Roadha Mihaaru
މާޅޮހުގެ ގޭމްޕްލޭނުން ނިއު އަށް ހިތްހަމަޖެހުން

މާޅޮހުގެ ގޭމްޕްލޭނުން ނިއު އަށް ހިތްހަމަޖެހުން

24 އޯގަސްޓް 2017

ނިއު ރޭޑިއަންޓާ ދެކޮޅަށް ގިނަ ޓީމުތަކުން ކުޅެނީ ވަރަށް ބޮޑަށް ބައްދާލައިގެން ފަހަތަށް ޖެހިގެން ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮހުން އެ ޓީމާ ދެކޮޅަށް އޯޕަން ގޭމެއް ކުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ނިއު ރޭޑިއަންޓާ ދެކޮޅަށް ގިނަ ޓީމުތަކުން ކުޅެނީ ވަރަށް ބޮޑަށް ބައްދާލައިގެން ފަހަތަށް ޖެހިގެން ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮހުން އެ ޓީމާ ދެކޮޅަށް އޯޕަން ގޭމެއް ކުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

ފުރަތަމަ މެޗުން ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން ނިއު މޮޅުވިއިރު ދެ ވަނަ މެޗުން ނިއު ވަނީ މާޒިޔާ އަތުން 2-0 އިން ބަލިވެފަ އެވެ. އޭގެ ފަހުން ކުޅުނު މެޗުން ގްރީންސްޓްރީޓްސް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. ވާދަވެރި މާޒިޔާ ރޭ ގދ. ތިނަދޫއާ 1-1 އިން އެއްވަރުވެފައިވާތީ ނިއު އަށް އެ ޓީމާ ތަފާތުކުޑަކުރަން މިރޭ މޮޅުވުން މުހިއްމެވެ. މާޒިޔާ 10 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ނިއު ތިން ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ.

ސަމްޕަތު ބުނީ ނިއު އިން މިހާރު ކުޅެމުން އަންނަނީ ސްޓައިލް ބަދަލުކޮށްގެން ކަމަށާއި މިހާރު މަސައްކަތްކުރަނީ ނަތީޖާ ނެރެން ކަމަށެވެ.

"މިދިޔަ މެޗުގައި ފެނުނު އެކަން. ވަރަށް ރަނގަޅަށް ކުޅެ ފިނިޝިން ނެތީ. ސްޓައިލް ބަދަލުކޮށްގެން ރިޒަލްޓް ނެރެން މިހާރު ހިފާފައި މިތިބީ. އަޅުގަނޑުމެން މިހާރު ވިސްނަނީ ގޯލް ޖަހަން. އެއީ އެހެން ހުރިހާ ކަމެއް ވަރަށް ބަރާބަރަށް. ފުރަތަމަ މެޗަށް ފަހު ފެނުނީ ހުރިހާ ޓީމެއް ނިއު ހޯލްޑްކުރާތަން. އެއަށް ވިސްނައިގެން ރިޒަލްޓަށް ވޯކްކުރަނީ،" ނިއުގެ ކުރީގެ ކެޕްޓަން ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ ނިއު އަކީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެކަމަކު ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އޯޕަންކޮށް ކުޅެން ވިސްނަނީ. މާބޮޑަށް ފަހަތަށް ޖެހިގެން ކުޅެފި ނަމަ ލަނޑު ލިބޭނީ. ނިއު އަކީ އިންޑިވިޖުއަލް އެންމެ މޮޅު ކަމަށް ގަބޫލުކުރެވޭ ކުޅުންތެރިން ތިބި ޓީމު. އެކަމަކު އޯޕަން ގޭމެއް ކުޅޭނީ. ނިއު އަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާލެވޭ ކޮންމެ ޓައިމަކީ އެ ޓީމަށް ލިބޭނެ ޕްރެޝަރެއް. އަވަހަށް ގޯލެއް ވަދެއްޖެއްޔާ އުނދަގޫވާނެ. އެކަމަކު އެ ނޫނީ ގަބޫލުކުރެވޭ ޕޮޒިޓިވް ރިޒަލްޓެއް އައިސްދާނެ ކަމަށް،" ނިޝްތާރު ބުންޏެވެ.

ސަމްޕަތު ބުނީ އޯޕަން ގޭމެއް ކުޅޭނެ ކަމަށް މާޅޮހުން ބުނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އޭގެ ސަބަބުން ނިއު އިން ބޭނުންވާ އަމާޒަށް ވާސިލްވާން ފަސޭހަވެ އަދި ރަނގަޅު ގޭމެއް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެއޮށް ވަރުގަދަ މާޒިޔާ ވެސް ނިއު ރޭޑިއަންޓާ އެކު ފެނިގެން ދިޔައީ ގޭމް ކްލޯޒްކޮށްލިތަން. އެ މީހުންނަށް ނުވަ ވަނަ މިނެޓުގައި ގޯލެއް ޖެހުމުން ކުރިއަށް އޮތް 80 މިނެޓުގައި ގާތްގަނޑަކަށް އެ މީހުން ގޭމް ކްލޯޒްކޮށްލި. މާޅޮސް ޓީމުން އެބުނަނީ އޯޕަން ގޭމެކޭ ކުޅޭނީ. އަޅުގަނޑު ވަރަށް ހިތްހަމަޖެހިއްޖެ،" ސަމްޕަތު ބުންޏެވެ.

އޭނާ ބުނީ ނިއުގައި ވަކިވަކި ހުނަރުވެރިން ގިނަ ނަމަވެސް އިންޑިވިޖުއަލް ކުޅުމެއް ނުފެންނާނެ ކަމަށާއި ކުޅޭނީ ކޮމްބިނޭޝާން ފުޓްބޯޅައެއް ކުޅެން ކަމަށެވެ.

"އޭރުން ސެންޓޭމެން އަޝްފާގުމެންގެ މާމޮޅު ކުޅުން ފެންނާނެ،" ސަމްޕަތު ބުންޏެވެ.