Roadha Mihaaru
އަނިލްގެ އިތުބާރު ނެތްކަމަށް އަލުން ހުށަހަޅަނީ

އޭޖީ އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅަން ނިންމައިފި

26 ޖުލައި 2017

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 24 މެމްބަރެއްގެ ސޮޔާ އެކު މިދިޔަ ހަފުތާގައި ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ ބޭރުކޮށްލީ ގާނޫނު އަސާސީގެ ނުބައި މާއްދާއަކާ ހަވާލާދީ، އެ މައްސަލަ ހުށަހަޅާފައި އޮތުމުންނެވެ. އެ މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށްވިޔަސް އެ މާއްދާއަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ މާއްދާ އެކެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައިވާ އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހަޅަން ނިންމާފައިވާ ކަން، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކަށަވަރުކޮށް ދެއްވި އެވެ.

"އެ މައްސަލަ އަންނަ ހަފުތާގައި މަޖިލިސް ހުޅުވުމާ އެކު އަލުން ހުށަހަޅާނަން އަޅުގަނޑުމެން،" އަލީ ހުސައިން ވިދާޅުވި އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ މަދުވެގެން 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެކަމަކު ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމެއްގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުން ފާސްވިޔަސް އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

އަނިލްގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރެއްގެ ސޮޔާ އެކު ހުށަހެޅި މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ ބޭރުކޮށްލީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ހަތަރު މެމްބަރެއްގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅުމުން ކަމަށް ބުނެ އެވެ. އެ ހަތަރު މެމްބަރުން އެ މައްސަލާގައި ސޮއިކުރީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުގެ ކުރިންނެވެ.

އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަތައް ބަލައިގެންފަ އެވެ. އެކަމަކު މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.