Roadha Mihaaru
އައިޖީއެމްއެޗުގެ ކިޔޫ ކުޑަކޮށް ފަރުވާ ފަސޭހަކޮށްދެނީ

އައިޖީއެމްއެޗުގެ ކިޔޫ ކުޑަކުރަން އާސަންދައާ އެކު މަޝްވަރާ ކުރަނީ

03 ޖޫން 2019

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމާއި އޮޕަރޭޝަންތައް އަދި އެ ނޫން ވެސް ޚިދުމަތްތައް ހޯދުމުގެ ކިޔޫ ކުޑަކުރެވޭނެ ގޮތެއް ހޯދަން އާސަންދައާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމާއި އޮޕަރޭޝަންތައް އަދި އެ ނޫން ވެސް ޚިދުމަތްތައް ހޯދުމުގެ ކިޔޫ ކުޑަކުރެވޭނެ ގޮތެއް ހޯދަން އާސަންދައާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމުގެ ކިޔޫގައި ބައެއް ފަހަރަށް، އަހަރަކަށް ވުރެ ގިނަ ދުވަސް ވެސް ހޭދަކުރަން ޖެހެ އެވެ. އާއްމުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަން އާއްމުން އުފުލަން ޖެހިފައިވާ ތަކުލީފެވެ.

އެ ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އާއްމުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ޚިދުމަތް ހޯދާ ކިޔޫ ކުޑަކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އެ ހޮސްޕިޓަލަށް ބުރަބޮޑުވެ، އާއްމުން އެންމެ ބޭނުންވާ ސްޕީޑުގައި ޚިދުމަތް ދޭން ގޮންޖެހުންތައް ހުރިކަން ތަފާސްހިސާބުން ސަލީމް ދެއްކެވި އެވެ.

"ޚިދުމަތް ހޯދަން ނަން ނޯޓުކުރާ ކިޔޫތައް ކުޑަކުރަން ކުރާ މަސައްކަތުގައި ނަތީޖާ ނެރެވޭނީ އާސަންދައާ އެކު އެހެން ހޮސްޕިޓަލްތަކާ ވެސް ވާހަކަ ދައްކައިގެން. އެ މަޝްވަރާތައް ވެސް އެބަދޭ،" ސަލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ބައެއް ތަފާސްހިސާބު

- ހޮސްޕިޓަލުން ދުވާލަކު 4،000 މީހުން ޚިދުމަތް ހޯދާ. ޖެނުއަރީ މަހުން ފެށިގެން މި އަދަދަށް އެވްރެޖްކޮށް ދުވާލަކު 300 މީހުން ވަނީ އިތުރުވެފައި.

- 301 އެނދުގައި އެޑްމިޓްކޮށްގެން ފަރުވާދޭ.

- ޚާއްސަ ބަލިތަކަށް 15 ޑިޕާޓްމެންޓާއި ސުޕަސްޕެޝަލިސްޓް 5 ޑިޕާޓްމެންޓުގައި ޚިދުމަތްދޭ.

- ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވަނީ 1،662 ޑޮކްޓަރުންނާއި ނަރުހުން.

- އިމަޖެންސީން ދުވާލަކު 400-500 މީހުންނަށް ޚިދުމަތްދޭ.

ކިޔޫތައް ކުޑަކުރަން އައިޖީއެމްއެޗުގެ އެއް ވިސްނުމަކީ އާސަންދައާ އެކު އެއްބަސްވެވޭ އަގުތަކެއްގައި އެހެން ހޮސްޕިޓަލްތަކުން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އޭގެތެރޭގައި އޭޑީކޭ އާއި ޓްރީ ޓޮޕް ފަދަ ހޮސްޕިޓަލްތައް ހިމެނޭ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އައިޖީއެމްއެޗް: ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ޚިދުމަތް ހޯދަނީ އެ ހޮސްޕިޓަލުން.

އައިޖީއެމްއެޗް: ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ޚިދުމަތް ހޯދަނީ އެ ހޮސްޕިޓަލުން.

ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ކުރިމަތިވަމުންދާ ކަން ފާހަގަކުރައްވައި ވިދާޅުވީ 21 މެޑިކަލް އޮފިސަރުންނާއި 35 ނަރުހުން ހޯދަން އިއުލާންކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ކަށީގެ އޮޕަރޭޝަންތަކާއި ހިތުގެ އަދި އެ ނޫން ވެސް އާއްމު އޮޕަރޭޝަންތަކަށް ގިނަ މީހުން އެޑްމިޓް ކުރިއަސް ޚިދުމަތް ފުޅާނުކުރެވި ވަނީ ޖާގައިގެ ދަތިކަމާ ހެދި ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ގިނަ ޑިޕާޓްމެންޓްތަކެއް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމުން، ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަަމަށް ސަލީމް ވިދާޅުވި އެވެ. ޖުލައި މަހުގެ ނިޔަލަށް ޑިޕާޓްމެންޓްތައް ދަރުމަވަންތަ އަށް ބަދަލުކޮށް އައިޖީއެމްއެޗުން ހުސްވާ ޖާގައިގައި އެނދު އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

"އެނދު ތައާރަފް ކުރުމަށާއި ޖާގަ އިތުރުކުރަން ވަގުތާއި އިންވެސްޓްމެންޓް ބޭނުންވާނެ،" ސަލީމް ވިދާޅުވި އެވެ.