Roadha Mihaaru
ޔަމަނަށް ހަމަލާ ދިނުމުގައި ސައުދީގެ ބޯޓެެއް ބައިވެރިވި

ޔަމަނަށް ހަމަލާ ދިނުމުގައި ސައުދީގެ ބޯޓެެއް ބައިވެރިވިކަން ހާމަވެއްޖެ

11 އޮކްޓޯބަރ 2016

ލަންޑަން (އޮކްޓޯބަރު 11) ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވައިގެ ހަމަލާ ދިނުމުގައި ސައުދީ އަރަބިއާގެ މަތިންދާ ބޯޓެއް ބައިވެރިވި ކަމަށް އެ ގައުމުން އެއްބަސްވި ކަމަށް އެނގިފައިވާ ކަމަށް ބީބީސީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (އޮކްޓޯބަރު 11) ޔަމަނުގައި ޖަނާޒާރެއް ކުރިއަށް ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވައިގެ ހަމަލާ ދިނުމުގައި ސައުދީ އަރަބިއާގެ މަތިންދާ ބޯޓެއް ބައިވެރިވި ކަމަށް އެ ގައުމުން އެއްބަސްވި ކަމަށް އެނގިފައިވާ ކަމަށް ބީބީސީން ބުނެފި އެވެ.

ޔަމަނުގެ ހޫތީ ސަރުކާރުގެ ދާޚިލީ ވަޒީރުގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނިކޮށް ދިން ހަމަލާގައި 140 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މިއީ އެ ގައުމުގެ ދެ އަހަރުވީ ދާޚިލީ ހަނގުރާމައިގައި ދިން އެންމެ ނުރައްކާ އެއް ހަމަލާ އެވެ.

ވައިގެ ހަމަލާ ތަހުގީގު ކުރުމުގައި އިނގިރޭސި ވިލާތުގެ އެދުމަކަށް ސައުދީން ބައިވެރިވާން އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. މި ހަމަލާގެ ބޮޑުކަމުން އިނގިރޭސިވިލާތުން ވެސް ވަނީ ތަހުގީގުގައި ބައިވެރިވާން ނިންމައިފަ އެވެ. ވައިގެ ހަމަލާ ސައުދީ ކޯލީޝަނުން ތަހުގީގު ކުރާ ގޮތް މޮނިޓާ ކުރުމަށް ވަކީލުންނާއި އަސްކަރީ އިންވެސްޓިގޭޓަރުންގެ ޓީމެއް ފޮނުވަން ވިސްނަމުންދާ ކަމަށް އިނގިރޭސި ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ވައިގެ ހަމަލާގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލައިފަ އެވެ.

ޔަމަނަށް ދިން ހަމަލާގެ ޒިންމާ އުފުލަން ސައުދީ ކޯލީޝަނުން ވަނީ ދެކޮޅު ހަދާފައި. --ފޮޓޯ:އޭއެފްޕީ

ޔަމަނަށް ދިން ހަމަލާގެ ޒިންމާ އުފުލަން ސައުދީ ކޯލީޝަނުން ވަނީ ދެކޮޅު ހަދާފައި. --ފޮޓޯ:އޭއެފްޕީ

ޔަމަނުގެ ހޫތީން ބުނަމުން ދަނީ ވައިގެ ހަމަލާދީފައި ވަނީ ސައުދީ ކޯލީޝަނުން ކަމަށެވެ. އެކަމަކު ސައުދީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ސައުދީގެ އޮފިޝަލަކު ބުނީ ތަހުގީގު ނިމުމުން ނޫނީ ހަމަލާއާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ނުބުނާނެ ކަމަށެވެ. ތަހުގީގު ނިންމުމަށް ދިގު މުއްދަތެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ޔަމަނަށް ދިން ހަމަލާގައި އާއްމުންގެ ގިނަ ބަޔަކު މަރުވެފައިވާތީ ސައުދީ އަރަބިއާ އަށް ހަތިޔާރު ވިއްކުން މެދުކަނޑާލުމަށް އިނގިރޭސި ވިލާތަށް ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އެމެރިކާ އިން ވެސް ބުނެފައި ވަނީ ސައުދީ ކޯލީޝަނަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމަށެވެ.