Roadha Mihaaru
ދަގަނޑޭގެ ދެ ގޯލާ އެކު ނިއު އަށް މޮޅެއް

ދަގަނޑޭގެ ދެ ގޯލާ އެކު ނިއު އަށް މޮޅެއް

25 އޯގަސްޓް 2017

އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ދެ ލަނޑާ އެކު އއ. މާޅޮސް އަތުން މިރޭ 3-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ނިއު ރޭޑިއަންޓް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ދެ ލަނޑާ އެކު އއ. މާޅޮސް އަތުން މިރޭ 3-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ނިއު ރޭޑިއަންޓް އަރައިފި އެވެ.

އެއް ވަނައިގައި 10 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ނިއު ދެ ވަނަ އަށް އެރީ ނުވަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ކުރިން ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތް ގްރީންސްޓްރީޓްސް ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. ހަތަރު ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

އިންޓަނޭޝަނަލް ބްރޭކަށް ދިޔައިރު ފަސް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ތިނަދޫ އޮތްއިރު ހަ ވަނައިގައި ދެ ޕޮއިންޓާ އެކު އޮތީ މާޅޮހެވެ. ށ. މިލަންދޫ އޮތީ ދެ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތް ވަނައިގަ އެވެ. ފުލުގައި އޮތީ އެއް ޕޮއިންޓާ ދ. ކުޑަހުވަދޫ އެވެ.

މިރޭގެ މެޗުގައި ނިއު އިން ލީޑު ނެގީ 28 ވަނަ މިނެޓުގައި ދަގަނޑޭ ޖެހި ގޯލުންނެވެ. އަހުމަދު އަބްދުﷲ (ލިލީ) ނެގި ހުރަސް ދަގަނޑޭ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭގެ މިނެޓެއް ފަހުން ނިއުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މާޅޮހުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސެންޓޭ ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ނިއުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ. ސެންޓޭ 52 ވަނަ މިނެޓުގައި ނެގި ހުރަސް ގަލާޑޯ އަށް ބޮލުން ރަނގަޅަށް ފޮނުވާނުލެވުނެވެ.

ނިއުގެ ކެޕްޓަން ސެންޓޭ (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ކެޕްޓަން ސެންޓޭ (ވ) ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ތިން ވަނަ ލަނޑު ދަގަނޑޭ ޖެހީ 61 ވަނަ މިނެޓުގަ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް ވައްދާލައިފަ އެވެ. މިއީ އަނިޔާ އަށް ފަހު އެނބުރި އައިސް ދަގަނޑޭ ހަތަރު މެޗުން ޖެހި ހަތަރު ވަނަ ގޯލެވެ. ދަގަނޑޭ އަށް ހެޓްރިކެއް ހަދަން ވެސް ފުރުސަތު ލިބުނެވެ. އިތުރު ވަގުތުގެ ތެރޭ ސެންޓޭ ޖައްސާލި ބޯޅައަށް ދަގަނޑޭ މުޅިން ހުސްކޮށް އެރި ނަމަވެސް އެސިސްޓަންޓް ރެފްރީ ވަނީ އޮފްސައިޑް ދިދަ ނަގައިފަ އެވެ. އެކަމަކު އޭރު އިދިކޮޅު ޓީމުގެ ދެ ޑިފެންޑަރުން ދަގަނޑޭ އަށް ވުރެ ކުރީގައި ތިއްބެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ 3-0 އިން މޮޅުވިޔަސް މިއީ އުނދަގޫ މެޗެއް ކަމަށާއި މާޅޮހުން ފުރަތަމަ 20 މިނެޓު ރަނގަޅަށް ކުޅުނު ކަމަށެވެ.

"އަހަރެމެންގެ ފުރަތަމަ ގޯލާ އެކު ފަސޭހަވެގެން ދިޔަ. ރަނގަޅު އަހަރެން ވެސް ބޭނުންވޭ ގިނަ ލަނޑުތަކެއް ޖަހަން. އެކަމަކު އިދިކޮޅަށް މި ކުޅެނީ ޕްރޮފެޝަނަލް ޓީމުތަކެއް. އެ ޓީމުތައް މިހާރު ސެޓްވެއްޖެ. އެހެންވީމާ އެއީ ފަސޭހަކަމެއް ނޫން،" އޮސްކާ ބުންޏެވެ.

މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މެޗުގެ ކުރިން ވެސް ބުނި ފަދައިން އޭނާގެ ޓީމު ކުޅުނީ އޯޕަން ގޭމެއް ކަމަށާއި 3-0 އިން ބަލިވި ނަމަވެސް މެޗަކަށް ފަހު މެޗެއް ޓީމަށް ކުރިއެރުން އަންނަތަން ފެންނަ ކަމަށެވެ.

"ވަރަށް އިތުބާރާ އެކު ހިތްވަރާ އެކު މިރޭ ވެސް ކުޅުނީ. މެޗަކަށް ފަހު މެޗެއް މި އަންނަނީ ރަނގަޅުވަމުން،" ނިޝްތާރު ބުންޏެވެ.