Roadha Mihaaru
ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ

ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓެވާޓް މަރުވެއްޖެ

19 އޮކްޓޯބަރ 2018

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއާ ޑަރެން ސްޓެވާޓް ރޭ މަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިއާ ޑަރެން ސްޓެވާޓް ރޭ މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ތިން މެޗު ކުޅެދިން ސްޓެވާޓް އެންމެ ފަހުން އިރުޝާދުދިނީ ރާއްޖޭގެ ގައުމީ ޓީމަށެވެ. އޭގެ ފަހުން އޭނާ ޓީމަކާ ހަވާލުނުވެ އެވެ. އުމުރުން 52 އަހަރުގައި ސްޓެވާޓް މަރުވިއިރު، އެކަމާ ގުޅޭގޮތުން އޭނާގެ އާއިލާެގެ މެމްބަރަކު މީޑިއާގައި އަދި ވާހަކަ ނުދައްކަ އެވެ.

ސްޓެވާޓް ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ވަގުތީ އެއްބަސްވުމެއްގައި ގައުމީ ޓީމާ ހަވާލުވެ، އޭނާގެ އިރުޝާދުގެ ދަށުން ރާްއްޖެ ވަނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. އެފްއޭއެމުން ސްޓެވާޓާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު މާޗް މަހު އާ ކުރީ އޭޝިއަން ކަޕަށް ކޮލިފައިވުމާ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރުމަށް ޓާގެޓް ކުރުމަށް ފަހު އެވެ.

އެކަމަކު އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ނެރުނު ނަތީޖާތައް ދަށްވުމުގެ ސަބަބުން ސްޓެވާޓް ނުބަހައްޓަން އެފްއޭއެމުން ނިންމި އެވެ. އަދި އޭނާގެ ދެ ވަނަ ޓާގެޓް ކަމަށްވާ ސާފް ސުުޒުކީ ކަޕް ބާއްވާ ތާރީހު ލަސްވުމުން އެ މުބާރާތް ޖެހުމުގެ ކުރިން އޭނާގެ އެއްބަސްވުން ހަމަވުމުން އޭނާ ދޫކޮށްލަން އެފްއޭއެމުން ނިންމި އެވެ. ސްޓެވާޓްގެ އެއްބަސްވުން ހަމަވީ މި އަހަރު މާޗް މަހަށެވެ.

އޮސްޓްރޭލިއާގެ ކްލަބް ނިއުކާސަލް ޖެޓްސްގެ ޗީފް އެގްޒެކްޓިވް އަަދި ސްޓެވާޓާ އެކު ކުރިން އޭޕީއައިއޭ އަށް ކުޅުނު ލޯރީ މެކިނާ ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ސްޓެވާޓަކީ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ފަރާތެއް ކަމަށާއި އޭނާ އެހާ ޒުވާން އުމުރެއްގައި މަރުވުމުން އެކަން ގަބޫލުކުރަން ފަސޭހަައެއް ނޫން ކަމަށެވެ. އަދި އޭނާގެ އާއިލާ އަށް ކުރިމަތިމިވި އުނދަގޫ ވަގުތުގައި އެކުގައި ހުރި ކަމަށް ބުންޏެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް 1992 ވަނަ އަހަރު ތިން މެޗު ކުޅެދީފައިވާ ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.

ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.