Roadha Mihaaru
އަޅާނުލުމުން ފިޔަވަޅު އެޅުން: މުހިންމު ކަމެއް

ދަރިންނާއި މައިންބަފައިންނަށް އަޅާނުލާ މީހުންނާ މެދު ފިޔަވަޅު އެޅުން މުހިންމު

23 އޯގަސްޓް 2017

އިހުމާލުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ ގާނޫނީ ގޮތުން އެ މީހުންގެ މައިންބަފައިންނަށް ނުވަތަ ދަރިންނަށް ނުވަތަ ބަދަލުވެރިންނަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެން ގައުމުތަކުގައި އެފަދަ ކަންކަމާ ޚިލާފްވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް އޮތަސް ރާއްޖޭގައި މާބޮޑު ފިޔަވަޅުތަކެއް މިހާތަނަކަށް ނޭޅެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިހުމާލުވުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ ގާނޫނީ ގޮތުން އެ މީހުންގެ މައިންބަފައިންނަށް ނުވަތަ ދަރިންނަށް ނުވަތަ ބަދަލުވެރިންނަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެން ގައުމުތަކުގައި އެފަދަ ކަންކަމާ ޚިލާފްވާ ނަމަ ފިޔަވަޅު އެޅޭ ގޮތަށް އޮތަސް ރާއްޖޭގައި މާބޮޑު ފިޔަވަޅުތަކެއް މިހާތަނަކަށް ނޭޅެ އެވެ.

އެކަމަަށް ހައްލެއް ގެނައުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އިއްޔެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ކުޑަކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ތެރެއިން ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ފިިޔަވަޅު އެޅުއްވުުމަށް ނިންމަވައިފަ އެވެ. ރައީސް ނިންމަވާފައި ވަނީ އެފަދަ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅެއްގެ ގޮތުން މުސާރައިން ވަކި މިންވަރެއް އުނި ކުރުމަށެވެ.

އިހުމާލުވެގެން ނުވަތަ އަޅާނުލުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. ހިތާމައަކީ މިކަމުގެ ސަބަބުން އޭގެ ހުރިހާ ބުރައެއް ދައުލަތުން އުފުލަން ޖެހުމެވެ. ސަބަބަކީ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ރައްކާތެރިކަން ދިނުމަކީ ދައުލަތުގެ ވެސް ޒިންމާއެއްގެ ގޮތުގައި ގާނޫނު އަސާސީގައި އޮތުމެވެ.

އެހެންވެ، ދައުލަތުން އެ މީހުން ބަލަހައްޓަނީ ކުޑަކުދިން ނަމަ ކުޑަކުދިންގެ ހިޔާގައި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަޅާލާނެ މީހަކު ނެތް އުމުރުން ދުވަސްވީ މީހުން ނަމަ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކުޑަކުދިންގެ އަދަދު އެކަނި ވެސް 200 އާ ގާތްކުރެ އެވެ.

އެ މަރުކަޒުތަކުގައި އެ މީހުން ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރަން ޖެހޭއިރު މައިންބަފައިން ނުވަތަ ބަލަދުވެރިން އެއްވެސް އެހީތެރިކަމެއް އޭގެ ތެރެއިން ބައެއް މީހުންނަކަށް ނުލިބެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން 18 އަހަރު ފުރިގެން މުޖްތަމައުގެ ތެރެއަށް ނިކުންނައިރު ވެސް ބައެއް މައިންބަފައިން ނުވަތަ ބަދަލުވެރިންގެ އެހީތެރިކަމެއް ނުލިބެ އެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ހާލަކީ ވެސް ހަމަ އެއީ އެވެ.

މިފަދަ މަރުކަޒުގައި ކުޑަކުދިން ބޭތިއްބުމުން ދައުލަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން އޭގެ ސަބަބުން ނިކުންނަ އިޖްތިމާއީ މައްސަލަތައް ވެސް ބޮޑެވެ. އެފަދަ މަރުކަޒުގައި ތިބޭ ކުދިންނާ މެދު މުޖްތަމައު ދެކޭ ގޮތުގެ ސަބަބުން އެފަދަ ކުދިން ބާކީވުމާއި އެ ކުދިން އުޅުމަށް ނޭދެވޭ އަސަރުތައް ކުރުމުގެ މައްސަލަ ވެސް ބޮޑެވެ. އެކަމަކު މައިންބަަފައިން ނުވަތަ ބަލަދުވެރިން އަޅާނުލާތީ މި ނޫން އިތުރު ގޮތެއް ދައުލަތަކަށް ނެތެވެ.

