Roadha Mihaaru
ޓީސީ ބަލިކޮށް ނިއު އަށް ވަރުގަދަ ފެށުމެއް

ޓީސީ ބަލިކޮށް ނިއު އަށް ވަރުގަދަ ފެށުމެއް

06 އޯގަސްޓް 2017

ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައި އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑާ އެކު 3-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއު ރޭޑިއަންޓުން ރަނގަޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެނބުރި އައި އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑާ އެކު 3-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއު ރޭޑިއަންޓުން ރަނގަޅުކޮށްފި އެވެ.

ދަގަނޑޭގެ އިތުރުން މި މެޗުގައި ނިއުގެ އަނެއް ދެ ފޯވާޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ލަނޑު ޖެހި އެވެ. މިރޭގެ މެޗަށް ނިއު އިން ނުކުތީ މި ފަހަރު ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެއީ ދަގަނޑޭ އާއި ލުބުނާންގެ ޑިފެންޑަރު ހުސެއިން އެލްޑޯ އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ އާއި ރިލްވާން ވަހީދު (ރިލޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ހަސަން އަދުހަމް (ސަޑޭ) ނުކުޅެ އެވެ. މީގެ ތެރެއިން ކަންޑޭލާ އާއި އޮއްޕޮ ވަނީ މާލޭ ލީގު ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. ސަސްޕެންޝަނުގެ ސަބަބުން ސާބިއާގެ ޑިފެންޑަރު ސްޓެވަން މާކޮވިޗާއި އަކްރަމް އަބްދުލް ގަނީ މިރޭ ނުކުޅެ އެވެ.

ޓީސީގެ ފުރަތަމަ އެގާރައިގައި، އީގަލްސް ދޫކޮށް އެ ޓީމާ ގުޅުނު އަހުމަދު ޒާދު އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ވަނީ ހިމަނައިފަ އެވެ. އެ ޓީމުގެ ވައިސް ކެޕްޓަން އަހުމަދު ފައްރާހް ހުރީ ސަސްޕެންޝަނުގަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ދަގަނޑޭ އަނިޔާގެ ސަބަބުން މި ސީޒަނުގެ ފުރަތަމަ ބައިގައި ނުކުޅެ ހުންނަން ޖެހުނު ނަމަވެސް އެނބުރި އައިސް މިރޭ އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު، ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖަހަން މަގުފަހިކޮށްދީ އަދި ނުރައްކާތެރި ހަމަލާތައް ގޯލަށް ފޮނުވާލި އެވެ.

މެޗު ފަށައިގެން ޓީސީގެ ފަރާތުން އަވަސް އެޓޭކްތަކެއް ފެނިގެންދިޔައިރު ފުރަތަމަ ހަމަލާ ވެސް އުފެއްދީ އެ ޓީމުންނެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ނިއުގެ އޭރިއާ ތެރެއިން ޓީސީގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ފަނަރަ މިނިޓަށް ފަހުން ނިއު އިން މެޗުގެ ތެރެއަށް ވަދެ ޓީސީގެ ގޯލަށް އަމާޒުކޮށް ހަމަލާތައް ފޮނުވަން ފެށި އެވެ. އެގޮތުން ނިއުގެ ކެޕްޓަން ސެންޓޭ ފޮނުވާލި ހިލޭ ޖެހުމެއް ދަނޑިކައިރިން ދިޔައިރު، ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ލީޑުނަގަން ޓީސީގެ ކެޕްޓަން އަލީ ނާފިއު އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ނާފިއު އެ ބޯޅަ ގޯލަށް ފޮނުވާލިއިރު އެ ޓީމުގެ ސްޓެވާޓް ގޯލު ކުރިމަތީގައި ހުސްކޮށް ހުއްޓެވެ.

ޓީސީން ދެ ވަނަ ހާފަށް ނުކުތީ ކަޅޭ އާއި ހަލީލްގެ ބަދަލުގައި ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ކުޅެން އަރުވައިގެންނެވެ.

