Roadha Mihaaru
1500 އެލެކްޓްރީޝަނުން ތަމްރީނުކުރަނީ

1500 އެލެކްޓްރީޝަނުން ތަމްރީނުކުރަނީ

07 އޯގަސްޓް 2017

އިލެކްޓްރީޝަނުން ތަމްރީނުު ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ޓިވެޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޓްރީޝަނުން ތަމްރީނުު ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ޓިވެޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ފެނަކައިގެ އިންޖީނުގެތަކުގައި މަސައްކަތް ކުރާ އިލެކްޓްރިޝަނުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރި އަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި، ޕޮލިޓެކްނިކްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަދި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވަނީ ސޮއި ކުރައްވައިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން 1500 އިލެކްޓްރިޝަނުން ތަމްރީނު ކުރާ އިރު 1000 ފުރުސަތު ދޭން ހަމަޖައްސާފައިވަނީ ފެނަކައިގެ އެކި އިންޖީނުގެތަކުގައި މަސައްކަތްކުރަމުން އަންނަ މީހުންނަށެވެ. މިއީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު ގަބޫލުކުރާ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ އިރު މި ތިން އަހަރުގެ ތެރޭގައި އެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ހުނަރުވެރި ޒުވާނުން ނެރެދިނުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ފާހަގަކުރެއްވި އެެވެ.

އެގޮތުން ޓިވެޓުން ހިންގާ އެކި ކޯސްތަކުން 8500 ޒުވާނުން ތަމްރީނު ވެފައިވާކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ފާމަސީ އެސިސްޓެންޓުންނާއި ނަރުހުންނާއި ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ކޯސްތައް ހިމެނެ އެެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނު ލިބިފައި ތިބި މުވައްޒަފުން މަދުވުން ކަމަށެވެ. އެހެންކަމުން މުވައްޒަފުން ތަމްރީނުކޮށް، މަސައްކަތް ކުރަމުންދަނީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދޭން ހަމަޖައްސާފައިވަނީ ފެނަކައިގެ ތަޖުރިބާކާރުން، އެކި ރަށްރަށަށް ގޮސްގެންނެވެ. އެހެންކަމުން ވަޒީފާގައި ހުރެގެން ވެސް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އިލެކްޓްރިޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލާނެ އެވެ.