Roadha Mihaaru
ގާސިމްގެ ޝަރީއަތުގެ ފަހު އަޑުއެހުން މިއަދު މެންދުރު

ގާސިމްގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން މިއަދު މެންދުރު ބާއްވަނީ

24 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ވެސް ކުރިއަށް ގެންގޮސް، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ވެސް ކުރިއަށް ގެންގޮސް، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ ކުރިއަށް ގެންދިޔައިރު ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގައި ކަމަށް ގާސިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު މިއަދު ހެނދުނު ވެސް އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަހު މިހާރު ނިންމާފައިވަނީ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުން މެންދުރު ފަހު 2:30 ގައި ބޭއްވުމަށެވެ.

އެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އެ އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ.

ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ ކޮންމެ މައްސަލައެއްގައި ވެސް އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.

އިއްޔެގެ އަޑުއެހުމުގައި ފޮރެންސިކް ދެ ފުލުހަކު ހާޒިރުކޮށް ވަނި ހެކިބަސް ނަގައިފަ އެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.