Roadha Mihaaru
ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވައިފި

20 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 20) - އާ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުން ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 20) - އާ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުމުގެ ގޮތުން ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސްރީ ލަންކާގައި އާއްމު އިންތިޚާބެއް ބޭއްވެންދެން ގޯޓާބޭ ވަނީ 15 މެންބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލަން ނިންމަވައިފަ އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޕާލަމެންޓް އުވާލުމަށް ފަހު އާ އިންތިޚާބެއް ބޭއްވޭނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރަކަށް ހަމަޖައްސާނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ކަމަށް ބެލެވެ އެވެ. ރާޖަޕަކްސާ ވިދާޅުވީ ސަރުކާރު ރަނގަޅަށް ހިނގައިގަންނާނީ ރައީސް އާއި ކެބިނެޓަކީ އެއް ޕާޓީއެއްގެ ބަޔަކަށް ވެގެން ކަމަށެވެ. އަދި ވޯޓު ފޮށިން ރައްޔިތުން ނިންމި ނިންމުމަށް ސިޔާސީ ފަރާތްތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ކުރީގެ ރައީސް ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ރައީސްގެ މަގާމަށް ގޯޓާބޭ އިންތިޚާބުވުމާ ގުޅިގެން ރާޖަޕަކްސާ އާއި އެހެން ޕާޓީތަކުގެ ލީޑަރުން ވަނީ ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާއާ ބައްދަލު ކުރެއްވުމަށް ފަހު ޕާލަމެންޓް ކުރިއަށްގެންދާނެ ގޮތަކާ މެދު މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ތިން ގޮތަކާ މެދު ވާހަކަ ދައްކައިފަ އެވެ؛

ޕާޓީތަކުން މަޝްވަރާކުރި ކަންތައްތައް:

1. މާޗް 1، 2020 ގައި ޕާލަމެންޓް އުވާލުމަށް ފަހު ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އާ އިންތިޚާބެއް ބޭއްވުން. އިންތިޚާބު ބާއްވަން އެއްބަސްވެފައި ވަނީ އެޕްރީލް މަހު. އެހާ ތަނާ ހަމައަށް، މިހާރު ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ސަރުކާރު ކުރިއަށް ގެންދިއުން.

2. ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި މެންބަރުން އެއްބަސްވެ ޕާލަމެންޓް އުވާލުމަށް ފަހު ވަގުތުން އިންތިޚާބެއް ބޭއްވުން.

3. ބޮޑު ވަޒީރު ރަނިލް އާއި މިހާރުގެ ސަރުކާރު އެކުގައި އިސްތިއުފާ ދިނުމަށް ފަހު، އާ އިންތިޚާބެއް ބޭއްވެންދެން ގޯޓާބޭ ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދިނުން.

ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ

އެކަމަކު ގިނަ މެންބަރުން އެއްބަސްވެފައި ވަނީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް އިސްތިއުފާ ދެއްވުމަށެވެ. އެއީ 2015 ގައި ވެސް ވަނީ މައިތުރިޕާލާ ސިރިސޭނާ ވެރިކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން، ވަގުތީ ސަރުކާރެއް އެކުލަވާލުމަށްޓަކައި އޭރުގެ ޔޫޕީއެފްއޭގެ ކެބިނެޓް އިސްތިއުފާދީފަ އެވެ. އޮގަސްޓް 2015 ގައި އާއްމު އިންތިޚާބު ބޭއްވުމާ ހަމައަށް ދެމިއޮތް ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރަކަށް ހަމަޖެއްސީ ރަނިލް އެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލެވޭނީ ހިނގަމުންދާ ފަސް އަހަރުގެ ދައުރުން ހަތަރު އަހަރާއި ބައި ފާއިތުވުމަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެންވެ އެންމެ އަވަހަށް ވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަސް ނިމުމުންނެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާލަމެންޓް އުވާލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެގޮތަށް ފާސް ކުރުމުންނެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އާ ރައީސަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޕާލަމެންޓުގެ ދައުރު ނިމެންދެން ބޮޑު ވަޒީރުކަމުގެ މަގާމުގައި ރަނިލް އަށް ދެމިހުންނެވޭނެ އެވެ.