Roadha Mihaaru
ޔަމަނުގެ ޖަނާޒާއަކަށް ހަމަލާދީ 140 މީހުން މަރާލައިފި

ޔަމަނުގެ ޖަނާޒާއެއް ކުރިއަށް ދަނިކޮށް ދިން ވައިގެ ހަމަލާއެއްގައި 140 މަރު

09 އޮކްޓޯބަރ 2016

ސަނާ (އޮކްޓޯބަރު 9) - ޔަމަނުގެ ވެރިރަށް ސަނާގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ސައުދީ ކޯލީޝަނުގެ މަތިންދާ ބޯޓުތަކުން ބޮން އަޅާ 140 މީހުން މަރާލާ، 500 މީހުން ޒަޚަމްކޮށްލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސަނާ (އޮކްޓޯބަރު 9) - ޔަމަނުގެ ވެރިރަށް ސަނާގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް ސައުދީ ކޯލީޝަނުގެ މަތިންދާ ބޯޓުތަކުން ބޮން އަޅާ 140 މީހުން މަރާލާ، 500 މީހުން ޒަޚަމްކޮށްލައިފި އެވެ.

ޔަމަނަށް ކަނޑައަޅާފައި ހުންން އދ.ގެ ކޯޑިނޭޓަރު ޖެމީ މެކްގޯލްޑްރިކް ވަނީ މި ހަމަލާ ކުށްވެރި ކުރައްވާ އަދި އެއީ ބިރުވެރި ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ހަމަލާ ދިން ތަނަށް ދިޔަ އެހީ ފޯރުކޮށްދޭ މީހުންނަށް ވެސް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ. މެގްގޯލްޑްރިކް ވަނީ މި ހަމަލާގެ ތަހުގީގު ލަސްނުކޮށް ފެށުމަށް ގޮވާލައްވައިފަ އެވެ.

ޔަމަނުގައި ހޫތީން ހިންގާ ސަރުކާރުން ބުނެފައި ވަނީ ވައިގެ ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ސައުދީ ކޯލީޝަނުން ކަމަށެވެ. އެކަމަކު ސައުދީ އަރަބިއާ އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ސައުދީން ބުނެފައި ވަނީ "އެއީ އެހެން ކަމަކުންވީ ކަމެއް" ކަމަށެވެ.

އެމެރިކާ އިން ވަނީ ކޯލީޝަނަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ. ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ ސައުދީ އަރަބިއާއާ އެކު އެމެރިކާ އިން ގާއިމްކޮށްފައިވާ އަސްކަރީ އެއްބާރުލުމަކީ ބްލޭންކް ޗެކެއް ނޫން ކަމަށެވެ.

ސައުދީ ކޯލީޝަނުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޔަމަނަށް ވައިގެ ހަމަލާ ދޭން ފަށާފައި.--ފޮޓޯ:ރޮއިޓާސް

ސައުދީ ކޯލީޝަނުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޔަމަނަށް ވައިގެ ހަމަލާ ދޭން ފަށާފައި.--ފޮޓޯ:ރޮއިޓާސް

ވައިގެ ހަމަލާ އަމާޒުކޮށްފައި ވަނީ ހޫތީންގެ ދާޚިލީ ވަޒީރު ގަލާ އަލް ރަވިޝާންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނިކޮށެވެ. ހޫތީންނަކީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހާ ގާތް ގުޅުމެއް އޮންނަ ބައެކެވެ. ޔަމަނުގެ ރައީސް އަބްދުއްރައްބޫހު މަންސޫރު ހާދީގެ ސަރުކާރުން ދަނީ ހޫތީންގެ އިތުރުން އަލީ އަބްދުﷲ ސޯލިހަށް ވަފާތެރި ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. ހޫތީން ވަނީ ވެރިރަށް ސަނާ ހިފައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ހާދީގެ ސަރުކާރުގެ ގިނަ މީހުން ވަނީ ވެރިރަށް ދޫކޮށް ގޮހެވެ. އެކަމަކު އޭގެ ތެރޭން ބައެއް ވަޒީރުން ވަނީ އަނބުރާ އަދަނަށް ގޮހެވެ.

ހަމަލާ އިން ސަލާމަތްވި މުރާދު ތައުފީގު ބުނީ ވައިގެ ހަމަލާ ދިން ތަން ހީވަނީ ލޭގެ ކޯރެއްހެން ކަމަށެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް އިން ބުނީ އާއްމުންގެ އެތައް ބަޔަކު ބައިވެރިވި ޖަނާޒާ އަށް ވައިގެ ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ހަމަލާގައި ހޫތީންގެ ހަނގުރާމަވެރިންނާއި ސަލާމަތީ އޮފިޝަލުން މަރުވެފައިވާނެ ކަމަށް ބެލެވެ އެވެ.

ޔަމަނުގައި 2014 ވަނަ އަހަރު މަދަނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ވަނީ އެތައް ހާސް އާއްމުން މަރުވެފަ އެވެ. އަދި ސައުދީން އިސްވެ އުފައްދާފައިވާ ކޯލީޝަނުން މިދިޔަ އަހަރުގެ މާޗު މަހު ވައިގެ ހަމަލާތައް ފެށި ފަހުން އެތައް ހާސް އާއްމުންނެއް ވަނީ މަރުވެފަ އެވެ. ޔަމަން ހަނގުރާމައިގައި ވަނީ ގާތްގަނޑަކަށް ތިން މިލިއަން މީހުން ހާލުގައި ޖެހިފަ އެވެ.