Roadha Mihaaru
ތަގްސްގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކުނުދިޔަ

"ތަގްސް" ގެ ސްޕެޝަލް އިފެކްޓްސް އާމިރަށް ކަމަކު ނުދިޔަ

07 އޮކްޓޯބަރ 2018

ރިލީޒް ކުރަން ގާތްވަމުން އަންނަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެކްޓްސްއާ ދޭތެރޭ ހިތްހަމަނުޖެހިގެން، ބަދަލުތަކެއް ގެނަންނަން އާމިރު ހާން އެދެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރިލީޒް ކުރަން ގާތްވަމުން އަންނަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ ވީއެފްއެކްސް ނުވަތަ ސްޕެޝަލް އިފެކްޓްސްއާ ދޭތެރޭ ހިތްހަމަނުޖެހިގެން، ބަދަލުތަކެއް ގެނަންނަން އާމިރު ހާން އެދެފި އެވެ.

ވިޖޭ ކްރިޝްނާ (ވިކްޓާ) އަޗަރިއާ ޑައިރެކްޓްކޮށްފައިވާ "ތަގްސް އޮފް ހިންދުސްތާން" އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ސްޓޫޑިއޯ ކަމަށްވާ ޔާޝްރާޖް ފިލްމް (ވައިއާރްއެފް) ގެ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ވީއެފްއެކްސް އަށް ހާއްސަކޮށްގެން ވައިއާރްއެފްގައި އިން-ހައުސް ވީއެފްއެކްސް ސްޓޫޑިއޯއެއް ވެސް ގާއިމުކޮށްފައިވެ އެވެ.

އަނެއްކޮޅުން އާމިރަކީ އޭނާ ކުޅޭ ކޮންމެ ފިލްމެއް ވެސް ވަރަށް ފުރިހަމަކޮށް އަދި ވަރަށް ކޮލިޓީގައި ގެނެސް ދޭން މަޝްހޫރު އެކްޓަރަކަށްވާތީ، މި އަގު ބޮޑު ފިލްމުގެ މަސައްކަތް އެހާ ލުއިކޮށް އޭނާ ދޫކޮށްލަން ބޭނުން ނުވަނީ އެވެ. އެގޮތުން ބެލުންތެރިނަށް ޓްރެއިލާ ދޫކޮށްލި އިރު، އޭގައި ހިމެނޭ ބައެއް ވީއެފްއެކްސްއާ ދޭތެރޭ އާމިރު އެހާ ހިތްހަމައެއްނުޖެހެ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ޓީމްގެ އޮފިޝަލަކާ ހަވާލާދީ ބޮލީވުޑް ލައިފުން ބުނި ގޮތުގައި ޓްރެއިލާއިން މައްސަލަތަކެއް ފާހަގަކުރެވެމުން އާމިރު ވަނީ މުޅި ފިލްމަށް ހަދާފައި ހުރި އިފެކްޓްސްތައް ބަލައިފަ އެވެ.

އެކަމަކު ފިލްމު ރިލީޒް ކުރުމުގެ ވަގުތު ވަރަށް ބޮޑުތަން ކުޑަވެފައިވާތީ، މުޅި ފިލްމުގެ ވީއެފްއެކްސް އަށް ބަދަލު ގެންނަން ފުރުސަތު ނެތުމުން އެންމެ ފީކަޅާކޮށް ފެންނަން ހުރި ގިނަ މަންޒަރުތަކަށް ބަދަލު ގެންނަން އެދިފައިވެ އެވެ. އަދި އެ މަސައްކަތް އާމިރު އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށް ބޮލީވުޑް ލައިފުން ބުންޏެވެ.

އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" އަކީ ވައިއާރްއެފުން މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމެވެ. މިއަށް 300 ކްރޯޑް ރުޕީސް ހަރަދުކޮށްފައިވެ އެވެ.

ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އާމިރާއި ފާތިމާ ސަނާ ޝެއިހާއި އަމީތާބް ބައްޗަންގެ އިތުރުން ކެޓްރީނާ ކެއިފެވެ.