ދެން އޮތީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން އެ މީހުންގެ އާއިލާތަކާ ހަވާލު ކުރުމެވެ. އެކަމަކު ދައުލަތުން ބޭނުން ވިޔަސް ގިނަ ފަހަރަށް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. މައިންބަފައިން ނުވަތަ ދަރިން ނުވަތަ ބަލަދުވެރިންގެ ނުރުހުމުގައި އެ މީހުންނާ އެ ޒިންމާ ހަވާލު ކުރެވެން އޮންނަނީ ޝަރުއީ މަރުހަލާގެ ތެރެއިންނެވެ. އެކަމަކު މިއީ މިފަދަ ކޮންމެ ކޮންމެ މައްސަލައެއްގައި ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ބައެއް ފަހަރު މަޖުބޫރުން އެކަން ކުރުވައިފި ނަމަ އިތުރު މައްސަލަތަކެއް ނިކުތުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: އެ އުސޫލުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެ --ފޮޓޯ/މިހާރު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް: އެ އުސޫލުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެ --ފޮޓޯ/މިހާރު

މިސާލަކަށް ކުޑަކުއްޖަކަށް އެ ކުއްޖާގެ މައިންބަފައިން އަނިޔާ ކޮށްގެން ނުވަތަ އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެންދިއުމަށް ފަހު އެ ކުއްޖާ އެ ކުއްޖާގެ މައިންބަފައިންނާ އަލުން ހަވާލު ކުރުމަކީ މައިންބަފައިންގެ ފަރާތުން އެ ކުއްޖާއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންވެއްޖެ ނަމަ ކުއްޖާގެ މަސްލަހަތަށް ބަލައި، ކުރެވޭނެ ކަމަކީ އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުން ތިން ވަނަ ފަރާތަކާ އެ ކުއްޖާ ހަވާލު ކުރުމެވެ.

ހަމައެގޮތަށް، ކޯޓުގެ ހުކުމަކުން މަޖުބޫރު ކޮށްގެން މީހަކު ނުވަތަ ކުއްޖަކު އާއިލާއާ ހަވާލު ކުރިޔަސް އޭނާ އަށް ރަނގަޅަށް އާއިލާއިން އަޅާލާނެ ކަމުގެ ޔަގީންކަމެއް ގިނަ ފަހަރަކު ނޯވެ އެވެ. އަދި އެއީ ފަސޭހައިން އަބަދަކުން މޮނީޓާ ކުރެވޭނެ ކަންކަމެއް ވެސް ނޫނެވެ.

މިކަމަަށް ފިޔަވަޅު އަޅަން ރައީސް ޔާމީންގެ އެ ނިންމެވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލު މިހާރު އާންމު ކޮށްފައިވާ އިރު އެ އުސޫލުގެ ދަށުން ފިޔަވަޅު އެޅެނީ ހަމައެކަނި ދަރިންނަށް އަޅާ ނުލާ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކަށް އެކަންޏެއް ނޫނެވެ. ދަރިންނަށް އަޅާ ނުލުމުގެ އިތުރުން އާއިލާގެ ތެރެއިން ލިބޭ އަނިޔާގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވި، އަދި އާއިލާގައި ރައްކާތެރި މާހައުލެއް ނެތުމުން އަނބުރާ އާއިލާ ގާތަށް ފޮނުވެން ނެތް ކުދިންގެ މައިންބަފައިންނާއި ބަދަލުވެރިންނަށް އެ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ. އެހެންވެ މިއީ ކުޑަކުދިންނަށް އާއިލާތަކުގެ ތެރެއިން ކުރާ އަނިޔާތަކާ ދެކޮޅަށް ވެސް އެޅޭ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

