Roadha Mihaaru
ގާސިމް ނެތި އަޑުއެހުން ބާއްވަން އުޅުނު: ވަކީލުން

ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކޯޓުން އުޅުނު: ވަކީލުން

24 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް، ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް، ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ދައުވާގެ އަޑުއެހުމުގައި ފަހު އަޑުއެހުމަށް ގާސިމް މިއަދު މެންދުރު ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން ގާސިމް ހޮސްޕިޓަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ. މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށަހަޅަން ބޭއްވި އަޑުއެހުން ކަމަށްވިޔަސް މިހާރު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމް ނެތަސް، ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ކުރިއަށް ގެންދަން ކޯޓުން މަސައްކަތް ކުރި ކަމަށާއި އެކަމަކު ވަކީލުން އެކަމަށް އިންކާރުކުރީ ކަމަށެވެ. ގާސިމް ނެތީސް ޚުލާސާ ބަޔާން ހުށަހަޅަން ބޭނުންނުވާ ކަމަށް ބުނެ އެކަމަށް ގާސިމްގެ ވަކީލުން ދެކޮޅު ހަދަން ފެށުމުން އެ އަޑުއެހުން މިއަދު ނުބާއްްވާ ގޮތަށް ކޯޓުން ނިންމީ ކަމަށް ހިސާން ވިދާޅުވި އެވެ.

ދެން އެ މައްސަލާގެ އަޑުއެހުން ބާއްވާނެ ދުވަހެއް ސާފެއް ނުވެ އެވެ.

ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނާ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. ނޫން ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ޑޮކްޓަރުގެ ލިޔުމުގައިވެ އެވެ.

މީގެކުރިން ވެސް ގާސިމްގެ ހާލު ގޯސްވެގެން ދެ ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އިތުރު ފަރުވާ އަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން އުޅުނަސް ކޯޓުގައި މައްސަލަ އޮތުމުން، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމް ބޭރަށް ގެންދެވޭ ގޮތެއް ވަނީ ނުވެފަ އެވެ.