Roadha Mihaaru
އަބްދުއްރަހީމަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފި

ހުތުރު ބަސް ބޭނުންކުރި ކަމަށް ބުނެ އަދުރޭ އަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފި

31 ޖެނުއަރީ 2021

ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ދައުވާގައި ވަނީ ނޮވެމްބަރު، 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ކުރި މުޒާހަރާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަމުން، ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހުތުރު ބަހެއް (އެކަށީގެން ނުވާ ބަހަކަށް ވާތީ އުނިކޮށްފައިވާ) ބޭނުން ކުރައްވާފައިވާ ކަމަށެވެ. ހުތުރު ބަސް ބޭނުން ކުރެއްވުމުގެ އިތުރުން އެ ފަނޑިޔާރުން ޖަލަށްލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ކަމަށް އެ ދައުވާގައިވެ އެވެ.

ދައުވާ އިއްވުމުން އަބްދުއްރަހީމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަހުމަދު ހިޝާމް ވިދާޅުވީ، އެ މައްސަލައިގެ ލިޔުންތައް ލިބުނީ މިއަދު ކަމަށާއި އެ ލިޔުންތައް ބަލައި، ދިރާސާ ކުރުމަށް ފަހު ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވާން ފުރުސަތު ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ،ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ އަށް ޖަވާބުދާރީވުން ކަމަށެވެ.

ހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އިއުތިރާފު ވެއްޖެ ނަމަ 27 ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ކުޑަވާނެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ޖަލަށްލާން ކްރިމިނަލް ހުކުމް ކުރެއްވި ބެންޗުގައި ތިއްބެވީ އޭރުގެ ގާޒީ އަދި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި މިހާރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އިތުރުން ގާޒީ މުހައްމަދު ސަމީރެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ދަމަހައްޓައިފަ އެވެ.