Roadha Mihaaru
ބީއެމްއެލްގެ ޗެއާޕާސަން ފަަރީހާ އާ ބޯޑުގައި ނުހިމެނޭ

ބީއެމްއެލްގެ ޗެއާޕަސަން ފަރީހާއާ އެކު ކުރީގެ ދެ ޑައިރެކްޓަރަކު މިފަހަރު ނުހިމެނޭ

08 އޯގަސްޓް 2017

ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފާ އެކު އިތުރު ދެ ޑިރެކްޓަރަކު ނުހިމަނާ އާ ބޯޑު އެކުލަވާލަން ޕްރައިވެޓައިޒޭޝަން ބޯޑުން ހުށަހަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފާ އެކު އިތުރު ދެ ޑިރެކްޓަރަކު ނުހިމަނާ އާ ބޯޑު އެކުލަވާލަން ޕްރައިވެޓައިޒޭޝަން ބޯޑުން ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އަހަރީ އާއްމު ޖަލްސާ މި މަހު 23 ގައި ބާއްވާއިރު، މި ފަހަރު ބޯޑުގައި ނުހިމެނެނީ ފަރީހާގެ އިތުރުން މުހައްމަދު އުމަރު އާއި މުރުތަލާ މުހައްމަދު ދީދީ އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ޗެއާޕާސަން ފަރީހާ ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިވެވަޑައިގަންނަވަނީ އަމިއްލަ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ.

"ވޭތުވެދިޔަ ދެ އަހަރު ބޭންކުގެ ބޯޑުގެ ޗެއާޕަސަންގެ މަގާމު އަދާކޮށްދިނުމުގެ ފުރުސަތު ލިބުނުކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑު ދެކޭ ގޮތުގައި ބޭންކުގެ ޕްރޮފެޝަނަލްކަމާއި ގާއިމުކޮށްފައިވާ މިންގަނޑުތަކާއި ހޯދާފައިވާ ކާމިޔާބީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއް ހަމައެއްގައި އަޅާކިޔާލެވޭ. އަދި މިކާމިޔާބީ ހޯދުމުގައި މުހިންމު ދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ފަރީހާ ވިދާޅުވި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސަރުކާާރުން ވަނީ ހުސްވާ މަގާމުތަކަށް ދެ ބޭފުޅެއްގެ ނަން ހުށަހަޅައިފަ އެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓެންޓް ސައީދާ އުމަރާއި އެމްޕީއެލްގެ އެސިސްޓެންޓް ޗީފް އެގްޒެކްޓިވް އޮފިސަރު ރާބިހު މުހައްމަދެވެ.

ނަންތައް ފާސްކުރާނީ އަހަރީ އާއްމު ޖަލްސާ އެވެ.

އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ އަށް ޑިރެކްޓަރުންނާއި އާއްމުންގެ ފަރާތުން ތިން ޑިރެކްޓަރަކު ހިމެނެ އެވެ. އަލަށް ބޯޑު އެކުލަވާލާއިރު އާއްމުގެ ފަރާތުން ބޯޑުގައި ހިމެނޭ ތިން މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ފަރީހާ އާއި އުމަރު އަދި މުރުތަލާ ވަނީ ބޯޑުގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ.

"ބޭފުޅުންނަށް ނުހަނު އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން ޝުކުރު ދަންނަވަން އަދި މުސްތަގުބަލުގައި ކާމިޔާބީއަށް އެދެން. އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކުން އުއްމީދުކުރާ މިންވަރަށް ވާސިލްވުމުގެ އަމާޒު އަޅުގަނޑުމެން ހިފައްހައްޓަމުންދާނަން،" އޭނާ ވިދާޅުވި އެވެ.