Roadha Mihaaru
ގާސިމް ވާހަކަ ގާނޫނާ އެއްގޮތްކަން ސާބިތުކޮށެއް ނުދެވޭ

ގާސިމްގެ ވާހަކަތައް ގާނޫނާ އެއްގޮޮތްކަން ގާސިމަށް ސާބިތުކޮށެއް ނުދެވޭ: ހުކުމް

25 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ނިސްބަތް ކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަކީ ގާނޫނީ އިމުގެ ތެރެއިން ދެއްކެވި ވާހަކައެއް ކަން ގާސިމަށް ސާބިތުކޮށް ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ނިސްބަތް ކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކައަކީ ގާނޫނީ އިމުގެ ތެރެއިން ދެއްކެވި ވާހަކައެއް ކަން ގާސިމަށް ސާބިތުކޮށް ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ގާސިމް ވިދާޅުވެފައިވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންނަށް ޓިކެޓް ދީ، އެ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާސިމްގެ އެ ވާހަކައަކީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުން ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއާ ގުޅިގެން ކޯޓުން ރޭ މެންދަމު ގާސިމްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވަނީ މެމްބަރުންނަށް ނިސްބަތް ކުރައްވައި، ގާސިމް ދެއްކެވި ވާހަކަތަކަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ދެއްކި ވާހަކައެއް ކަމަށެވެ. ސިޔާސީ ފަރާތްތަކުން އާންމުންނަށް ވަމުންދާ ވައުދުތަކާއި މަޖިލީހުގެ މެމްބަރުންނަށް ގާސިމް ދީފައިވާ ދައުވަތުގެ އިބާރާތު ތަފާތު ކަމަށް އެ ހުކުމުގައިވެ އެވެ.

ގާސިމްގެ އެ ވާހަކައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގަބޫލު ކޮށްފައިވާ އިބާރާތެއް ކަން ނުވަތަ އެ ވާހަކައަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ދެއްކި ވާހަކައެއް ކަން ގާސިމްގެ ފަރާތުން ސާބިތު ކޮށްދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ވާހަކަތަކަށް އެއްވެސް ދިފާއެއް ގާސިމަށް ލިބިގެންވާ ކަން ގާނޫނުލް އުގޫބާތުގައި އޮންނަ މިންގަނޑުތަކުން ގާސިމް ފަރާތުން ސާބިތު ކޮށްދީފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ގާސިމް ކުށްވެރިވާ ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.

އާންމުކޮށް ހުޅުވައި ނުލައި، ސިއްރުކޮށްގެން ގެންދިޔަ އެ ޝަރީއަތުގައި އެ ހުކުމްކުރީ ކޮން ގާޒީއެއް ކަމެއް ހުކުމުގައި ލިޔެފައެއް ނެތެވެ. އެކަމަކު އެ މައްސަލަ ބައްލަވަމުން ގެންދަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ.

ކޯޓުގެ އެ ހުކުމާ އެކު، ގާސިމް އަދާ ކުރައްވަމުން ގެންދެވި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަމުން ގާސިމް ވަކިވީ އެވެ. އެހެން ނަމަވެސް އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވޭނީ ގާސިމަށް ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާތައް ނިމުމުންނެވެ.

މި ހުކުމަކީ އާ ގާނޫނު އަސާސީ އައިފަހުން ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރި ދެވަނަ ހުކުމެވެ. ފުރަތަމަ އެފަދަ ހުކުމެއް ކުރީ ޑްރަގްގެ ބޮޑު މައްސަލައެއްގައި ޝަރީއަތް ހިންގައި، ނިމުމަކާ ގާތުގައި ވަނިކޮށް ފިލައިގެން އުޅުނު މީހެއްގެ މައްޗަށް 2013 ވަނަ އަހަރު އެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ގާސިމްގެ މައްޗަށް އުފުލި އިތުރު ދެ ދައުވާއެއް އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތެވެ. އިތުރަށް އުފުލި ދެ ދައުވާއަކީ ވޯޓު ދޭންހުރި މީހަކަށް ނުރަނގަޅު ގޮތެއްގައި ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ހުކުމުގައިވާ ގޮތުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގާސިމް ގެންދަން ޑޮކްޓަރު ލަފާ ދީފައިވާތީ، އެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް ގާސިމް ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމް ދައުލަތުން ހަމަޖައްސަން ޖެހޭނެ އެވެ. އެކަމަކު ޝަރީއަތަށް ހާޒިރުވާން ގާސިމަށް ފޮނުވި ގިނަ ޗިޓްތަކަށް ގާސިމް ހާޒިރުނުވީ ޝަރީއަތަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއް ހުރެގެންކަން ގާސިމްގެ ފަރާތުން ކޯޓަށް އަންގާފައި ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އިިއްޔެ މެންދުރު އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވަން އުޅެނިކޮށް ކޯޓު ތެރެއަށް ގާސިމް އަނބުރައިގަނެގެން ވެއްޓި، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް ރޭ 11:00 ގައި އެ މައްސަލާގެ ފަހު އަޑުއެހުން ބާއްވަން ނިންމައި، 10:30 ހާއިރު ގާސިމްގެ ވަކީލުންނަށް ކޯޓުން އެންގި އެވެ. ގާސިމްގެ ފަރާތުން ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި އެ މައްސަލަ ހިންގާނެ ކަމަށް ވެސް ކޯޓުން ފޮނުވި ޗިޓްގައި އޮތެވެ. އެކަމަކު ގާސިމާއި އޭނާގެ ވަކީލުން ވެސް އެ އަޑުއެހުމަށް ވަޑައެއް ނުގަންނަވަ އެވެ.

އެ މައްސަލާގައި ގާސިމްގެ މައްޗަށް ފުރަތަމަ ދައުވާ އުފުލައި، ޝަރީއަތް ހިންގަމުން ދަނިކޮށް އެ މައްސަލަ ފުރަތަމަ ކޯޓުން ބޭރުކޮށްލި އެވެ. އެ މައްސަލަ އޭރު ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުންނެވެ. އެކަމަކު ދެވަނަ ފަހަރަށް ދައުލަތުން ވަނީ އެ މައްސަލަ އަލުން ކޯޓަށް ފޮނުވައިފަ އެވެ.

ގާސިމް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގަންނަން މަސައްކަތް ކުރެއްވިޔަސް، އެ މައްސަލަ ކޯޓުގައި ހިނގާތީ ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން މިހާތަނަށް ވެސް އޭނާ އަށް ފުރޭ ގޮތެއް ނުވެ އެވެ.