Roadha Mihaaru
މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޓެސްޓެއް: ނިއުގެ ކޯޗު

މިއީ ދެ ޓީމަށް ވެސް ވަރުގަދަ ޓެސްޓެއް: ނިއުގެ ކޯޗު

12 އޯގަސްޓް 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗުން ލީގުގެ އެއްވެސް މަގާމެއް ކަށަވަރުނުވާނެ ކަމަށާއި އެކަމަކު މިއީ ދެ ޓީމު ވެސް އޮތީ ކިހާ ހިސާބެއްގައިތޯ ބެލުމަށް ވަރަށް ރަނގަޅު ޓެސްޓެއް ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭ މެޗުން ލީގުގެ އެއްވެސް މަގާމެއް ކަށަވަރުނުވާނެ ކަމަށާއި އެކަމަކު މިއީ ދެ ޓީމު ވެސް އޮތީ ކިހާ ހިސާބެއްގައިތޯ ބެލުމަށް ވަރަށް ރަނގަޅު ޓެސްޓެއް ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ފުރަތަމަ މެޗުން މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އަތުން 4-0 އިން މާޒިޔާ މޮޅުވިއިރު ނިއު ވަނީ ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެފަ އެވެ. އިތުރު ކުޅުންތެރިން ގެނެސް ދެ ޓީމު ވެސް ފެންނަނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ.

"މިއީ އަދި ވަރަށް އަވަސް ވަގުތެއް. އެހެންކަމުން މި މެޗުން (ލީގުގެ މަގާމެއް) ނޭގޭނެ. އެކަމަކު މި މެޗުން އެނގޭނެ މާޒިޔާ އޮތީ ކިހާ ހިސާބެއްގައިތޯ އަދި ނިއު ރޭޑިއަންޓް އޮތީ ކިހާ ހިސާބެއްގައިތޯ. ހަގީގަތުގައި މާޒިޔާ އަކީ އަހަރެމެންގެ އެންމެ ބޮޑު ވާދަވެރިއާ އަދި ލީގަށް ފައިޓްކުރާނެ ކެންޑިޑޭޓެއް. އެހެންކަމުން މިއީ މި ދެ ޓީމަށް ވެސް ވަރަށް ރަނގަޅު ޓެސްޓެއް،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ކުރީކޮޅު ލީޑު ނެގުމަށް ކަމަށާއި މާޒިޔާ އަށް ލީޑު ނަގަން ފުރުސަތެއް ނުދީވާނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"މާޒިޔާ އަކީ ވަރަށް އުނދަގޫ ޓީމެއް. އަހަރެމެންނަށް ނެތް އެ ޓީމަށް ލީޑު ނަގަން ފުރުސަތު ދެވޭކަށް. އެހެންވެއްޖެ ނަމަ އެ ޓީމުން އަހަރެމެން ކުޅުނަކަނުދޭނެ. ގޭމް ހުއްޓުވާލާނެ. އެކަމަކު އަހަރެމެން ގޯލެއް ޖެހިޔަސް ކުޅޭނަން. އެކަމަށް ބަދަލެއް ނާންނާނެ. މާޒިޔާ އަކީ ވަރަށް ބޮޑަށް ފިޒިކަލް ގޭމެއް ކުޅޭ ޓީމެއް. ދެ ވަނަ ބޯޅައިން ހަމަލާތައް އުފައްދަން މަސައްކަތްކޮށް އަދި ސެޓްޕީސްތަކުން ނުރައްކާކުރާ ޓީމެއް އެއީ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އެޑްރިއަން ގަލާޑޯއާ އެކު ނިއުގެ ފޯވާޑް ލައިން ވަރަށް ވަރުގަދަ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ޓީމެއްގެ ގޮތުގައި މާބޮޑަށް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން އެބަތިބި ސްކޮޑުގައި. އެކަމަކު އިންޑިވިޖުއަލް ކުޅުންތެރިންތަކެއްގެ ވާހަކަދައްކަން އަހަރެން ބޭނުމެއް ނޫން. އަހަންނަށް މެނޭޖްމަންޓުން ދީފައި މިއޮތީ ވަރަށް ވަރުގަދަ ސްކޮޑެއް. ކޮންމެ މަގާމަކަށް ދެ ކުޅުންތެރިން ވާދަކުރޭ. އޭގެ ސަބަބުން ސްކޮޑް އިތުރަށް ވަރުގަދަވެގެންދޭ. އަހަންނަށް ނެތް އެކަމާ ޝަކުވާ ކުރެވެން،" އޮސްކާ ބުންޏެވެ.

ޓީސީ އަތުން މޮޅުވި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީ އާއި ޑިފެންޑަރު މާކޯ ސްޓެވެން ވަނީ އެނބުރި އައިސްފަ އެވެ. އެއާ އެކު މުހިއްމު ބައެއް ކުޅުންތެރިންނަށް ނިއުގެ ފުރަތަމަ އެގާރައިން ޖާގަ ގެއްލޭނެ އެވެ. އޮސްކާ ބުނީ އެ ދެ ކުޅުންތެރިންނަކީ ޓީމަށް ވަރަށް މުހިއްމު ދެ ކުޅުންތެރިން ކަމަށާއި ޓީމު ރާވާނީ އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.

ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ހުރީ އަދިވެސް އަނިޔާގަ އެވެ. މާލޭ ލީގުގައި އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ދެ ހަފުތާ އިން ސަލާމަތްވާން ވާނެ ކަމަށް ބެލެވުނު ނަމަވެސް ކޯޗު ބުނީ އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

"އަނިޔާވި ހިސާބަކީ ކަކުލުގެ ލިގަމެންޓާ ކައިރި ހިސާބެއް. އެހެންވެ އިތުރު މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު އެބައޮތް. އޭނާ އަށް މިހާރު އިތުރު ވަގުތު ދީފައިވާނީ. ކޮންމެ ގޮތެއް ވިޔަސް (އަލަށް ގުޅުނު) ފައިސަލުގެ ކުޅުމާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. މި މެޗުގައި އަނެއްކާ ވެސް އޭނާ އަށް އިތުރު ފުރުސަތެއް ލިބޭނެ،" އޮސްކާ ބުންޏެވެ.

ނިއު އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.