Roadha Mihaaru
ގާސިމްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެނީ

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައިފި، ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި

16 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން، އިތުރު ފަރުވާ އަށް އޭނާ އަށް މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އަދި އެއާޕޯޓުން ސީދާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމަށް ފަހު، ހާލުކޮޅު ސީރިއަސް ވެގެން މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން، އިތުރު ފަރުވާ އަށް އޭނާ އަށް މިރޭ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އަދި އެއާޕޯޓުން ސީދާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމަށް ފަހު، ހާލުކޮޅު ސީރިއަސް ވެގެން މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.

ގާސިމްގެ ހާލުކޮޅާ ގުޅޭ ގޮތުން އޭޑީކޭ އިން މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އޭނާ އައިސީޔޫ އަށް ބަދަލުކޮށްފައިވާކަން އެ ހޮސްޕިޓަލުން ކަށަވަރު ކޮށްދިނެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އެކަން އެނގިވަޑައިގަތީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދު މެންދުރު މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ސްރީ ލަންކާ އަށް ވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތް ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 2:00 ގައި ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ގާސިމްގެ ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ މެންދުރު 12:45 ހާއިރު މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އެހެންވެ މިއަދުގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރެއް ނެރެފި ނަމަ އެ އަމުރުގެ ކޮޕީއެއް އިމިގްރޭޝަނަށާއި އެ އަމުރު ނިސްބަތްވާ މީހާއަށް ވެސް، އެ އަމުރު ނެރުނު ދުވަހު ފޮނުވަން ޖެހޭނެ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓައިފި ނަމަ، އެ މީހަކަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން ވެސް ޖެހެ އެވެ.

ނަމަވެސް ގާސިމްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކުރިން އަންގާފައި ނެތް ކަމަށެވެ.

"ގާސިމް ފުރާވަޑައިގަންނަވަން ވެގެން، ކްރިމިނަލް ކޯޓުން ކްލިއަރެންސް ހޯދަން ސިޓީ ފޮނުވުމުން، ރަސްމީ ގަޑި ނޫން ކަމަށް ބުނެ އެ ވެސް ބަލައެއް ނުގަތް،" އޭނާ ވިދާޅުވި އެވެ.

ގާސިމް ސިންގަޕޫރުގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގަތީ ވެސް މިދިޔަ ހަފުތާގަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ އޭގެ ފަހުންނެވެ.

ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށަން ކޯޓުން ހަމަޖެއްސީ ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަތައް ދައުލަތުން އަލުން ހުށަހެޅުމުންނެވެ. އެ މައްސަލަތައް އޭރު ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިިރު ނުވުމުންނެވެ.