Roadha Mihaaru
ހާލަތު މުހިއްމެއް ނޫން، ބޭނުންވަނީ ޗެލްސީ ބަލިކުރަން

ހާލަތު މުހިއްމެއް ނޫން، ބޭނުންވަނީ ޗެލްސީ ބަލިކުރަން: ޕޮޗެޓީނޯ

20 އޯގަސްޓް 2017

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ހާލަތު މުހިއްމެއް ނޫން ކަމަށާއި ބޭނުންވަނީ ޗެލްސީ ބަލިކުރަން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ހާލަތު މުހިއްމެއް ނޫން ކަމަށާއި ބޭނުންވަނީ ޗެލްސީ ބަލިކުރަން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މި ފަހަރު ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި 3-2 އިން ބާންލީ އަތުން ބަލިވެފަ އެވެ. ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ޓޮޓެންހަމް ދަނޑު މަރާމާތު ކުރަމުންދާތީ މި ސީޒަނުގައި އެ ޓީމުގެ ހޯމް މެޗުތައް ކުޅޭނީ ވެމްބްލީ ދަނޑުގަ އެވެ. ބަދަލުތަކާ އެކު ވެމްބްލީ އަލުން 2007 ގައި ހުޅުވި ފަހުން ވެމްބްލީގައި ޓޮޓެންހަމުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ.

ޕޮޗެޓީނޯ ބުނީ މި މެޗަށް ނުކުންނައިރު ވެމްބްލީގައި ކުޅެން ޖެހުމުގެ ޝަކުވާ ކުރަން ބޭނުންނުވާ ކަމަށެވެ.

"ވެމްބްލީގައި ކުޅެން ޖެހުމަކީ މައްސަލައެއް ނޫން. މިދިޔަ ސީޒަނުގައި މޮޅުވި ގޮތަށް އަހަރެމެންނަށް މޮޅު ނުވެވިއްޖެނަމަ އެއީ އަހަރެމެންގެ މައްސަލަ. ވައިޓްހާޓް ލޭން ނޫން ދަނޑެއްގައި ކުޅެން ޖެހުމުން އުނދަގޫތަކެއް ހުރި ނަމަވެސް ބޭނުންވަނީ ޗެލްސީ ބަލިކުރަން،" ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗަށް ޓޮޓެންހަމްގެ ކިއެރަން ޓްރިޕިއޭ ފިޓްވެފައިވީ ނަމަވެސް އޭނާ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ މެޗާ ގާތްކޮށްފައި ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ.

މި މެޗަށް ނުކުންނައިރު ޗެލްސީގެ ގެރީ ކޭހިލް އާއި ސެސް ފަބްރެގަސް ވަނީ ސަސްޕެންޑްވެފަ އެވެ. ވިކްޓަ މޮސަސް ސަސްޕެންޝަނުން އެނބުރި އައިއިރު، މި މެޗުގައި އަލްވާރޯ މޮރާޓާ އަށް ފުރަަތަމަ އެގާރައިން ޖާގަ ދޭނެ ކަމަށް ބެލެވެ އެވެ. އަދި އަނިޔާއިން ރަނގަޅުވެ އެޑެން ހަޒާޑާއި ޓިއެމް ބަކަޔޯކޯ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު މި މެޗުގައި ބަކަޔޯކޯ ފެނުމުގެ ފުރުސަތު އެބައޮތެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ޓޮޓެންހަމަށް ތައުރީފް ކޮށްފަ އެވެ.

"ޕޮޗެޓީނޯ އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުން. ބޭނުންވާ ޒުވާން ކުޅުންތެރިންނާ އެކު ބޮޑު މަސައްކަތެއް އޭނާ ފަށައިފި. އެ ކުޅުންތެރިން އަންނަނީ ކުރިއަރަމުން. ޗެލްސީ އަށް ވެސް ބޭނުންވަނީ އެ ކަހަލަ ބަދަލެއް. އަހަރެން ދެކޭ ގޮތުގައި ޓޮޓެންހަމަކީ ލީގަށް ވާދަކުރާ ޓީމެއް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗުގައި ބާންލީ އަތުންވި ބަލީގެ ސަބަބުން ލިބުނު މާޔޫސްކަމުން އަރައިގަންނަން މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމު ކަމަށެވެ.

ޓޮޓެންހަމް އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ 8 ޖަހާއިރު އެވެ.