Roadha Mihaaru
"ތަގްސް" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު

"ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ޔާޝް ޗޯޕްޅާގެ އުފަން ދުވަހު

25 ސެޕްޓެމްބަރ 2018

"ތަގްސް އޮފް ހިންދުސްތާން" ގެ ކާސްޓުން ފިލްމު ފެނިގެންދާ ގޮތް ދައްކައިލުމުގެ ތެރެއިން އާމިރް ހާން ކުޅޭ ކެރެކްޓާ އިން ވެސް އޭނާ ފެނިގެން ދާނެ ގޮތް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ތަގްސް އޮފް ހިންދުސްތާން" ގެ ކާސްޓުން ފިލްމު ފެނިގެންދާ ގޮތް ދައްކައިލުމުގެ ތެރެއިން އާމިރް ހާން ކުޅޭ ކެރެކްޓާ އިން ވެސް އޭނާ ފެނިގެން ދާނެ ގޮތް ދައްކާލައިފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޓްވީޓާގައި ވަނީ އާމިރްގެ ސްޓިލް އަދި މޯޝަން ޕޯސްޓަރެއް ހިއްސާކޮށްފަ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ ކުޅޭ ކެރެކްޓާގެ ނަމަކީ "ފިރަންގީ" އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓް ކުރި ގޮތާ ހިލާފަށް އާމިރު "ތަގްސް އޮފް ހިންދުސްތާން" ގައި ފެނިގެންދާ ގޮތް، "ޕައިރޭޓްސް" ގެ ފިލްމުތަކުގައި ޖޮނީ ޑެޕް ކުޅޭ ކެރެކްޓާއާ ވައްތަރެއް ނޫނެވެ. އެކަމަކު މި ފިލްމުގައި އަމީތާބް ފެނިގެންދާ ގޮތަށް "ޕައިރޭޓްސް"ގެ ކެރެކްޓާއަކާ ވައްތަރު ގޮތެއް ހުރެ އެވެ.

ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ، ޑައިރެކްޓްކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާއިންނަކީ ފާތިމާ ސަނާ ޝެއިހާއި ކެޓްރީނާ ކެއިފެވެ. މި ބަތަލާއިންގެ ލުކް ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.

އާމިރް ހާންގެ ކެރެކްޓާ ދައްކުވައިދޭ މޯޝަން ޕޯސްޓަރު.

އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒްކުރާ "ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ނެރެން ހަމަޖެހިފައި މި ފިލްމްގެ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ބައްޕަ އަދި ވައިއާރްއެފްގެ ބާނީ ޔާޝް ޗޯޕްޅާގެ އުފަން ދުވަސް ކަމަށްވާ މި މަހުގެ 27 ވަނަ ދުވަހު އެވެ.

ލޯބީގެ އަސަރުގަދަ އެތައް ފިލްމެއް ބެލުންތެރިންނަށް ގެނެސް ދިން ޔާޝް ވަނީ އުމުރުން 80 އަހަރުގައި 2012 ގައި މަރުވެފަ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ވެގެން ދާނީ ވައިއާރްއެފުން މިހާތަނަަށް ގެނެސްދޭ އެންމެ ތަފާތު އަދި އެންމެ އަގު ބޮޑު ފިލްމަށެވެ. މޯލްޓާގައި އަގު ބޮޑު ނައުތަކެއް ބަނދެގެން، ކަނޑުމަތީގައި ބޮޑު ބައި ޝޫޓްކޮށްފައިވާ މި ފިލްމަށް 1.2 ބިލިއަން ރުޕީސް ހަރަދުކޮށްފައިވެ އެވެ.