Roadha Mihaaru
"ތަގްސް" ގެ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަނީ

"ތަގްސް އޮފް ހިންދުސްތާން"ގެ ބައެއް އެކްޝަން މަންޒަރުތައް އަލުން ޝޫޓް ކުރަން ޖެހިއްޖެ

07 އޯގަސްޓް 2017

އަމީތާބް ބައްޗަން އާއި އާމިރް ހާން ފުރަތަމަ ފަހަރަށް އެކުގައި ކުޅޭ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގެ ބައެއް އެކްޝަން މަންޒަރުތަކާ ދޭތެރޭ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ހިތްހަމަނުޖެހިގެން އަލުން އެކްޝަން މަންޒަރުތައް ޝޫޓް ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާބް ބައްޗަން އާއި އާމިރް ހާން ފުރަތަމަ ފަހަރަށް އެކުގައި ކުޅޭ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" ގެ ބައެއް އެކްޝަން މަންޒަރުތަކާ ދޭތެރޭ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ހިތްހަމަނުޖެހިގެން އަލުން އެކްޝަން މަންޒަރުތައް ޝޫޓް ކުރަން ނިންމައިފި އެވެ.

މި ފިލްމަކީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓާ) ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ.

ބަތަލާއިންގެ ގޮތުގައި "ޑަންގަލް" ގެ ބަތަލާ ފާތިމާ ސަނާ ޝެއިހް އާއި ކެޓްރީނާ ކެއިފް ފެނިގެންދާ "ތަގްސް އޮފް ހިންދުސްތާން" ގެ ވަރަށް ބޮޑު ބައި މިދިޔަ މަހުގެ ތެރޭގައި ވަނީ މޯލްޓާގައި ނިންމާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގައި މިހާތަނަށް ޝޫޓްކޮށްފައިވާ އެކްޝަން މަންޒަރުތަކުގެ ތެރެއިން ބައެއް މަންޒަރުތަކާ ދޭތެރޭ އަދިތިޔާ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އަދި ފިލްމްގެ ކްރޫ އާއި ކާސްޓް މޯލްޓާގެ ޝޫޓިން ޝެޑިއުލް ނިންމާފައި އެނބުރި އިންޑިއާ އަށް ގޮސްފައި ވާތީ މިހާރު ނިންމާފައި ވަނީ ވައިއާރްއެފްގެ ސްޓޫޑިއޯގައި "ތަގްސް އޮފް ހިންދުސްތާން" ގެ ސެޓް ހަދައި އެތަނުގައި މަންޒަރުތައް ޝޫޓް ކުރާށެވެ.

ކަނޑުފޭރޭ ބައެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ވަރަށް ބޮޑު ބަޔަކީ ކަނޑުމަތީގެ މަންޒަރުތައް ދައްކުވައި ދޭން ޖެހޭ ފިލްމެކެވެ. އެގޮތުން މޯލްޓާގައި ފިލްމް ޝޫޓްކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބިޔަ ނައުތަކެއްގަ އެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ތަގްސް އޮފް ހިންދުސްތާން" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 7، 2018 ގަ އެވެ.

އަމީތާބާއި އާމިރް ޑައިރެކްޓަރު ވިކްޓާއާ އެކު "ތަގްސް އޮފް ހިންދުސްތާން" ގެ ސްކްރިޕްޓް ރީޑިން ސެޝަނެއްގައި.

އަމީތާބާއި އާމިރް ޑައިރެކްޓަރު ވިކްޓާއާ އެކު "ތަގްސް އޮފް ހިންދުސްތާން" ގެ ސްކްރިޕްޓް ރީޑިން ސެޝަނެއްގައި.

މި ފިލްމް ހާއްސަވާ އެންމެ މުހިއްމު އެއް ސަބަބަކީ ވަރުގަދަ ދެ އެކްޓަރުން ކަމަށްވާ އަމީތާބާއި އާމިރު ފުރަތަމަ ފަހަރަށް ސްކްރީނުން އެކުގައި ފެނިގެން ދާތީ އެވެ. އަދި މި ފިލްމުން އާމިރް އަނެއްކާ ވެސް ފެނިގެން ދާނީ ވަރަށް ތަފާތު ލުކަކާ އެކުގަ އެވެ.