Roadha Mihaaru
ޑިސެމްބަރުގައި ރާއްޖެއަށް "ފިނިމޫސުން" އަންނާނެ:ރައީސް

ޑިސެމްބަރު މަހު ރާއްޖެ އަށް ވެސް "ފިނި މޫސުން" އަންނާނެ: ރައީސް

22 އޯގަސްޓް 2017

ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް ރޭ ހުޅުވި ރަސްރަނި ބަގީޗާގައި އަލަށް ހަދާ ވިންޓާ ކޯނާ އެކު ރާއްޖޭގައި ވެސް ފިނި މޫސުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް ރޭ ހުޅުވި ރަސްރަނި ބަގީޗާގައި އަލަށް ހަދާ ވިންޓާ ކޯނާ އެކު ރާއްޖޭގައި ވެސް ފިނި މޫސުން ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ރަސްރަނި ބަގީޗާގައި އަންނަ ޑިސެމްބަރު މަހު ހުޅުވާ ވިންޓާ ކޯނާގައި ސްނޯގެ އިހުސާސް ކުރެވި، ކުޑަކުދިންނަށް އައިސް ސްކޭޓް ކުރެވޭނެ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖެ އަށް ވެސް ޑިސެމްބަރު މަހު "ފިނި މޫސުން" އަންނާނެ ކަމަށް، ރަސްރަނި ބަގީޗާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފުލާގައި ރައީސް ޔާމީން ވިދާޅުވީ އެކަމަށް އިޝާރާތް ކޮށެވެ.

ރޭ ހުޅުވި ރަސްރަނި ބަގީޗާގައި ކުޑަކުދިންތަކެއް ކުޅެނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ރޭ ހުޅުވި ރަސްރަނި ބަގީޗާގައި ކުޑަކުދިންތަކެއް ކުޅެނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އިރާދަކުރެއްވިއްޔާ މި އަހަރު ރާއްޖެ އަށް ފިނި މޫސުން އަންނާނެ. އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕަށް ފިނި މޫސުން އަންނަ ގޮތަށް ދިވެހި ކުޑަކުދިންނަށް ވެސް [ފިނި މޫސުން] އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ތައާރަފު ކުރާ މި ތީމުގެ ސަބަބުން ފިނި މޫސުމަކީ ކޮބައިކަން ދިވެހި ކުދިންނަށް އެނގި، އޭގެ އިހުސާސް ކުރެވޭނެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ކުޑަކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ރަސްރަނި ބަގީޗާ ހެދުމުގެ މަގުސަދަކީ ވީހާ ވެސް މިނިވަންކަމާއެކު، ރާއްޖޭގެ ތާރީޚު ވެސް ކޮންމެވެސް ވަރަކަށް ދައްކައި ދިނުމެވެ.

ރަސްރަނި ބަގީޗާ ހެދީ ރާއްޖޭގެ އެންމެ މުގައްދަސް އެއް ބިމުގައި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެއީ 800 އަހަރު ވަންދެން، ދިވެހި ރައްޔިތުންގެ މައްޗަށް އަމުރު ހިންގެވި ރަސްކަލުންނާއި ރަނިކަނބަލުން ވެރިކަން ކުރެއްވި ތަން ކަމަށެވެ.

ރަސްރަނި ބަގީޗާގައި ހަދާފައިވާ ޓްރީ ހައުސްއެއްގައި ރައީސް ޔާމީން ކުޑަކުދިންތަކަކާ ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ރަސްރަނި ބަގީޗާގައި ހަދާފައިވާ ޓްރީ ހައުސްއެއްގައި ރައީސް ޔާމީން ކުޑަކުދިންތަކަކާ ވާހަކަފުޅު ދައްކަވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

"މިތާ ތިބި ކުދިންނަށް އެއްގޮތަކަށް ވެސް ޕްރެޒިޑެންޓުން ނޫން ބައެއް ނޭނގޭނެ. އެކަމަކު ހުރިހާ ކުދިން ވެސް ގަބޫލު ކުރަން ވާނެ، އިނގިރޭސި ވިލާތުގައި ކުއީން އެލިޒަބަތު ހުންނަވާ ގޮތަށް ރާއްޖޭގައި ވެސް ކިންގުންނާއި ކުއީނުން ތިއްބެވިކަން،" ދިވެހި ތާރީޚު ވެސް ސިފަވާ ގޮތަށް ހަދާފައިވާ ރަސްރަނި ބަގީޗާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މުހައްމަދު ފަރީދުގެ ރަސްކަން ނިމުމާއެކު ސަލްޓަން ޕާކު ވީރާނާވެފައިވާ ކަމަށާއި އެހެންވެ، އަލުން އެތަން ތަރައްގީ ކުރީ ކުޑަކުދިންގެ ފަރާތުން ދިރުން ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ރަސްރަނި ބަގީޗާ އަކީ ވަރަށް މިނިވަން އަދި ރައްކާތެރި ތަނެއްކަން ފާހަގަ ކުރައްވައި ރައީސް ވަނީ ހުރިހާ ބެލެނިވެރިން ވެސް، ކުދިން އެތަނުގައި އެކަނި ކުޅެން ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ކުދިންގެ ހަރަކާތްތައް ބަލައި، އެ ބަގީޗާ އިން ރައްކާތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.