Roadha Mihaaru
މައިނާ ހޮޓެލްސްއިން ފަރެހުގައި ރިސޯޓެއް ހަދަނީ

ތައިލެންޑްގެ މައިނާ ހޮޓެލްސްއިން ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަނީ

24 އޯގަސްޓް 2017

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ "އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓު"ގެ ނަމުގައި އެ ރަށް ތަރައްގީކުރަން ރާއްޖޭގައި މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގާ މައިނާ ހޮޓެލްސްއާއި ސީޕްރިއާ އެކު ޖޮއިންޓްވެންޗާ އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނިން ސީޕްރިއާއިން ކްލަބް މެޑް ކަނި ވެސް ގަނެ، ހިންގުމަށް ނިންމާފައި ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ. އެ ރަށް ހުޅުވަން ހަމަޖެހިފައި ވަނީ 2019 އަހަރުގެ ފަހުކޮޅު ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އަވާނީ ހޮޓެލްސްގެ ގްރޫޕް ޑިރެކްޓަރު އަލެޖެންދްރޯ ބާނަބޭ ވިދާޅުވެފައި ވަނީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ތަރައްގީކުރާ ރިސޯޓުގައި އެކި ފެންވަރުގެ 200 ކޮޓަރި ހުންނާނެ ކަމަށެވެ. އަދި އެ ކޮޓަރިތަކުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ރިސޯޓުގައި "އަވާނީ ސްޕާ" އާއި "އަވާނީ ކިޑްސް ކްލަބް"ގެ އިތުރުން ބޮޑު ސުވިމިން ޕޫލަކާއި ޕޫލް ބާއެއް ވެސް ހުންނާނެ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އަވާނީ ހޮޓެލްސްގެ ބްރޭންޑެއް ކަމަށްވާ "އަންނަތާރާ ހޮޓެލްސް އެންޑް ރިސޯޓް ސްޕާ" ބްރޭންޑްގެ ދަށުން 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. މީގެ ތެރެއިން އެއް ރިސޯޓު ހިންގަނީ ބ. އަތޮޅުގަ އެވެ.