Roadha Mihaaru
ގާސިމް އަނބުރައިގަނެގެން ކޯޓުރޫމުގެ ތެރެއަށް ވެއްޓިއްޖެ

ގާސިމް އަނބުރައިގަނެގެން ކޯޓުރޫމުގެ ތެރެއަށް ވެއްޓިއްޖެ

24 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ދެންމެ އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ދެންމެ އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅުމަށް މެންދުރު 2:30 ގައި ބޭއްވި އަޑުއެހުމުގެ ޝަރީއަތުގައި އިންނަވަނިކޮށް ގާސިމް އަނބުރައި ގަނެގެން ވެއްޓުމާ ގުޅިގެން އޭނާ މިހާރު ވަނީ އެމްބިއުލެންސްގައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އިމަޖެންސީގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.

ގާސިމް ކޯޓުން ނެރެގެން އެމްބިއުލެންސަށް އެރުވީ ސްޓްރެޗަރުގަ އެވެ.

ގާސިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އެ އަޑުއެހުންތަކާ ގުޅޭ ތަފުސީލުތަކެއް މީޑިއާއަކަށް ނުލިބެ އެވެ.

ނަމަވެސް މިއަދުގެ މެންދުރުގެ ފަހުގެ އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުއްވުމަށް ފަހު، ދެން އެންމެ އަވަހަށް ބާއްވާނީ ހުކުމް އިއްވުމުގެ ޝަރީއަތް ކަމަށް އޮތީ ބެލެވިފަ އެވެ.

ގާސިމް ކްރިމިނަލް ކޯޓުން ނެރެގެން އައިޖީއެމްއެޗަށް މިއަދު ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމް ކްރިމިނަލް ކޯޓުން ނެރެގެން އައިޖީއެމްއެޗަށް މިއަދު ގެންދަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާއިރު، އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މިހާތަނަށް ތިން ފަހަރަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދީފަ އެވެ. ފުރަތަމަ އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގަ އެވެ. ފަހުން ދެ ފަހަރު ފަރުވާދިނީ އޭޑީކޭގައި އެޑްމިޓް ކޮށްގެންނެވެ.

ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ގާސިމްގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އޭނާއަށް ރާއްޖެ އިން އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށެވެ. ނަމަވެސް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އޭނާ އަށް ރާއްޖެ އިން ބޭރަށް ފުރޭ ގޮތެއް ނުވެ، މާލޭގައި ތާށިވެފައި ހުންނަވާތާ ކިތަންމެ ދުވަހެކެވެ.

ގާސިމް ކްރިމިނަލް ކޯޓުން ނެރެގެން އައިޖީއެމްއެޗަށް މިއަދު ގެންދާއިރު، އޭނާގެ ސަޕޯޓަރުންތަކެއް ރޮނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމް ކްރިމިނަލް ކޯޓުން ނެރެގެން އައިޖީއެމްއެޗަށް މިއަދު ގެންދާއިރު، އޭނާގެ ސަޕޯޓަރުންތަކެއް ރޮނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އޮޕަރޭޝަނަށް ފަހު ގާސިމަށް އެކަށީގެންވާ ފަރުވާ ދެވެން އަންނަނީ. އެ އޮޕަރޭޝަން ރާއްޖެ އިން ކުރެވޭކަށް ނެތް. އިއްޔެ ވެސް އެމްއާރުއައި ސްކޭނެއް ހަދައިގެން ޑޮކްޓަރުން ބައްލަވާފައި ވިދާޅުވަނީ އެއް ވާހަކައެއް. އެޑްމިޓްކޮށްފައި އޮތަސް އޮޕަރޭޝަން ނުކޮށް އެކަށީގެންވާ ފަރުވާ ނުދެވޭނެ ކަމަށް،" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މި މަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.

ހިތުގެ އޮޕަރޭޝަނަށް ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވައިދޭން އާއިލާ އާއި ވަކީލުން ތަކުރާރުކޮށް ވަނީ ސަރުކާރުގައި އެދިފަ އެވެ. އެކަމަކު މިހާތަނަށް ވެސް އެ ހުއްދައެއް ނުދެ އެވެ.