Roadha Mihaaru
"އަތޮޅު މުބާރާތުން އައި ޓީމުތަކުގެ ފެންވަރު އެބަހުރި"

މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ފެންވަރު އެބަހުރި: ގައުމީ ކޯޗު

28 އޯގަސްޓް 2017

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކުގައި މާލޭ ލީގުގެ ކްލަބްތަކާ ވާދަކުރެވޭނެ ފެންވަރު އެބަހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަތޮޅުތަކަށް ނިސްބަތްވާ ޓީމުތަކުގައި މާލޭ ލީގުގެ ކްލަބްތަކާ ވާދަކުރެވޭނެ ފެންވަރު އެބަހުރި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ މަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އިއްޔެ ހަތަރަށް ޓްރެއިނިން ކޭމްޕެއްގައި ފުރުމުގެ ކުރިން ގައުމީ ކޯޗު ސްޓެވާޓް ބުނީ މެޗަކަށް ފަހު މެޗެއް އަތޮޅު ޓީމުތަކުން ކުރިއަރަމުން އަންނަ ކަމަށެވެ.

"ވަރަށް ޝައުގުވެރިކޮށް ކުރިއަށްދަނީ. ފުރަތަމަ މެޗުތައް އެމީހުންނަށް އުނދަގޫކޮށް ފެނިގެންދިޔައީ. އެއީ ސްޕީޑާއި ފިޓްނަސް ކަހަލަ ކަންތައްތަކުގައި ހުރި ތަފާތެއް. މަޑުމަޑުން ނަމަވެސް އެ ތަފާތުތައް ކުޑަވަމުންދަނީ. މާލޭ ޓީމުތަކާއި އެ ޓީމުތައް (އަތޮޅުތަކުގެ ޓީމުތައް) އެއްވަރުވާތަން ވެސް ފެނޭ. ވަރަށް ރަނގަޅު ފައިޓެއް ދެމުން އަންނަނީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް،" އޭޝިއާ ފުޓްބޯޅައިގައި 20 އަހަރު މަސައްކަތް ކޮށްފައިވާ ސްޓެވާޓް ބުންޏެވެ.

އޭނާ ބުނީ ލީގުން ފެންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ރާއްޖެ 3-0 އިން ފަލަސްތީނު އަތުން ބަލިވި މެޗުގައި ފެނުނު ކަހަލަ ކަންތައްތަކެއް ކަމަށެވެ.

"ފެނިގެންދިޔައީ އަހަރެމެންނާ ފަލަސްތީނު މެޗާ ވީ ގޮތް ވާތަން. އަހަރެމެން ވެސް ތިބީ ތައްޔާރުވެގެނެއް ނޫން. ކޮންމެވެސް ވަރަކަށް ރަނގަޅަށް ފުރަތަމަ ހާފް ނިމެންދެން ފަލަސްތީނު މެޗުގައި ކުޅުނު. އޭގެ ފަހުން އަހަރެމެންގެ ވެސް މެޗު ފިޓްނަސް ކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ބައެއް ޓީމުތަކަށް (އަތޮޅު ޓީމުތަކަށް) ވާތަން އެބަފެނޭ. އެކަމަކު އެއީ ރަނގަޅު ކުރެވޭނެ ކަންތައްތައް،" ސްޓެވާާޓް ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގައި ގައުމީ ޓީމުން މުސްތަގުބަލުގައި ޖާގަ ހޯދޭނެ ކުޅުންތެރިން އެބަހުރި ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"އާ ޔަގީން ކަމެއް. އަހަންނަށް ފެނިއްޖެ ފަސް ވަރަކަށް ވަރަށް މޮޅު ކުޅުންތެރިން. އެ ކުޅުންތެރިންނަކީ މާލޭ ލީގުގައި ކުޅެން ޖެހޭ ކުޅުންތެރިން. އެއަށް ފަހު އެ ކުޅުންތެރިން ގައުމީ ޓީމާ ގުޅުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދާނެ،" ސްޓެވާޓް ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރަމުން އަންނަ ދ. ކުޑަހުވަދޫ، އއ. މާޅޮސް، ގދ. ތިނަދޫ އަދި ށ. މިލަންދޫ ޓީމުން މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ރަނގަޅު ގިނަ ކަންތައްތަކެއް ވެސް ފެނުނެވެ. ތިނަދޫ ޓީމު ނޫން ދެން އޮތް ތިން ޓީމުން ވެސް ގިނައީ މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.