Roadha Mihaaru
ސައުދާއި ހަނީފްގެ ޝަރީއަތް މާދަމާ ފަށަނީ

ސައުދާއި ހަނީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

22 އޯގަސްޓް 2017

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ސައުދާއި ހަނީފަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އެވެ.

އެ މައްސަލާގައި ހަނީފާއި ސައުދުގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން ސައުދުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

އެ މައްސަލާގައި ސައުދަށް ދައުވާ ކުރާއިރު، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މިދިޔަ މަހު މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލާގައި އިތުރު ދެ ދައުވާއެއް ސައުދަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ސައުދު ހައްޔަރުކޮށް، ތިން ފަހަރެއްގެ މަތިން ބަަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާ އެވެ.

ސައުދާއި އިތުރު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.