Roadha Mihaaru
ލަންކާގައި ވެރިކަން ކުރަނީ ވަގުންގެ ޕާޓީއަކުން ނޫން: ރަނިލް

ލަންކާގައި ވެރިކަން ކުރަނީ ވަގުންގެ ޕާޓީއަކުން ނޫން: ރަނިލް

07 އޯގަސްޓް 2017

ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ވެރިކަން ކުރަމުންދަނީ ވަގުންގެ ޕާޓީއަކުން ނޫން ކަމަށާއި ސަރުކާރުގެ ތެރޭން ކޮރަޕްޝަން ފުހެލާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ވެރިކަން ކުރަމުންދަނީ ވަގުންގެ ޕާޓީއަކުން ނޫން ކަމަށާއި ސަރުކާރުގެ ތެރޭން ކޮރަޕްޝަން ފުހެލާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ހަޔާތަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ސިލްސިލާ ބައްދަލުވުންތަކުގައި ހެޓޮންގައި އިއްޔެ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގައި ވަގުން ނުތިބޭނެ ކަމަށާއި ތަހުގީގަށް ފަހު އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަން ސާބިތު ވެއްޖެ ނަމަ އެ މީހަކު މަގާމުން ދުރުކުރާނެ ކަމަށެވެ.

"ކޮރަޕްޓް އެއްވެސް މީހަކަށް މި ސަރުކާރުން ޖާގައެއް ނޯންނާނެ. އަޅުގަނޑުމެންގެ ޕާޓީގައި ވަގުންނެއް ނުތިބޭނެ. އެއްވެސް ވަގަކު ޕާޓީގައި ހުރި ނަމަ ބޭރު ކުރާނަން،" ރަނިލް ވިދާޅުވި އެވެ.

ބޮޑު ވަޒީރު ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވިއްޖެ ނަމަ އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.

ރަނިލް މި މޭރުމުން ވާހަކަ ދެއްކެވި އިރު ލަންކާގެ ޚާރިޖީ ވަޒީރު ރަވީ ކަރުނަނަޔަކަގެ މައްޗަށް ވަނީ މަރުކަޒީ ބޭންކުގެ ބޮންޑުގެ މައްސަލައިގައި ކޮރަޕްޝަނުގެ ތުހުމަތުކޮށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕާލަމެންޓަށް ވައްދައިފަ އެވެ.

ރަނިލް ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލައިގައި އެކަކަށް ވެސް ސަލާމަތް ނުވެވޭނެ ކަމަށާއި ކުރީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ވެސް ބަލާ ބައެއް މީހުންގެ މައްސަލަ އެޓާނީ ޖެނެރަލް އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުގެ ބޮންޑުގެ މައްސަލަ އަށް އިޝާރާތް ކުރައްވާ ރަނިލް ވިދާޅުވީ އެ މައްސަލަ ފެންމަތިވި ހިސާބުން އެތެރޭގެ ތަހުގީގެއްކޮށް ޕާލަމެންޓްރީ ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. އެ ކޮމިޓީގެ ރައީސަކަށް ހަމަޖެއްސީ އިދިިކޮޅު މެންބަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރަނިލް މި މޭރުމުން ވާހަކަ ދެއްކެވި އިރު މަރުކަޒީ ބޭންކުގެ ބޮންޑުގެ ކޮރަޕްޝަން ފަޅާއެރި އިރު ބޭންކުގެ ގަވަރުނަރާއި މާލީ ވަޒީރުކަމުގައި އޭރު ހުންނެވި ރަވީ އަކީ ރަނިލްގެ ފަރާތުން ސަރުކާރަށް ގެންނަވާފައިވާ ބޭފުޅުންނެވެ.