Roadha Mihaaru
ދުވަސްކޮޅެއްގެ ތެރޭގައި މަރުގެ އަދަބު ދޭން ފަށާނެ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުގެ އަދަބު ދޭން ފެށޭނެ: އަޒްލީން

01 އޯގަސްޓް 2017

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަރުގެ އަދަބު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިޔަސް އެކަން ކުރާނެ ވަކި ދުވަހެއް ހާމައެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ދުވަހެއް މިވަގުތު ހާމަ ކުރެއްވެން ނެތީ އެކަމުގެ ޒާތުންނާއި ވާންޖެހޭ ތައްޔާރީތަކުގެ ސަބަބުންނެވެ.

"އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. އެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާދޭ. އަޅުގަނޑަށް ތާރީޚު ދަންނަވަން ނޭނގެނީ 60 އެތައް އަހަރެއް ފަހުން މަރުގެ އަދަބު ތަންފީޒު ކުރެވިގެން މިދަނީ، އެހެންވީމަ އޭގެ ޓެކްނިކަލިޓީއަށް ބަލާއިރު އޭގެ ވާހަކަތައް އެހާ ކޮމަންކޮށް އެކީ އެކައްޗަކަށް ދަންނަވާލުމަކީ ފަސޭހަ ކަމަކަށް ނުވާތީވެ،" އަޒްލީން ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ވަކި އިޖުރާއަތުތަކެއް ފުރިހަމަވެގެން ކަން ފާހަގަ ކުރައްވައި، އަޒްލީން ވިދާޅުވި ގޮތުގައި އެއީ ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކަމެކެވެ. އެހެންވެ ރައީސް އަބްދުﷲ ޔާމީން އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރަންޖެހެނީ އިސްލާމީ ޝަރީއަތުގައި އަދި ގާނޫނުތަކުގައި ވެސް އެކަން ކުރަން ލާޒިމްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ރައީސުލް ޖުމްހޫރިއްޔާ އަށް ފަސޭހަ ވެގެން ނުވަތަ ސަރުކާރަށް ފަސޭހަ ވެގެން ކުރާ ކަމެއް ނޫން. އެކަމަކު މީހުން މަރާ މީހަކު ދެން މަރާނީ ކާކުކަމެއް ނޭނގޭނެ. އެހެންވީމަ މަރުގެ ހުކުމް ތަންފީޒު ކުރާނެ،" އަޒްލީން ވިދާޅުވި އެވެ.

މަރުގެ އަދަބު ދޭން ފަށާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތީ އެކަމަށް ރައްދު ދެއްވައި، އަޒްލީން ވިދާޅުވީ މަރުވި މީހާގެ ހައްގުގައި ވާހަކަ ދައްކަން ގިނަ މީހުން ހަނދާން ނުވާ ކަމަށެވެ. އެ މީހުންގެ ހައްގު ހޯދައިދޭނީ ކޮން ބައެއްތޯ އަޒްލީން ސުވާލު އުފެއްދެވި އެވެ.

"މަރާލެވިގެންދާ މީހާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ހިތްދަތިކަން އުފެދޭނެ އެ ވަގުތު. ފަހުން އެ މީހުންގެ ހައްގު އެ މީހުންނަށް ހޯދައިދެވިގެން މަރުގެ ހުކުމް ތަންފީޒުކުރާ ވާހަކަ ދެއްކެވުނީމަ، އެންމެން އެކަމާ ދެކޮޅަށް ވާހަކަ ދައްކާތަން މި ފެންނަނީ. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަނީ ރައްޔިތުން އެކަން ކުރުމާ އެއްކޮޅަށޭ ތިބީ،" އަޒްލީން ވިދާޅުވި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ މައްސަލައިގަ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލާއި އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.