Roadha Mihaaru
މަސީހާ އެކު ޖަލްސާތަކަށް ފުރުސަތު ނުދޭނަން: މެމްބަރުން

މަސީހުގެ ރިޔާސަތުގައި ޖަލްސާތަކަށް ފުރުސަތެއް ނުދޭނަން: އިދިކޮޅު މެމްބަރުން

31 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން، ޖަލްސާތައް ކުރިއަށް ގެންދަން ކުރިމަގުގައި ވެސް ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން، ޖަލްސާތައް ކުރިއަށް ގެންދަން ކުރިމަގުގައި ވެސް ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކި ކުރަން އޮތް ޖަލްސާ ކެންސަލްކޮށް، މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅުމުން، އިދިކޮޅު މެމްބަރުން ވަނީ ހުރަސްއަޅައި މަޖިލިސް ހުއްޓުވައިފަ އެވެ. އިދިކޮޅު މެމްބަރުންގެ ހުރަސްއެޅުންތަކާ އެކު ސިފައިންގެ ބޮޑު ފައުޖެއް މަޖިލިސް ތެރެ އަށް ވައްދައި މަސީހު ހިމާޔަތް ކޮށްގެން ވެސް ޖަލްސާ ކުރިއަށް ގެންދަން އުޅެނެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވި އެވެ.

މެމްބަރުންގެ ހަޅޭއްލެވުމާއި ހުރަސްއެޅުއްވުންތަކާ ހެދި މަސީހަށް މަޖުބޫރުވެވަޑައިގަތީ، މަޖިލިސް ނިންމާލެއްވުމަށެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވާ ވަޒީރާ ސުވާލު ކުރުމުގެ އައިޓަމް ވެސް ކުރިއަކަށް ނުގެންދެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ މަސީހު ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. މަޖިލިސް ހިސޯރުކޮށް، މެމްބަރުންގެ ބާރު ކަނޑުވާލައި ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ޖަލްސާތައް ކުރިއަށް ގެންދަން އިދިކޮޅު މެމްބަރުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތް ނޭދޭ، ކުރަން ބޭނުން ނުވާ އެތައް ކަމެއް ފެންނާނެ. އެކަމަކު އިދިކޮޅު މެމްބަރުންނަށް މިއަދު މަޖުބޫރުވޭ މި ކަންކަން މި ގޮތަށް ކުރަން. ގާނޫނުތަކާ ޚިލާފަށް، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް، ބާރުގެ ބޭނުންކޮށްގެން ޖަލްސާތައް ނުބޭއްވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާތީ، އިތުރަށް އެ މަގާމުގައި މަސީހަށް ދެމިނުހުންނެވޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެކަމަކު، މެމްބަރުންގެ އެ ނިންމުމާ ދެކޮޅު ހަދައި، ކޮންމެ ގޮތަކުން ނަަމަވެސް މަސީހުގެ މަގާމް ދިފާއުކޮށްގެން، ސަރުކާރު ބޭނުންވާ ގޮތަށް ގާނޫނާ ޚިލާފު ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީ ފުނޑާލައި މަޖިލީސް ހިސޯރުކޮށް މި ހިންގާ ޣައިރު ގާނޫނީ ކަންކަން ހުއްޓުވަން ކޮންމެވެސް އެއް ބަޔަކު އެބަ މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެން މިކުރަނީ އެ މަސައްކަތް. މިއަދު ވެސް ބައްލަވާ، މަޖިލީހުގެ މެމްބަރުންނަށް ވުރެ ގިނަ ސަލާމަތީ ޚިދުމަތްތަކުގެ މީހުން ޖަލްސާކުރާ މާލަމުގައި. މިވަރު ކޮށްގެން ވެސް ބޭނުން ވަނީ ގާނޫނާ ޚިލާފު ކަންކަން ކުރިއަށް ގެންދަން،" މަހްލޫފް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ތިން ފަހަރަށް މަޖިލީހަށް ހުށަހަޅައިފި އެވެ. މިއިން، ކޮންމެ ފަހަރަކު ވެސް މަސީހުގެ މައްސަލަ ނާކާމިޔާބު ކޮށްލަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަޖިލީހުގެ ކަންކަން ބަދަލު ކޮށްގެންނެވެ.