ދަގަނޑޭ ނިއުގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަގަނޑޭ ނިއުގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓް ތެރޭ ދަގަނޑޭ ފޮނުވާލި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓް ފަހު ނިއު އިން ވަނީ ގަލާޑޯގެ ލަނޑުން ލީޑުނަގައިފަ އެވެ. ޓީސީ އޭރިއާ ތެރެއިން ދަގަނޑޭ ދިން ބޯޅަ ގަލާޑޯ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިއު އަށް ލީޑު ހިފަހައްޓާލެވުނީ މިނިޓެއް ވަންދެނެވެ. މެޗުގެ 49 ވަނަ މިނިޓްގައި ޓީސީގެ ސްޓެވާޓް އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އަރިމަތިން ފޭދޫ އިއްބެ ނަގައިިިދިން ބޯޅަ ސްޓެވާޓް ވަނީ ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން ނިއު އިން އަނެއްކާ ވެސް އާ ފެށުމަކުން ފަށައި އެޓޭކް ވަރުގަދަކުރި އެވެ. އަދި ދަގަނޑޭ އަށް ކުޅޭ ބޯޅަތައް އިތުރުކުރަން ފެށި އެވެ. ނިއު އަށް ދެ ވަނަ ފަހަރަށް މެޗުގެ ލީޑުނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކިރަން އަތް ކައިރިން ގޮހެވެ.

ނިއު އިން ލީޑުނެގުމުން ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އޭގެ ނަތީޖާއަކަށްވީ ޓީސީގެ ހާފްގެ ތެރެއިން ނިއުގެ ކުޅުންތެރިންނަށް ހުސްކޮށް ފުރުސަތު ލިބެން ފެށުމެވެ. އެގޮތަށް ލިބުނު ފުރުސަތެއްގައި ސެންޓޭ ވަނީ ނިއުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ޓީސީ ހާފްގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ސެންޓޭ އޭރިއާ ތެރެއަށް ވަނީ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އެވެ. އެއަށް ފަހު އޭރިއާ ތެރެއިން ހަނި އޭންގަލުން ޖަހައި މަތީ ކަނުގައި ބޯޅަ ތަތްކޮށްލި އެވެ.

މެޗުގެ ފަހުކޮޅު ދަގަނޑޭ އާއި ގަލާޑޯ އަށް ހުސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބަލިވިޔަސް މި މެޗަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

"ބަލި ވިޔަސް ހަގީގަތުގައި މިއީ ރަނގަޅު ފެށުމެއް. ގަދަ ހަތަރެއްގެ ލިސްޓުން ކަނޑާފައި އޮއްވައި އަޅުގަނޑުމެން އެކަން ވެސް ހާސިލްކުރީ. އެހެންވީމަ މިކަން ވެސް ވާނެ. ކުރިއަށް ހުރި މެޗުތަކުގައި ޓީސީ ރަނގަޅުވާނެ،" ނިޒާމްބެ ބުންޏެވެ.

ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯން ބުނީ މެޗު ފަށައިގެން ޓީސީން ރަނގަޅު ކުޅުމެއް ދެއްކި ކަަމަށާއި ނިއު މޮޅުވީ އަލުން މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން ކުރި ހިތްވަރުން ކަމަށެވެ.

"މިއީ ވަރަށް ޓެކްޓިކަލް މެޗެއް. ހަގީގަތުގައި ޓީސީން ރަނގަޅަށް ފެށީ އެކަމަކު ދިހަވަރަކަށް މިނިޓް ފަހުން އަހަރެމެން މެޗުގެ ތެރެއަށް އައިސް ލީ ހިތްވަރުން އަހަރެމެންނަށް ހޯދުނު މުހިއްމު މޮޅެއް މިއީ. ހަގީގަތުގައި ކުރިއަށް ދާން މި ލިބުނީ ހިތްވަރެއް. އެކަމަކު މިއަށް ވުރެން ވެސް މޮޅަށް މި ޓީމު ކުޅޭނެ. ނިއު ރޭޑިއަންޓް ދާނީ މެޗަކަށް ފަހު މެޗެއް ވަރުގަދަ ކުރަމުން،" އޮސްކާ ބުންޏެވެ.

ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަށް އޮސްކާ ވަނީ ތައުރީފް ކޮށްފަ އެވެ.

ލީގުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ހަވީރު ހަތަރެއް ޖަހާއިރު ފަށާ މެޗުގައި ގްރީން ސްޓްރީޓްސް ކުޅޭނީ ށ. މިލަންދޫއާ ދެކޮޅަށެވެ. އަދި މާދަމާރޭ ގދ. ތިނަދޫ ބައްދަލުކުރާނީ އއ. މާޅޮހާ އެވެ.