Roadha Mihaaru
ވަރުގަދަ ކުރިމަތިލުމެއް، މާޒިޔާ އިން ނިއު ބަލިކޮށްފި

ވަރުގަދަ ކުރިމަތިލުމަކަށް ފަހު މާޒިޔާ އިން ނިއު ބަލިކޮށްފި

12 އޯގަސްޓް 2017

ފުރަތަމަ ހާފުގައި މިހަޔޮވިޗް ބޮޔާނާއި މުހައްމަދު އުމެއިރު ވައްދާލި ލަނޑާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓް އަތުން 2-0 އިން މާޒިޔާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފުރަތަމަ ހާފުގައި މިހަޔޮވިޗް ބޮޔާނާއި މުހައްމަދު އުމެއިރު ވައްދާލި ލަނޑާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓް އަތުން 2-0 އިން މާޒިޔާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

މުޅި މެޗު ކޮންޓްރޯލްކޮށްގެން ނިއު އިން ކުޅުނު ނަމަވެސް މާޒިޔާ އިން ވަނީ ނިއު ހުއްޓުވުމުގައި ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ލިބުނު ހަމައެކަނި ދެ ފުރުސަތުގެ ބޭނުން ހިފިއިރު މުޅި މެޗުގައި ވެސް އެ ޓީމުން ވަނީ ޓެކްޓިކަލީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ އަށް ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. މިލޮސް ކޮވަސެވިޗް ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ އެ ޓީމުގެ މުހައްމަދު އާރިފް (ބަކާ) ބޮލުން ޖެހުމުން ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ޕަންޗްކޮށްފައި ފޮނުވާލި ވަގުތު އެ ބޯޅަ ލިބުނީ ގޯލް ކުރިމަތީ ހުސްކޮށް ހުރި ބޮސްނިއާ ޑިފެންޑަރު ބޮޔާނަށެވެ. އޭނާ ވަނީ އެ ބޯޅަ އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

މާޒިޔާގެ ގޯލަށް ފަހު ނިއު އިން ކުރިއަށް ޖެހި އެޓޭކްތައް ވަރުގަދަކުރިއިރު އެ ޓީމުގެ އެޑްރިއެން ގަލާޑޯ އަށް ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވި އެވެ. އެގޮތުން 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގަލާޑޯ އަށް މުޅިން ހުހަށް ލިބުނު ބޯޅަ ޖަހަޖަހާ އޮއްވާ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ސަލާމަތްކުރި އެވެ. އޭގެ ފަހުން 30 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ހުރަސްކުރި ބޯޅަ ގަލާޑޯ ބޮލުން ޖެހުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ނިއުގެ އަށް ލިބުނު ފުރުސަތުތައް ބޭކާރުވެފައިވަނިކޮށް އޭގެ ފަހުން މާޒިޔާ އަށް ލިބުނު ފުރުސަތުގައި އެ ޓީމުން ލީޑު ފުޅާކުރި އެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ގޯލް އުމެއިރު ޖެހީ ހިލޭ ޖެހުމަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

މާޒިޔާގެ ދެ ގޯލް ޖެހި ހިލޭ ޖެހުން ވެސް ރެފްރީ ޒައީމް އަލީ ދިނީ ނުހައްގުން ކަމަށް ބުނެ ނިއުގެ ސްޕެއިން ކޯޗު އޮސްކާ ބްރުޒޮން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ނިއުގެ ކޮންޓްރޯލުގެ ދަށުގައި މެޗު އޮތް ނަމަވެސް މި ހާފުގައި މާޒިޔާ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުމުގެ ނަތީޖާއަކަށްވީ ނިއުގެ ކުޅުންތެރިންނަށް އޭރިއާ ތެރެއަށް ވަދެގަންނަން ފުރުސަތު ނުލިބުނެވެ. އެއާ އެކު އެ ޓީމުން ފަހުން ކުޅުނީ އޭރިއާ ތެރެއަށް ބޯޅަތަކެއް ލައިގެން ހަމަލާ އުފެއްދޭތޯ އެވެ.

އެގޮތުން 81 ވަނަ މިނެޓުގައި ދަގަނޑޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ޖެހުމުން ގޯލާ އަމާޒުނުވެ ދިޔައިރު އޭގެ މިނެޓެއް ފަހުން އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ވެސް ނުކުރެވުނެވެ. އެ ޓީމުން އޭރިއާ ތެރެއަށް ހުރަސްކުރި ގިނަ ބޯޅަތަކެއް، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަމްދާން އަލީ (އެންޑީ) ބަލަހައްޓަމުން ދިޔަ މާޒިޔާގެ ޑިފެންސް ލައިނުން ސަލާމަތްކުރި އެވެ.

މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ އޭނާ ދައްކާނެ މާގިނަ ވާހަކައެއް ނެތް ކަމަށާއި ނިއު ކަހަލަ ވަރުގަދަ ޓީމެއްގެ އަތުން 2-0 އިން މޮޅުވެވޭނީ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްގެން ކަމަށެވެ.

"މީގެ ހުރިހާ ކްރެޑިޓެއް އަހަރެން ދޭނީ ކުޅުންތެރިންނަށް. ޓީމު ރޫހުގައި ކުޅެ، ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައި، މޮޅުވާން ކުޅުންތެރިން ގަދައަޅައި މަސައްކަތްކުރި މަންޒަރު ފެނުނީ. މި ވަރުގަދަ ނިއު ބަލިކުރެވޭނީ އަހަރެމެންގެ ވަރަށް މަސައްކަތްކުރުމުން. ޔަގީނުން ވެސް މި މެޗުގައި އަހަރެން ބޭނުންވި ގޮތަށް ކުޅެފި. އަހަރެންގެ ރޭވުމާ އެއްގޮތަށް ކުޅުންތެރިން މަސައްކަތްކޮށްފި. އެހެންވެ ކުޅުންތެރިންނަށް އަހަރެންގެ ހުރިހާ ޝުކުރެއް ހައްގުވަނީ،" ސެކުލޮސްކީ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބުނީ މުޅި މެޗުގައި ވެސް ފެނިގެން ދިޔައީ ރެފްރީގެ ފީކަޅާ ނިންމުންތައް ކަމަށާއި ރެފްރީގެ ހުރިހާ ނިންމުމެއް ހުރީ ނިއުއާ ދެކޮޅަށް ކަމަށެވެ. އަދި ރެފްރީއާ ދެކޮޅަށް ރަސްމީކޮށް ނިއު އިން ޝަކުވާ ހުށަހަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޮސްކާ ބުނީ މި މެޗުގައި ނިއު އަށް ރަނގަޅަށް ނުކުޅެވުނު ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު މިއީ އަދި ލީގުގެ ދެ ވަނަ މެޗަށް ވާތީ ކަންކަން ރަނގަޅުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ޕާފޯމަންސް ރަނގަޅެއް ނޫން. އެކަމަކު މިއީ އަދި ދެ ވަނަ މެޗު. އަދި ފުރުސަތު އޮތީ ހުޅުވިފައި،" އޮސްކާ ބުންޏެވެ.