Roadha Mihaaru
ސައުދާއި ހަނީފަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ސައުދާއި ހަނީފަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

06 އޯގަސްޓް 2017

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތައް އެ ދެ ބޭފުޅުންނާ ކްރިމިނަލް ކޯޓަށް މިއަދު ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތައް އެ ދެ ބޭފުޅުންނާ ކްރިމިނަލް ކޯޓަށް މިއަދު ހަވާލުކޮށްފި އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ސައުދާއި ހަނީފްގެ މައްޗަށް އުފުލަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގަ އެވެ.

އެ މައްސަލާގައި ސައުދާއި ހަނީފް މިއަދު ކޯޓަށް ހާޒިރުކޮށް، މައްސަލައިގެ ލިޔުންތައް ހަވާލުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އިބްތިދާއީ އަޑުއެހުން ފެށުމުގެ ކުރިން ދައުވާ ލިބޭ މީހުންނަށް މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ޖެހޭތީ އެވެ. ސައުދު މިއަދު ކޯޓަށް ހާޒިރު ކުރިއިރު އޭނާގެ މަންމަ މިއަދު ވަނީ އަވަހާރަވެފަ އެވެ. އަދި މެންދުރު އޮންނަ މަންމަގެ ޖަނާޒާ އަށް ސައުދު ހާޒިރުކޮށްދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސައުދު މިވަގުތު ބަންދުގައި ހުންނެވީ މަޖިލިހުގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައިގަ އެވެ. ތަހުގީގު ހިނގަމުންދާ އެ މައްސަލާގައި ސައުދު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.

ފަނޑިޔާރު ޝުޖާއު އަަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ހަނީފް ވެސް ކުރިން ހައްޔަރުކުރި އެވެ. އެކަމަކު މިހާރު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ސައުދާއި ހަނީފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.