Roadha Mihaaru

ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް

ކޮލަމްބޯ (ސެޕްޓެމްބަރު 24) - ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަކީ މިހާތަނަށް "ސިއްރެއް" ކަމަށާއި ނަމަވެސް އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޕާޓީގެ ލީޑަރު އަދި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ސިއްރެއް: ރަނިލް
ހަސަން އާމިރު
ހަސަން އާމިރު

24 ސެޕްޓެމްބަރ 2019

ކޮލަމްބޯ (ސެޕްޓެމްބަރު 24) - ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަކީ މިހާތަނަށް "ސިއްރެއް" ކަމަށާއި ނަމަވެސް އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޕާޓީގެ ލީޑަރު އަދި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ސިނަމަން ހޮޓެލް ގްރޫޕުން އިންތިޒާމްކޮށްގެން ކޮލަމްބޯގައި ބޭއްވި ސިނަމަން ފިއުޗާ އޮފް ޓޫރިޒަމް ސަމިޓް 2019 ގައި ސީއެންއެންގެ ރިޗަޑް ކުއެސްޓާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ ކެންޑިޑޭޓުގެ ނަން މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ލަންކާގެ ހާލަތާ ގުޅޭ ގޮތުން ކުއެސްޓް ސުވާލު ކުރުމުން ރަނިލް ވިދާޅުވީ އީސްޓާ ބޮމުގެ ހަމަލާ އިން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށެވެ. އަދި ލިބޭ މައުލޫމާތާ މެދު އަޅާ ނުލައި ނުތިބެވޭނެ ކަމަށާއި ގައުމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ މެދު ވެސް ސަމާލުވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ޕާލަމެންޓުގެ ކޮމިޓީން ހިންގާ ތަހުގީގު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ. އެކަމަކު ޕާލަމެންޓާއި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭތީ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ބޮމުގެ ހަމަލާގެ އާ ތަހުގީގެއް ކުރުމަށް ކޮމިޝަނެއް އުފައްދަވައިފަ އެވެ.

ޔޫއެންޕީގެ ކެންޑިޑޭޓަކީ ސިއްރެއް ކަމަށް ރަނިލް ވިދާޅުވީ އިރު އެ ޕާޓީން ކެންޑިޑޭޓަކު ނެރުމުގައި ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ. ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓްކަން ހޯދުމަށް ރަނިލްގެ އިތުރުން ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާއި ޕާޓީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސާ ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

ލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.