Roadha Mihaaru
އާއްމުންނަށް ހަމަލާ ދިން ކަމަށް ސައުދީ ކޯލީޝަނުން އެއްބަސްވެއްޖެ

ޔަމަނުގެ އާއްމުންނަށް ހަމަލާ ދިން ކަމަށް ކޯލިޝަނުން އެއްބަސްވެއްޖެ

27 އޯގަސްޓް 2017

ރިޔާޒް (އޮގަސްޓް 27) - ޔަމަނުގެ ވެރިރަށް ސަންއާ އަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 14 މީހުން މަރުވި ހާދިސާގެ ޒިންމާ ސައުދީ ކޯލިޝަނުން އުފުލައިފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮގަސްޓް 27) - ޔަމަނުގެ ވެރިރަށް ސަންއާ އަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 14 މީހުން މަރުވި ހާދިސާގެ ޒިންމާ ސައުދީ ކޯލިޝަނުން އުފުލައިފަ އެވެ.

ސައުދީ ރަސްމީ ނޫސް އެޖެންސީގައި އާއްމުކުރި ކޯލިޝަނުގެ ބަޔާނެއްގައި ބުނެފައި ވަނީ ހަމަލާ ދެވުނީ ޓެކްނިކަލް ގޯހަކުން ކަމަށެވެ. ކޯލިޝަނުގެ ތަރުޖަމާން ކާނަލް ތުރުކީ އަލް-މަލްކީ ވަނީ މި ހަމަލާ އަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުއްވައިފަ އެވެ.

ކޯލިޝާނުން ތުހުމަތު ކޮށްފައިވާ ގޮތުގައި ހަމަލާ އަމާޒުވި އާއްމުން ދިރިއުޅޭ އިމާރާތް ބޭނުން ކުރަމުން ދިޔައީ ހޫތީ ހަނގުރާމަވެރިން ކޮމާންޑް އެންޑް ކޮމިއުނިކޭޝަން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ. މި ހަމަލާ ދީފައި ވަނީ ސަންއާ އަށް ފުލުފުލުގައި ދިން ވައިގެ ހަމަލާތަކެއްގައި 35 މީހުން މަރުވިތާ ދެ ދުވަސް ފަހުންނެވެ. މި ހަމަލާތައް ވެސް ދީފައި ވަނީ ކޯލިޝަނުން ކަމަށް ހޫތީން ބުނެ އެވެ.

ކޯލިޝަނުން ދިން ހަމަލާ ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އިން ކުށްވެރިކޮށްފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ މެދުއިރުމަތީގެ ރިސާޗް ޑިރެކްޓަރު ލީން މާލޫފް ވިދާޅުވީ ކޯލީޝަނުން ބޮމުގެ ވާރޭ އޮއްސާލީ އާއްމުން ނިދާފައި ތިއްބާ ކަމަށެވެ. އަދި ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސައުދީއާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ. ކޯލިޝަނުގެ ވައިގެ ހަމަލާތަކުގައި އާއްމުންގެ 8،400 މީހުން މަރުވެ 47،800 މީހުން ޒަޚަމްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެ އެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން ޔަމަނުގައި ފެތުރެމުންދާ ކޮލެރާ ބަލީގައި މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.