އެ އުސޫލު ބުނާގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ތެރެއިން ފަރުވާ ނިމި، ޑިސްޗާޖް ކުރުމަށް ފަހު އާއިލާއިން ގެއަށް ނުގެންގޮސް ތިބި ފަރާތްތަކުގެ ދަރިން މައްޗަށް ވެސް އެ އުސޫލުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ. އެ އުސޫލުގެ ދަށުން ފިޔަވަޅު އެޅެނީ މައިންބަފައިން ނުވަތަ ދަރިންނަށް އެކަންޏެއް ނޫނެވެ. އެ އުސޫލު ބުނާގޮތުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިންނާއި ޝަރުއީ ހުކުމަކުން އެ މީހުން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކުގެ މައްޗަށް ވެސް އެ އުސޫލުގެ ދަށުން ފިޔަވަޅު އެޅެ އެވެ. މިއީ މައިންބަފައިން ނުވަތަ ދަރިން ނެތަސް، އާއިލާގެ އެހީތެރިކަން ލިބުމަށް އެޅިގެންދާ ބާރެކެވެ.

އެ އުސޫލު ހިނގާނީ ސަރުކާރާއި ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރު ކުންފުނިތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މައްޗަށެވެ. އެހެން ނަމަވެސް އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުން ވެސް އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އެ އުސޫލުގެ ދަށުން މައިގަނޑުގެ ދެ ފިޔަވަޅެއް އެޅެ އެވެ. އެއީ ކަނޑައެޅޭ ވަކި މިންވަރެއް އެ މީހެއްގެ ދަރިން ނުވަތަ ބެލެނިވެރިންގެ މުސާރައިން އުނި ކުރުން ނުވަތަ މުސާރައިން އުނިކުރަން ދެކޮޅު ހަދާ ނަމަ ކަނޑައެޅޭ އިޖްރާތު ފުރިހަމަ ކުރުމަށް ފަހު އެ މީހަކު ވަޒީފާއިން ވަކި ކުރުމެވެ. މުސާރައިން އުނިކުރާނެ އަދަދު ކަނޑައަޅާނީ ވަޒީފާ އަދާކުރާ އޮފީހާ މަޝްވަރާކޮށް، އަދި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބެލުމަށް ފަހު، އެ މީހަކަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

މުސާރައިން އުނިކުރެވޭ ފައިސާ އެ މީހަކު ބަލަންޖެހޭ ޚާއްސަ އެހީއަށް ބޭނުންވާ މީހާ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ ނަމުގައި ހުރި ބޭންކް އެކައުންޓަކަށް ޖަމާކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ނަމަ އެ މީހަކަށް އެ ފައިސާ ބޭނުން ކުރެވޭނެ އެވެ. ކުޑަކުދިން ނަމަ އެ ކުދިންނަށް 18 އަހަރު ފުރުމުން އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

މިި އުސޫލުގެ ސަބަބުން، ދައުލަތުން މީހުންނާއި ކުދިން ބެލެހެއްޓުމަށް ކުރަމުންދާ ޚަރަދުތައް އޭގެ ޒާތުގައި ކުޑަވެގެނެއް ނުދާނެ އެވެ. ސަބަބަކީ ކުރިން ވެސް ފާހަގަކުރިހެން، މައިންބަފައިން ނުވަތަ ބަދަލުވެރިޔާގެ މުސާރައިން އުނި ކުރާ ފައިސާއަކީ އެ މީހަކު ބަލަންޖެހޭ މީހާގެ ނުވަތަ ކުއްޖާގެ ނަމުގައި ހުޅުވޭ އެކައުންޓަކަށް ޖަމާކުރެވޭ ފައިސާއަކަށް ވުމެވެ. އުސޫލު އޮތްގޮތުން އެ ފައިސާއަކީ ދައުލަތަށް ލިބޭ އާމްދަނީއަކަށް ނުވުމެވެ.

މިއީ ޒަމާނުއްސުރެ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައަކާ ދެކޮޅަށް އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ބަލަންޖެހޭ މީހުންނަށް މި އުސޫލާ އެއްގޮތަށް ކަންކަން ތަންފީޒުވެގެން ހިނގައްޖެ ނަމަ އޭގެ ހެޔޮ ބަދަލުތަކެއް ފެނިގެން ދާނެ ކަމަށް ބެލެވެ އެވެ.