Roadha Mihaaru

ކޯޓު އަމުރުގެ ވަގުުތު ހަމަވުމުން ފުލުހުން ކުނޫޒު ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެ ދެ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުން ކުނޫޒު ދޫކޮށްލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

28 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ މައި ހަރުގެ ދެ ދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ސަރުކާރު ވައްޓާލަން ސައްލާކޮށް އަދި ސަރުކާރު ހިންގުމަށް ދަތި ކުރާކަމުގެ ތުހުމަތުގައި އެކަމާ ގުޅުން ހުރި ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުނޫޒް ފާސްކުރުމަށް ފަހު އެރޭ ވަނީ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ލިޔުން ދީފަ އެވެ.

އެކަމަކު އޭގެފަހުން ވެސް ފުލުހުން ދިޔައީ އެތަން އަދި ފާސްކޮށް ނުނިމޭ ކަމަށް ބުނެ އެތަން ބަލަހައްޓަމުންނެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ ކޯޓު އަމުރުގައި އެތަން ފާސްކުރަން 72 ގަޑިއިރުގެ މުއްދަތެއް ދީފައި އޮތުމެވެ. އެހެންވެ އެތަނަށް އެއްވެސް މީހަކު ވަނުމުގެ ފުރުސަތެއް ވެސް ފުލުހުން ނުދެ އެވެ.

ކުނޫޒް ފާސްކުރަން ދެ ވަނަ ފަހަރަށް ފުލުހުން ވަންނަން އުޅުމުން ޖުމްހޫރީ ޕާޓީން ވަނީ އެތަން ހުޅުވައިދޭން އިންކާރުކޮށްފަ އެވެ. އެއީ ތަނެއް ފާސްކުރަން ދޭ އަމުރެއްގައި، އެތަނަކަށް އެއްފަހަރަށް ވުރެ ގިނައިން ވަންނަން ބޭނުންވާ ނަމަ އެކަން ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނާތީ އެވެ.

ކޯޓުގެ އަމުރާ އެއްގޮތަށް ކުނޫޒް ފާސްކުރުމަށް އެއްބާރުލުން ނުދީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަނީ ރެ އާއި މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.

ސިޔާސީ އިދިކޮޅު ހަރަކާތް ވަރުގަދަކޮށް، އެ ފަރާތްތަކުގެ ހަރަކާތްތައް ފަހަކަށް އައިސް ހިންގާ އަދި އެތައް ބަޔަކު ޖަމާވާ އެއް ތަނަކަށް ވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުނޫޒް އެވެ.