Roadha Mihaaru
ސައުދީ ބޯޑަރުގައިވާ ސިފައިންނަށް ހަމަލާ ދޭން ގޮވާލައިފި

ސައުދީ ބޯޑަރު ކައިރީގައި ތިބޭ ސިފައިންނަށް ހަމަލާ ދޭން ގޮވާލައިފި

10 އޮކްޓޯބަރ 2016

ސަންއާ (އޮކްޓޯބަރު 10) - ޔަމަނުގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާތަކުގައި 140 މީހުން މަރުވި ހާދިސާ އަށް ފަހު ސައުދީ ސަރަހައްދީ ރޮނގު ކައިރީގައި ތިބޭ ސިފައިންނަށް ހަމަލާ ދިނުމަށް ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަންއާ (އޮކްޓޯބަރު 10) - ޔަމަނުގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާތަކުގައި 140 މީހުން މަރުވި ހާދިސާ އަށް ފަހު ސައުދީ ސަރަހައްދީ ރޮނގު ކައިރީގައި ތިބޭ ސިފައިންނަށް ހަމަލާ ދިނުމަށް ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު ގޮވާލައްވައިފި އެވެ.

ޔަމަނުގެ ކުރީގެ ރައީސް ސޯލިހަކީ އެ ގައުމުގެ ވެރިކަން މިހާރު އަތުލާފައިވާ ހޫތީންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ހޫތީން ތުހުމަތުކޮށްފައި ވަނީ ވައިގެ ހަމަލާދީފައި ވަނީ ސައުދީ ކޯލީޝަނުން ކަމަށެވެ. އެކަމަކު ސައުދީ އަރަބިއާ އިން އެކަން ވަނީ ދޮގުކޮށްފަ އެވެ. އަދި އެ ހަމަލާ ތަހުގީގު ކުރުމަށް ސައުދީން ވަނީ ގޮވާލައިފަ އެވެ. ސޯލިހު ވިދާޅުވީ ސައުދީ ބޯޑަރު ކައިރީގައި ތިބޭ ސިފައިންނަށް ހަމަލާ ދޭން ޖެހެނީ ހޮނިހިރު ދުވަހު ދިން ވައިގެ ހަމަލާގެ ބަދަލު ހިފަން ކަމަށެވެ.

ވައިގެ ހަމަލާއާ ދެކޮޅު ހެދުމުގެ ގޮތުން ޔަމަނުގައި ހުންނަ އދ.ގެ ހެޑްކުއާޓަރުގެ ބޭރުގައި އިއްޔެ ބަޔަކު ވަނީ މުޒާހަރާ ކޮށްފަ އެވެ. އެ މީހުން ވަނީ ބައިންލްއަގުވާމީ ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ.

ސައުދީ ކޯލީޝަނުން ދޭ ވައިގެ ހަމަލާތަކާ ޔަމަނުގެ ހަނގުރާމަވެރިން ދަނީ ދެކޮޅު ހަދަމުން.

ސައުދީ ކޯލީޝަނުން ދޭ ވައިގެ ހަމަލާތަކާ ޔަމަނުގެ ހަނގުރާމަވެރިން ދަނީ ދެކޮޅު ހަދަމުން.

ޔަމަނަށް ދިން ވައިގެ ހަމަލާ ވަނީ އދ. އާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާ އިން ކުށްވެރިކޮށްފަ އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވަނީ އާއްމުންނަށް އަމާޒުކޮށް ދޭ އެއްވެސް ހަމަލާއެއް ގަބޫލް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަލާގެ ޒިންމާ އުފުލަން ޖެހޭ މީހުންގެ މައްސަލަ ބެލުމަށް ވަނީ ގޮވާލައްވައިފަ އެވެ. އެމެރިކާ އިން ވެސް ވަނީ ކޯލީޝާނަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ އިން ވެސް ވަނީ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ.

އެކަމަކު ހޫތީންގެ ލީޑަރު އަބްދުލް މާލިކު އަލް ހޫތީ ޓީވީން ދެއްވި ބަޔާނެއްގައި ވިދާޅުވީ ޔަމަނަށް ހަމަލާ ދިނީ އެމެރިކާގެ ފެހި ސިގްނަލް ލިބިގެން ކަމަށެވެ. އަދި ހަމަލާގައި ބޭނުންކޮށްފައި ވަނީ އެމެރިކާގެ ހަތިޔާރު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޔަމަނުގައި 2014 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން ތިން މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ގައުމުގެ 28 މިލިއަން މީހުންގެ އާބާދީގެ ތެރޭން ކޮންމެ ފަސް މީހަކުން ހަތަރު މީހުން ވަނީ އެހީއަށް ބޭނުންވެފަ އެވެ.

އދ.ގެ ރިޕޯޓެއްގައި ދާދި ފަހުން ބުނެފައި ވަނީ ސައުދީ އިސްވެ އުފައްދާފައިވާ ކޯލީޝަނުން މިދިޔަ އަހަރުގެ މާޗު މަހު ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން އާއްމުންގެ 3،799 މީހުން މަރުވެފައިވާ ކަމަށެވެ.