަލަ އަލުން ފެށުމުގެ ބަދަލުގައި އެ މައްސަލަ ކުރިއަށް ގެންދަވާނީ ކުރިން ކުރިއަށް ގޮސްފައި އޮތް ހިސާބުން ފެށިގެން ކަމަށެވެ.

ވަކީލު ކޮބައިތޯ ގާޒީ، ގާސިމާ ސުވާލުކުރެއްވުމުން ގާސިމް އެދިވަޑައިގަތީ ވަކީލަކު ހަމަޖައްސަން 10 ވަރަކަށް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެކަމަކު ގާޒީ އާރިފް އެކަމަށް ދެކޮޅު ހެއްދެވި އެވެ.

ގާޒީ ވިދާޅުވީ މި މައްސަލައަށް ވަކީލުން ހަމަޖައްސާފައި ނެތަސް ގާސިމްގެ ބަލި ހާލަތާ ގުޅޭ އެކި ކަންކަމުގައި ވަކީލުން ކޯޓަށް ހާޒިރުވި ކަމަށާއި މީޑިއާގައި ވެސް ގާސިމްގެ ފަރާތުން ވާހަކަ ދައްކަނީ ވަކީލުން ކަމަށެވެ. އެހެންވެ ވަކީލުން ހޯދަން އިތުރު ފުރުސަތެއް ނުދެއްވޭނެ ކަމަށާއި މިރޭގެ އަޑުއެހުމަށް ވަކީލުންނާ އެކު ހާޒިރުވެ ވަޑައިގަތުމަށް ގާސިމަށް ގާޒީ އެންގެވި އެވެ.

ވަކީލަކާ ނުލައި، ހާޒިރުވެއްޖެ ނަމަ ވަކީލެއް ނެތި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.

ޝަރީއަތަށް ފަހު ގާސިމް ކޯޓުން ނިކުމެވަޑައިގަތް އިރު ރަނގަޅަކަށް ނުހިންގެވެ އެވެ. އެހެންވެ ވަޑައިގަތީ ދަރިކަނބަލެއްގެ އެހީގައި، އަތުލަފިކޮށްގެންނެވެ.

ކުރިން މި މައްސަލަ ކޯޓުން ބޭރުކޮށްލުމުގެ ކުރިން މައްސަލަ ބައްލަވަމުން ގެންދެވީ ތިން ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވިޔަސް މިހާރު އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެންނެވެ.

ގާސިމްގެ ޝަރީއަތް މިއަދު ބޭއްވީ އޭނާ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމަށް ފަހު އިއްޔެ ދޫކޮށްލުމާ އެކުގަ އެވެ. ގާސިމްގެ ސިއްހީ ހާލަތު ގޯސްވުުމުން އޭނާ ރާއްޖެއިން ބޭރަށް ގެންދަން މަސައްްކަތް ކުރިޔަސް މައްސަލަ ކޯޓުގައި ހިނގާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ވަނީ ފުރޭ ގޮތް ނުވެފަ އެވެ.