Roadha Mihaaru
އޭޖީ އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިފި

ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދައިފި

10 އޯގަސްޓް 2017

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ވައްދައިފި އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ވައްދައިފި އެވެ.

އިދިކޮޅު 29 މެމްބަރެއްގެ ސޮޔާއެކު، އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އަލުން ވެއްދިއިރު، މިދިޔަ މަހުގެ 20 ގައި ވެސް އެ މައްސަލަ ވެއްދި އެވެ. އެކަމަކު މަޖިލިހުން އެ މައްސަލަ ބޭރުކޮށްލީ، އެއީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ގަރާރެއް ކަމަކަށް ނުވާތީ ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

އަނިލް މަގާމުން ވަކިކުރުމަށް މަޖިލިހަށް ވެއްދުމުގައި ތަފާތު ސަަބަބުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ގާނޫނުއަސާސީގެ ފަސްވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތްވަނަ މާއްދާގައި ބުނާ ބާރުތައް ވަކިވެފައިވާ ނިޒާމު ގަޑުބަޑު ކުރައްވައި މަޖިލިހުގެ މެމްބަރުންގެ މަސައްކަތުގެ ތެރެއަށް ސިޔާސީ ޕާޓީގެ ނުފޫޒު ފޯރުވުމެވެ.

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅީ ދައުލަތުގެ ފަރާތުން އަނިލް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ވެސް އަނިލް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެ މީހަކު އިންތިޚާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލްކުރުމަށް ދައުލަތުން އިއްޔެ ވަނީ ސުޕްރީމް ކޯޓު އެދިފަ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ.