Roadha Mihaaru
ދަރިން ދޫކޮށްލާ މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ

ދަރިން ދޫކޮށްލައި ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންނަށް ފިޔަވަޅު އަޅަން ރައީސް ނިންމަވައިފި

22 އޯގަސްޓް 2017

ކުޑަކުދިންގެ ހިޔާ އާއި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އެ މީހުން ދޫކޮށްލުމުން އަޅާނުލާ ސަރުކާރުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ކުޑަކުދިންގެ ހިޔާ އާއި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އެ މީހުން ދޫކޮށްލުމުން އަޅާނުލާ ސަރުކާރުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭގެ ފިޔަވައްޗާއި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ދޫކޮށްލުމުން، އެ މީހުންނާ އަޅާނުލާ މައިންބަފައިންގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނާ މެދު ތަފާތު ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އެކަންކަން ތަންފީޒު ކުރުމަށް ޖެންޑަ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަށް ރައީސް އޮފީހުން މިހާރު ވަނީ އަންގައިފަ އެވެ.

ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތިންނާއި ގުރައިދޫ މަރުކަޒުން ދޫކޮށްލާ މީހުންނާ އަޅާނުލާ ސަރުކާރުގެ މުވައްޒަފުންނަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، އެ މުވައްޒަފެއްގެ މުސާރައިން، ކަނޑައަޅާ ވަކި އަދަދެއް އުނިކުރުމާއި އެކަން ކުރުމަށް އުޒުރުވެރި ވެއްޖެ ނަމަ، ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހު، އެމީހަކު ވަޒީފާ އިން ވަކިކުރުމެވެ.

"މީގެ އިތުރުން، މިފަދަ ފަރާތްތަކުގެ މުސާރައިން އުނިކުރެވޭ ޢަދަދު، ހިޔާގައި/ފިޔަވަތީގައި ހުރި ނުވަތަ ގުރައިދޫ މަރުކަޒުގައި ހުރި އެމީހަކަށް ނިސްބަތްވާ ކުއްޖެއް ނުވަތަ މީހެއްގެ ނަމުގައި ރައްކާ ކުރެވެންވާނޭ ކަމަށާއި، އަދި ކުޑަކުއްޖެއްނަމަ، އެ ކުއްޖެއްގެ ޢުމުރުން 18 އަހަރު ވުމުގެ ކުރިން، އެ ފައިސާ ބޭނުން ނުކުރެވޭނޭ ކަމަށާއި، އަދި ބޮޑު މީހެއްނަމަ، އެ މީހަކަށް ނޫން ގޮތަކަށް އެ ފައިސާ ބޭނުން ނުކުރެވޭނޭ ކަމުގައި ކަނޑައަޅުއްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ކުޑަކުދިންގެ މަރުކަޒުތަކުން ދޫކޮށްލާ މީހުންނާ މެދު އަޅާނުލާ ސަރުކާރުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނީ ކޮންމެ މައްސަލަ އަކީ ވަކި މައްސަލައެއް ކަމަށް ބަލައިގެން ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގައި އެ މީހަކު ވަޒީފާ އަދާކުރާ މުއައްސަސާއާ މަޝްވަރާ ކުރުމަށް ވެސް ކަނޑައަޅާފައިވެ އެވެ.

ވަކިވަކިން އެކުލަވާލާފައިވާ ދެ އުސޫލުގެ ތެރެއިން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުސޫލު އެކުލަވާލާފައި ވަނީ، ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ޗެޕްޓަރ 1 ގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ދަރިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުސޫލު އެކުލަވާލާފައި ވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) އާއި އާއިލާއާ ބެހޭ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުންނެވެ.

"މި އުޞޫލުގައިވާ ގޮތުން، މި އުޞޫލަށް ޢަމަލުކުރުމަށް އެދޭ ވަޒީފާ ދޭ އަމިއްލަ ފަރާތްތަކަށް ވެސް ވަނީ އެ ފުރުޞަތު ހުޅުވާލެވިފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.